ރީތި ހީނލުމަކުން މީހާގެ މޫނު އުޖާލާކޮށްލަދޭ އިރު އަނެކާގެ ސަމާލުކަން އެންމެ ފަސޭހައިން ދަމައިގަންނަނީ އެ ހީނލުމުން ފެނިގެންދާ ދަތްތަކެވެ. ސާފު ރީތި، ހުދުކަން ގަދަ، އޮފް އަރާ ދަތްތަކެއްނަމަ ކޮންމެ މީހަކަށްވެސް އެ މީހަކަށް ހާއްސަ ސަމާލުކަމެއް ދެވެއެވެ. އަނގައިގެ ދުޅަހެޔޮކަމަކީ މުޅި މީހާގެ ސިއްހަތަށް އެންމެ ބޮޑު އަސަރެއް ފޯރުވާ ކަންތަކެވެ. އެހެންކަމުން މިއީ ކޮންމެހެންވެސް ވަރަށް ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ގުނަވަނެކެވެ. އޭގެ ތެރެއިންވެސް ދަތުގެ ދުޅަހެޔޮ ކަމަކީ ކިހާ މުހިންމު ކަމެއްކަން އަހަރެމެންނަށް އިހްސާސް ކުރެވެނީ ގިނަފަހަރު ދަތްތައް ހަލާކުވާ ފަހުންނެވެ.

ހަގީގަތުގައި މޫނުގައި އުނގުޅާ ކްރީމްތަކާއި ސެރަމްތަކަށް ކުރާ ހަރަދު ހަމަ މި ދަތްޕިލައަށްވެސް ކުރަން ޖެހޭ ކަން އަހަރެމެންނަށް އިހްސާސް ނުވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ކޮންމެ ހަމަހަކުން އެއްފަހަރު ދަތުގެ ޑޮކްޓަރަކަށް ދައްކައި ބަލަހައްޓަމުން އަންނަ މީހުން ވަރަށް މަދެވެ. އެކަމަކު ހަގީގަތަކީ ދަތްތައް ރީތިކޮށް، ދުޅަހެޔޮކޮށް ގެންގުޅުމަށްޓަކައި މިއީވެސް ވަރަށް މުހިންމު ކަމެއްކަމެވެ.

ދަތްޕިލާ އޮފްކޮށް ހުދުކޮށްލުމަށް ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޕޮލިޝް ކުރުވުމުގެ ބަދަލުގައި އަމިއްލަ އަށް ސަމާލުވެ ހާއްސަގޮތެއް ދަތްތަކަށް ބެހެއްޓުން މާ ރަނގަޅު ނަތީޖާއެއް ދައްކާނެއެވެ. އެގޮތުން ގޭގައި އަބަދުވެސް ފްލޮސް ގެންގުޅެވިދާނެއެވެ. ފްލޮސްއަކީ ކޮންމެ ކެއުމަކަށްފަހުވެސް ބޭނުންޖެހޭނެ އެއްޗެއްކަން ޔަގީނެވެ. ކޮންމެ ކެއުމަކަށްފަހު ރީތިކޮށް އަނގަތެރެ ސާފުވާވަރަށް ދޮވެލުމަކީވެސް ދަތްތައް ކުދިކުދި ބަލިތަކާއި ލަސްލަހުން ހަލާކުވުމުން ދުރުކޮށްދޭކަމެކެވެ.

ދަތްއުނގުޅާ ކޮންމެ ފަހަރަކު ވަރުގަދަ ގަދަފަދަ ބޭސް ބޭނުން ނުކުރިއަސް ދަތްތައް އޮފްކޮށް ހުދުކުރެވިދާނެއެވެ. ލޮނާއި މާމުއި އެއްކޮށްގެން ދަތް އުނގުޅުމާއި، މަޑު ދަތް އުނގުޅާ ބުރުހެއް ބޭނުންކުރުމާއި ދަތްއުނގުޅާ 'ފްލޮސް' ބޭނުންކުރުމަކީ ތި ހީކުރާވަރަށްވުރެ މާބޮޑަށްވެސް ނަތީޖާ ރަނގަޅުވާނެ ކަންތައްތަކެކެވެ.

ދަތްތަކުގެ މަތީގައި ބެކްޓީރިއާތައް ޖައްސާލަން އަނގައިން އުފައްދާ ވަރުގަދަ އެސިޑް ނައްތާލުމަށް މާމުޔަކީ ހަމަ އެއްވަނައެވެ. މި ބުނާ އެސިޑާނުލައި ބެކްޓީރިއާއަށް ދަތްތަކަށް ގެއްލުންދޭ "ޑެކްސްޓްރާ"ނުއުފެއްދޭނެއެވެ. މާމުޔަކީ އަނގައިގެ ބަލިތަކުން ދުރުކޮށް ހިރުގަނޑުގެ ބަލިތަކުންވެސް ރައްކާތެރި ކޮށްދޭ އެއްޗެކެވެ. ގުދުރަތުގެ އެންމެ ވަރުގަދަ އެއް އެލިކްސިރުގެ ގޮތުގައި މާމުޔަކީ ދަތްތަކަށް ހުރި ގުދުރަތީ ބޮޑު ފަރުވާއެކެވެ.

މާމުއިގައި ހިމެނޭ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަކަކީ ގެއްލުން ހުރި ބެކްޓީރިއާތަކަށް ހުރި ނުރައްކަލެކެވެ. މާމުއިން ބެކްޓީރިޔާއާ ދެކޮޅަށް ހަނގުރާމަކޮށްގެން، އަނގައިން އުފައްދާ އެސިޑްގެ މިންވަރު މަދުކޮށްދެ އެވެ. އެ އެސިޑް ނެތި ބެކްޓީރިއާއަށް ދެން ޑެކްސްޓްރާންއެއް ނުއުފެއްދޭނެ އެވެ. މިބުނާ އެސިޑަކީ މުހިންމު ގޮތެއްގައި ބެކްޓީރިއާ ދަތުގެ މަތީގައި ޖައްސާލުމަށް އެހީތެރިވެދޭ ފާޑެއްގެ ތެރަހެކެވެ.

ކޮންމެވެސް ކަހަލަ ދަތް އުނގުޅާ ބޭހެއް މިކަމަށް ބޭނުން ކުރެވިދާނެއެވެ. ކުޑަކުޑަ ބޭސްކޮޅަކުން ފުދޭނެއެވެ. ބައި ސައިސަމުސާ މާމުއި އަނގަޔަށް އަޅައި ދަތްތަކުގެ އެތެރެއާއި ބޭރުގައި ހާކާށެވެ. މިއީ އަވަހަށް ކޮށްލަން ޖެހޭ ކަމެކެވެ. ދެން މަޑުމަޑުން ބޭސް ހާކާފައި ހުރި ބުރުހުން ދަތްތައް އުނގުޅާށެވެ. އަދި ސައިސަމުސާ މާމުއި އަނގައިގެ ވަށައިގެން އެއް މިނެޓް ވަންދެން އުނގުޅާލުމަށްފަހު ދެން އަނގަ ދޮވެލާށެވެ.

ވަކި ވައްތަރެއްގެ މާމުއި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް ހުންނަ އެ ދަތްތައް ސާފުކޮށް ކޮބަޑި ފިލުވައިލައެވެ. އެހެންނަމަވެސް ސީދާ އެ ވައްތަރު ނުވިޔަސް، ކޮންމެ މާމުޔަކަސް މިކަން ކުރެވިދާނެއެވެ. މާގިނައިން އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ ގޯސްވާނެކަމެކެވެެ. ހަމައެގޮތަށް މާމުއިން ދަތްއުނގުޅުމުގައިވެސް ހައްދެއް ގެންގުޅެން ވާނެއެވެ. ގިނަ މިންވަރު ބޭނުން ނުކުރުމާއި އަބަދުވެސް ދަތްތައް އުނގުޅައި ނިމިގެން ވަރަށްވެސް ސާފުވަންދެން އަނގަ ދޮންނަން ވާނެއެވެ.

މިއީ ދަތުގެ ސްޕެޝަލިސްޓް ޑރ ނަހާޒްއަބްރަހަމް އެޕްރޫވްކޮށްފައިވާ މައުލޫމާތުތައް ހިމަނައިގެން ލިޔެފައިވާ ލިޔުމެކެވެ.