ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށް ގެންދިޔައީ ޕީޕީއެމްގެ މައި އޮފީހުގައެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ޕީޕީއެމްގެ ބައެއް މެންބަރުން ބައިވެރިވެފައިވެއެވެ. ނަމަވެސް ބައްދަލުވުމާ ބެހޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިއްޔެ ވަނީ ރަށު ބަންދަށް ބަދަލުކޮށްފައެވެ. މި ލުއި އެމަނިކުފާނަށް ދެއްވާފައިވަނީ މީގެ 15 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ވާހަކަފުޅު ދެއްކެވުމުންނެވެ.

މީގެއިތުރުން މިލުޔަކާއި އެކު އެމަނިކުފާނަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް ވަޑައިގެންނެވޭނެއެވެ.

ނަމަވެސް ރައީސް ޔާމީނު ގޭބަންދުން ރަށު ބަންދަށް ބަދަލުކޮށްފައިވާކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި ނަމަވެސް ކަރެކްޝަނުން މިއަދު ބުނީ ރައީސް ޔާމީން ބަދަލުކުރީ ރަށު ބަންދަކަށް ނޫން ކަމަށާއި ގޭބަންދަށް ލުއިތަކެއް ދިނީ ކަމަށެވެ. އެއީ ސިއްހީ ކަންކަމުގައި ނުކުތުމަށް ދިން ލުއިތަކެއް ކަމަށާއި އެކަންކަމުގައި ބޭރަށް ވަޑައިގަންނަވާއިރު ކަރެކްޝަނަށް އަންގަންޖެހޭނެ ކަމަށެވެ.