"ބޯށި" މިއީ ވަރަށް އާންމުކޮށް ލިބެން ހުންނަ ބާވަތެއްގެ ތަރުކާރީއަކަށް ވިޔަސް ބައެއްފަހަރު މިއީ ބޭނުން ކުރަން މުހިންމު އެއްޗެއް ކަމުގައި ނުދެކި ކަނޑާލާފައި އެއްލާލެވެއެވެ. ބޯށި މިކިޔަނީ ކެޔޮނިރުގައި އަޅާ މާގަނޑަށެވެ. ސައިންޓިފިކް ގޮތުން "މޫސާ އެކިއުމިނޭޓާ" ކިޔާ މި މާގަނޑަކީ މޭވާއެއް ކަމަށްވިޔަސް މި ބޭނުން ކުރެވެނީ ތަރުކާރީގެ ގޮތުގައެވެ. މިއީ ކިހާ ވަރެއްގެ ފައިދާ ހުރި އަދި މީރުކޮށް ތައްޔާރު ކޮށްލެވޭ ތަރުކާރީގެ ބާވަތެއްކަން އެނގޭނަމަ އެގޮތަށް ކަނޑާ އެއްލާލުމުގެ ބަދަލުގައި ބޭނުން ކުރާނެކަން ޔަގީނެކެވެ.
ބަރުދަން ލުއިކުރަން ބޭނުންނަމަ ކެއުމަށް ހަމަ އެންމެ ރަނގަޅު ބޯށީގައި ހިމެނޭ ގިނަ ސިއްހީ ފައިދާތަކުގެ ތެރެއިން އޭގައި އެކުލެވޭ މައިކްރޯބްސް ގައިގެ ހަންގަނޑަށްވެސް ނުހަނު ފައިދާ ކޮށްދެއެވެ. ބޯށީގައި ހިމެނޭ އެންޓިއޮކްސިޑެންޓް ގެ ދެ މާއްދާ "ކުއެރސެޓިން" އާއި "ކެޓެޗިން" ގެ ސަބަބުން ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެއެވެ.
ގޭހުގެ މައްސަލައަށް އަދިި ޕީރިއަޑް ދުވަސްވަރު މާގިނައިން ލޭ އަންނަ ނަމަ އެކަމަށްވެސް ބޯއްޓަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. އެގޮތުން ބޯށި މަސްހުނި ތައްޔާރުކޮށްގެން ބަތާއެކު ނޫނީ ރޮށްޓާއެކު ނަމަވެސް ކެއުމުން މިދުވަސްވަރު ލުއިތަކެއް ލިބިގެންދާނެއެވެ. ގޭހުގެ މައްސަލަދިމާވާ ފަރާތްތަކަށް ބޯށީގައި އެކުލެވޭ ފައިބާ އަކީ ކާއެއްޗެހި އަވަހަށް ހަޖަމުކޮށްދޭ މާއްދާއާއި ފައިބަރުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދެއެވެ. މީގެ އިތުރުން ބޯށީގައި ހުންނަ ޒިންކު މާއްދާގެ ސަބަބުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އެގޮތުން ކަށި ފީ ކުރާ ހަތާތަކާއި ކަށި އުފައްދާ ހަތާތަކުގެ މަސައްކަތް އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.
އެންމެ ހާއްސަ އެއް ފައިދާއަކީ ބޯށްޓަކީ ލޭގެ ޕްރެޝަރ ދަށްކޮށްލަދޭ ވަރަށް ރަނގަޅު ތަރުކާރީއަކަށްވާކަމެވެ.
އާންމުކޮށް ދިވެހިންގެ ތެރޭގައި ބޯށީގައި ހުންނަ ކިރުން އެ ސާފުކޮށްލުމަށް ބޯށި ކޮށަނީ ލޮނުގެ ތެރެއަށެވެ. އެކަމަކު ހަގީގަތުގައި ލޮނުގެ ތެރެއަށް ބޯށި ކޮށުމުން އޭގައި ހުންނަ ލޭގެ ޕްރެޝަރ ދަށްކޮށްލަދޭ މުހިންމު މާއްދާ ޕޮޓޭސިއަމް ލޮނުގެ ތެރެއަށް ސާފުވެގެންދެއެވެ. އެހެންކަމުން ބޯށީގައި ހުންނަން ޖެހޭ މިންވަރަށް ލޭގެ ޕްރެޝަރ ދަށްކޮށްދޭން އެ ބޭނުންވާ ޕޮޓޭސިއަމް ހުންނަން ވާ މިންވަރަކަށް ނުހުރެއެވެ.
އެހެންކަމުން ބޯށި އެންމެ ރަނގަޅީ ލޮނުގެ ތެރެއަށް ކޮށުމުގެ ބަދަލުގައި ލޮނު ނާޅާ ފެންފޮދަކަށް ކޮށާލެވިދާނެއެވެ. އެއަށްވުރެވެސް ބޮޑަށް ރަނގަޅު ގޮތަކީ ރީތިކޮށް ތުނިކޮށް ކޮށާލުމަށްފަހު ތައްޔާރުކޮށްލުމެވެ. ހަމައެހެންމެ މާގިނައިން ތެޔޮބޭނުންކޮށްގެން ބޯށި ތެލުލުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ތެލަކީ ގިނައިން ބޭނުން ކުރުމުން ބަރުދަން އިތުރުވުމާއި ކޮލެސްޓްރޯލް މަތިވުންފަދަ މައްސަލަތަކުގެ އިތުރުންވެސް އެހެނިހެން ވަރަށް ގިނަ ބަލިތަކަށް މަގުފަހިކުރާ ބާވަތެކެވެ.
އެހެންކަމުން ބޯށި ތެލުލުމުގައި ވީހާވެސް ކުޑަތެޔޮ ފޮދެއް އަޅައިގެން މަތި ޖެހުމަށްފަހު ހަނާ ކޮށްލެވިދާނެއެވެ. ނޫނީ މަސްހުނި ތައްޔާރުކޮށްލެވިދާނެއެވެ. އަދި ހަމައެހެންމެ ބޯށިތުނިކޮށް ކޮށާލުމަށްފަހު އެހެނިހެން ދެތިން ބާވަތެއް، (ތުނިތުނިކޮށް ކުޑަކެބެޖްކޮޅެއް ކަހަލަ ކޮންމެވެސް ތަރުކާރީއެއް) އެއްކޮށްގެން ކޮންމެވެސް ކަހަލަ ސަޓަންޏެއްވެސް ތައްޔާރުކޮށްލެވިދާނެއެވެ. ޔަގީނުންވެސް މީރުރަހައަކާއެކު ސިއްހަތަށް ނުހަނު ބޮޑު ފައިދާއެއްކުރާނެއެވެ.