ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ނަސްލު ނައްތާލުމުގެ ގަތުލް އާންމު ހިންގަމުން ދަނީ ކޮންމެ ދުވަހަކު އެމެރިކާއި ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތައް ބޭނުން ކޮށްގެންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އެމެރިކާގެ ދިފާއު ވުޒާރާ، ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކެރެޓަރީ ސަބްރީނާ ސިންގ އިޒްރޭލުގެ މީޑިޔާތަކަށް ދެއްވި ބަސްދީގަތުމަކާ ގުޅިގެންނެވެ.

"އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޮނުވަމުން މިދަނީ އިޒްރޭލުން އެދުނު މިންވަރަކަށް ވަކި ލިމިޓެއް ނެތި. ކޮންމެ ދުވަހަކު ހަތިޔާރުގެ ޝިޕްމަންޓައް އިޒްރޭލަށް ފޮނުވަމުން މިދަނީ" ސަބްރީނާ ވިދާޅުވިއެވެ.

އިޒްރޭލަށް ކޮންމެ ދުވަހަކު ހަތިޔާރުގެ ޝިޕްމަންޓްތައް އެމެރިކާއިން ފޮނުވާކަން ހާމަވެފައި މިވަނީ، ޒަޔަނިސްޓް އިޒްރޭލުން ފަލަސްތީނު ރައްޔިޔުންނާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ ގަތުލް އާންމުގައި މިހާތަނަށް 8،500 އެއްހައި މީހުން ޝަހީދު ކޮށްލާފައި ވަނިކޮށެވެ. މީގެ ތެރޭގައި 3500 އަށްވުރެ ގިނަ ކުޑަ ކުދިން ހިމެނެއެވެ.