ކެއްސާބޭހެއް ބޮއެގެން ކުދިންތަކެއް މަރުވި މައްސަލައިގައި އެ ބޭސް އުފައްދާ ކުންފުނީގެ ސީއީއޯ އާއި އިތުރު ތިން މީހަކު ޖަލަށް ލައިފިއެވެ.

ބޭހުގެ ރައްކާތެރިކަމާ ބެހޭ ގާނޫނާ ހިލާފުވެ، 200 އަށް ވުރެ ގިނަ ކުޑަކުދިން މަރުވުމާ ގުޅިގެން އެކުންފުނީގެ ޗީފް އެގްޒެކެޓިވް އާއި އިތުރު ތިން އޮފިޝަލަކު ޖަލަށް ލުމަށް އިންޑޮނޭޝިއާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމުގެ އިތުރުން ވެސް ކޮންމެ މީހަކު 1 ބިލިއަން އިންޑޮނީޝިއާ ރުޕިއާ (63،029 އެމެރިކާ ޑޮލަރު) އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އިންޑޮނޭޝިއާގެ ކުންފުންޏެއް ކަމަށްވާ "އަފީ ފާމާ"ގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ގިނަ އަދަދަކަށް ވިހަ މާއްދާތައް އެކުލެވޭ ކެއްސުމުގެ ސިރަޕް ތަކެއް އުފައްދައި، (އެ ހަތަރު އޮފިޝަލުން) އެ ތަކެތި ޓެސްޓު ނުކުރާ ކަމަށް ބުނެއެވެ. އެ ކުންފުނީގެ ގާނޫނީ ވަކީލު ރެޒާ ވެންދުރަ ޕްރަޔޯގޯ ވިދާޅުވީ އިހުމާލުވި ކަމަށް ދެކޮޅު ހަދާ ކަމަށާއި އިސްތިއުނާފު ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ.

ކުޑަކުދިން ކެއްސާތީ ދޭ ބޭހުގައި ހިމެނޭ ޕްރޮޕަލީން ގްލައިކޯލް އާއި އެތަލީން ގްލައިކޯލް ހުރީ ހުންނަން ވާ މިންގަނޑަށް ވުރެ މާ މަތިކޮށެވެ. މި ގޮތަށް ހުރި ބޭސް ވިއްކަން ފަށާފައިވަނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ.

މި ގޮތަަށް ޕްރޮޕަލީން ގްލައިކޯލް އާއި އެތަލީން ގްލައިކޯލް މިންވަރަށްވުރެ އިތުރަށް ހުންނަ ބޭސް ބޭނުން ކުރާ ކުދިންގެ ތެރެއިން ގިނަ ކުދިންތަކަކަށް ކިޑްނީ ފެއިލް ވުމާއި އެހެނިހެންވެސް ސިއްހީ މައްސަލަތައް ދިމާވެއެވެ. އަދި އެކުދިންގެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.

އިންޑޮނޭޝިޔާގެ އެ ކުންފުނީގެ ސީއީއޯ 'އަރިފް ޕްރަސޭތިޔާ ހަރަހަޕް' އާއި އޮފިޝަލުން ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އެ ކުންފުނި ހުންނަ އިރުމަތީ ޖާވާ ޕްރޮވިންސްގެ ކެޑިރީ އަވަށުގެ ކޯޓަކުންނެވެ. ދައުވާ ލިބޭ މީހާ އަށް ނުވަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް އެދުނު ވަކީލުން ބުނީ، އަފީ ފާމާ އެ ކުންފުނީގެ ސަޕްލަޔަރު ފޮނުވި ތަކެތި ޓެސްޓު ނުކޮށް އޭގެ ބަދަލުގައި ބަރޯސާވެފައި ވަނީ ޕްރޮޑަކްޓްގެ ކޮލިޓީ އާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެ މީހުން ދިން ސެޓްފިކެޓްތަކަށް ކަމަށެވެ.

ރެޒާ އޮކްޓޯބަރު މަހު ރޮއިޓާސް އަށް ވިދާޅުވީ އިންޑޮނޭޝިއާގެ ޑްރަގް ރެގިއުލޭޓަރު ބީޕީއޯއެމް އިން ބޭސް އުފައްދާ ފަރާތްތަކުން މާއްދާތަކުގެ ހަރުކަށި ޓެސްޓްތައް ހަދަން ނުޖެހޭ ކަމަށެވެ.

އިންޑޮނޭޝިޔާގައި ކެއްސާބޭހުގެ މި މައްސަލަ ޖެހިގެން އުޅުނު ދުވަސްކޮޅު އިންޑިއާ އާއި އެފްރިކާގައި ވެސް އެތަކެއް ކުޑަކުދިންނެއް ކެއްސާތީ ބޭހެއް ބޮއެގެން މަރުވި މައްސަލަތައް ޖެހިގެން އުޅުނެވެ. ކަންތައް މިގޮތަށް ދިމާވުމުން ޑަބްލިއު އެޗް އޯއިން އެކަމުގައި ހަރުކަށި ފިޔަވަޅުތައް އަޅާ ތަހުގީގުތައް ހިންގުމަށް ވަނީ އަންގާފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާއިން އުފައްދާފައިވާ ދެ ބޭހެއްގައި މައްސަލައެއް އުޅޭތީ ޑަބްލިޔުއެޗްއޯއިން އެލާޓް ނެރުމުން ބޭސް ސިޓީއަށް އެ ބޭސް އެތެރެ ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް އެންގިއެވެ.

އިތުރު މައުލޫމާތު: ޕްރޮޕަލީން ގްލައިކޯލް އާއި އެތަލީން ގްލައިކޯލް

ހުންނަން ވާ މިންވަރަށް ވުރެ މަތިވެއްޖެނަމަ، ވިހަ ކޮށްލާނެއެވެ. އޭގެ ޒާތުގައި ވިހަ މާއްދާއަކަށް ނުވިޔަސް އެތަލީން ހުންނަންވާ މިންވަރަށްވުރެ އިތުރުވެއްޖެނަމަ ވިހަވާނެއެވެ. މިއީ ހަމައެކަނި ބޭސްތައްޔާރު ކުރަން ބޭނުން ކުރާ ބާވަތެއް ނޫނެވެ. ބޭހުގެ އިތުރުން ރީތިވާ ސާމާނު، ކާބޯތަކެތުި ތައްޔާރުކުރުމަށްވެސް އެތަލީން ބޭނުން ކުރެއެވެ.

އެތަލީން އޭގެ ޒާތުގައި ވިހަ ނުވިޔަސް ލައިކޯލް އަކީ އޭގެ ޒާތުގައި ވިހަ މާއްދާއެކެެވެ. މިއީ ބޭހުގެ އިތުރުން ދަވާދާއި، ގަލަމާއި ވެހިކަލް ބްރޭކް ފްލުއިޑް އުފައްދާ އިރު ބޭނުން ކުރާ ބާވަތެކެވެ.

ތަހުލީލުތަކުން ދެއްކި ގޮތުގައި އިންޑޮނޭޝިޔާގައި، މައްސަލަ ޖެހުނު ކެއްސާބޭހުގެ އެ ބެޗްގައި ގްލައިކޯލްގެ ތާސީރު 99 އިންސައްތައަށް ހުރި ކަމަށްވެއެވެ.