މިއީ ދިވެހީންގެ ހިތްތަކުން އެ ހަނދާންތައް ފިލާނުދާނެ ދުވަހެކެވެ. ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވީ ދުވަހެއްގެ ހަނދާންތަކެވެ. ރުއިމާއި ގިސްލުމުގެ އަޑު، ބަޑީގެ ވަޒަން ތެޅޭ އަޑުގެ ތެރެއަށް ހިނދިގެން ދިޔަ ވަގުތުތަކެއްގެ ހަނދާންތަކެވެ. މިއަދުގެ ތާރީހުގައި އަދުގެ ޅަޖީލަށް މިދުވަސް ނޭނގުނަސް، މިދުވަސް ތަޖުރިބާ ކުރި ޖީލުގެ ހިތާއި ސިކުނޑިން އެހަނދާންތައް ފިލުމެއް ނެތެވެ.

ފަންސަތިރީސް އަހަރު ކުރިިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވީ ބުރާސްފަތި ދުވަހުގެ ފަތިހުގެ އަމާންކަމާއި ހިމޭންކަން ނަގާލީ ސްރީލަންކާގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް، ޕްލޯޓް (PLOTE) ގެ ހަނގުރާމަވެރި ކުލީ ސިފައިން މާލެއަށް އަރައި ސިފައިންގެ މައިމަރު ހިފަން ބަޑި ޖަހަން ފެށުމުންނެވެ. ދިވެހިންގެ މަދު "ޚާއިނުން" ތަކެއްގެ އެހީގައި މާލެ ހިފުމަށް އެރި މި ބާޣީންނާ ދެކޮޅަށް ދިވެހި ސިފައި މެދުނުކެނޑި 18 ގަޑިއިރު ހަނގުރާމަކުރިއެވެ.

"ދަރިފުޅުގެ 3 ވަނަ އުފަންދުވަސް އެއީ، އޭނާގެ ބައްޕަ ކޭކެއްވެސް ގެނެސް އައިސްއަލަމާރީގައި ބަހައްޓާފައި ހުރީ، އުފަންދުވަސް ފާހަގަ ކުރަން ވަރަށް އުންމީދުކޮށްގެން ތިބީ. ފަތިހު ބަޑީގެ އަޑު އިވުމުން ފުރަތަމަ ވެގެން އުޅެނީ ކީއްކަން ނޭނގުނު. އެއިވެނީ ބަޑީގެ އަޑުކަން އެނގުމުން ވަރަށް ބިރުގަތް، ހުރި ހަމައެކަނި ދަރިފުޅު ގާތުގައި ބައިންދައިގެން ބިރުން ސިހިސިހި އިނދެވުނީ، މިގެ ކައިރީގައި ދިވެހިރާއްޖޭގެ އަޑު އޭރު ހުންނާނީ، އެމީހުން އައިސް އަޑަށް ވަދެގަތް ގަޑިއަކީ ވަރަށް ބިރުގަތް ވަގުތެއް، ދެން ތިބީ ދޮރުތައް ތަޅުލައިގެން، ދުއާކުރުން ނޫންކަމެއް ނުކުރެވޭނެ ދެއްތޯ،" އެދުވަހުގެ ފުރަތަމަ ތަޖުރިބާ މީހަކު ކިޔައިިދިނެވެ. މިއީ ގޭގެ އެތެރޭގައި ތިބި މީހުންގެ ހާލަތު ހުރި ގޮތެވެ.

ހަގީގަތުގައިވެސް އެއީ ބިރުވެރި، ހިތްދަތި ދުވަހެކެވެ. އެދުވަސް ލޮލުން ދުށް މީހުން އަދިވެސް އެދުވަހުގެ ވާހަކަ ކިޔައިދޭއިރު އެ އަސަރުތައް ހާމަވެ ފެނިގެންދެއެވެ.

މިދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމަށް ދިން އެ ވަރުގަދަ ހަމަލަތަކުން އެދުވަހު ރާއްޖޭގެ މި މިނިވަންކަމާ ވަގުތުކޮޅަކަށް ނަމަވެސް ކުޅެވުނީ ދިވެހިންގެ ބަޔަކު އެހީވެގެންކަމީ ހިތާމަހުރި ކަމެކެވެ. އަޅުގަނޑުމެންގެ މާތްވި އިސްލާމް ދީން ފޮހެލާ ގައުމު ނެތިކޮށްލުމަށް ނިރުބަވެރިން ދިން އެ ހަމާލަކުން ދިވެހިންގެ 19 މީހުންގެ ލޭ މި ފަސްގަނޑަށް އޮހުރުވައިލިއެވެ. ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދިޔަ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންގެ ލެއިން މި ދިވެހި ބިން ތަތްތަޅުވާލިއެވެ.

މީސްމީހުންގެ ގެދޮރުތަކަށް ގަދަކަމުން ވަދެ އެތައްބައެއްގެ މުދާ ލޫޓުވިއެވެ. ސަރުކާރުގެ އެތައްތަނަކަށް ބަޑިން ހަމަލާދީ ގެއްލުންދީ ލޫޓުވައިފައިވެއެވެ. ރަޙުމެއްނެތް ކުލުނެއް ނެތި އެތައް ޖަރީމާއެއް މި ދިވެހި ފަސްގަނޑުގައި ހިންގިއެވެ. ނަމަވެސް ﷲގެ މިންވަރުފުޅާއި ވާގިފުޅާއި އެކު އެ ނުލަފާ ނިރުބަވެރިން ނަށް އެންމެފަހުން ޖެހުނީ ހަތިޔާރު ބަހައްޓައި އަމާންދީ ފިލަން ދުއްވައިގަންނާށެވެ. ދިވެހި ސިފައިންގެ ކުރިމަތީގައި އިސްދަށަށް ޖަހައިލާށެވެ. އަވަށްޓެރި އިންޑިއާ ސިފައިގެން ކުރިމަތީ ކުޑަކަކޫ ޖަހާށެވެ.

ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ބަޑީގެ އަޑުފަށްގަނޑުން މުޅި ޖައްވު ގުގުމަމުން ދިޔައިރު، ދިވެހީންނަށް ތިބީ އެކަމުގެ ވާނުވާވެސް ނޭންގިފައެވެ.

ދިވެހި ގައުމީ ދިފާއީ ބާރާއި މި ހާއިނުންނާ ދެމެމެދު ހިނގަމުންދިޔަ ހަމަލާ ބަދަލުކުރުންތަކުގެ އަޑު މުޅިމާލެއަށް ފެތުރިދިޔައިރު މުވާސަލާތީ ގޮތުން އެހާ ކުރިއަރާފައިވާ ޒަމާނެއް ނޫންކަމުން، ރާއްޖޭގެ ހަބަރުތައް ހޯދުމަށް ދިވެހިން ބޭނުން ކުރަމުންދިޔަ މައި ވަސީލަތަކީ ރޭޑިއޯއެވެ.

އޭރުގެ ހުރިހާ ހަބަރެއް އަތޮޅުތެރެއަށް ފަތުރަމުން ދިޔަ "ދިވެހިރާއްޖޭގެ އަޑު"ގެ ހިދުމަތް މެދުކެނޑި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކަމެއް ގޯސްވެގެން އުޅޭކަމުގެ އިހްސާސް ކުރުވިއެވެ. ވެރިރަށް މާލެއަށް ބާއީން އަރައިގެން އުޅޭކަމުގެ ހަބަރު އަތޮޅުތެރޭގައި ދިރިއުޅުނު ރައްޔިތުންނަށްވެސް އިވިގެން ދިޔައިރު ބައެއް ރަށްރަށަށް މި ހަބަރު ފޯރުކޮށްދީފައިވަނީ ވޯކީ ޓޯކީ މެދުވެރިކޮށެވެ.

ބިރުވެރިކަމާއި ނަމާންކަން ވެރިވެގެންދިޔަ މި ހަބަރާއެކު، ދިވެހިންގެ ކުދިބޮޑު އެންމެން އަވަސްވެގަތީ މިސްކިތްތަކަށް އަރައި ދުޢާކުރުމަށެވެ. މާލެއާއި ރާއްޖޭގެ ރައްތައް ތަކްބީރުގެ އަޑުން ގުގުމާލިއެވެ. އަބަދުވެސް ދިވެހިންގެ އެންމެ ވަރުގަދަ ހަތިޔާރު ދުއާއަށްޓަކައި އަތްތައް އުފުލާލިއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކޮށްދެއްވުން އެދި ދިވެހިންގެ އިސްލާމީ ވަޙްދަތު ހިމާޔަތްކޮށްދެއްވުން އެދި ކުރަމުން ދިޔަ ދުއާ އޯގާވަންތަ ރަސްކަލާނގެ ހަޒްރަތުން އިޖާބަކުރެއްވިއެވެ. ފުރިހަމައަށް ތައްޔާރުވެ، ހަތިޔާރާއެކު އައިސް ކުއްލިއަކަށް ދިން ހަމަލާތަކުންވެސް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ދިވެހިރާއްޖެއަށް ވަނީ ބާޣީންގެ އަތްދަށުން ނަސްރު ލިބިފައެވެ.

ނޮވެމްބަރ،3، 1988 ގެ ހަނދާންތަކުގެ ތެރެއިން

ކަންވެގެން ދިޔަ ގޮތަށް ކުރު ގޮތަކަށް ބަލާލާއިރު، ދިވެހި ސިފައިންގެ ހިތްވަރުން ދިން ގަދަފަދަ ހަމަލާގެ ކުރިމަތީގައި ބާޣީން ދިޔައީ ބަލިވަމުންނެވެ. އަދި ދެން އެމީހުންނަށް އިތުރު ނާ އުންމީދަކާ ކުރިމަތިވީ އަވަށްޓެރި އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަންނަ ހަބަރާ އެކުގައެވެ. މި ހަބަރާއެކު ބާޣީން މަސައްކަތް ފެށީ ފިލައިގެން ދިޔުމަށެވެ. އަތުޖެހުނު ދިވެއްސަކު ވިއްޔާ ރަހީނުކޮށްގެން މާލޭގެ ބަނދަރުގައިއޮތް، އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓަކަށް ގެންދިޔައެވެ. އަދި އޭގައި ފިލައިގެން ދިޔުމަށް ދަތުރުފެށިއެވެ. އޭގައި ރަހީނުންގެ ގޮތުގައި 27 ދިވެހިން ގެންދިޔައެވެ. އޭގެ ތެރޭގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަހްމަދު މުޖުތަބާގެ ދެކަނބަލުން ވެސް ހިމެނިވަޑައިގަތެވެ.

ބާޣީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ފޮނުވީ ހަނގުރާމަ މަތީ ތިން މަނަވަރާއި ސޯޅަ ސަތޭކަ ސިފައިންނެވެ. އިންޑިއާއިން ފޮނުވި އެހީގެ ލަޝްކަރަށް މާލެއާ ހަމައަށް އާދެވުނީ ނޮވެމްބަރުމަހުގެ ތިންވަނަދުވަހުގެ ރޭ 10:00 އެހައިކަންހާއިރުއެވެ. އައުމާއެކު ކުރި މަސައްކަތުން އަދި ދިވެހިން ސިފައިންގެ މިސާލެއްނެތްފަދަ ހިތްވަރާއި މިންނަތުން އަމާންކަމުގެ ތަކުބީރުގެ އަޑު ގުގުމައިގެންދިޔައީ ހަމަ ވަރަށް އަވަހަށެވެ.

ނޮވެމްބަރ،3، 1988 ގެ ހަނދާންތަކުގެ ތެރެއިން

ބަދަލުކުރެވެމުން ދިޔަ އެ ނުރައްކާތެރި ހަމަލާތަކުގައި އަދުގެ ބަތަލް ޝަހީދު ޙުސައިން އާދަމް ދެއްކެވި ހިތްވަރަކީ ދިވެހި ފަސްގަނޑުގައި ދިވެހިން އުޅޭހާ ހިނދަކު ހަނދާނުން ފޮހެވޭނެ ކަމެއްނޫނެވެ. ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކުމަށްފަހު އޭނާ އެވީ ޝަހީދެވެ. ޝަހީދު ޙުސައިން އާދަމްގެ ފުރާނައަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ތިރީސް ފަސް އަހަރު ފަހުން މިއަދަކީވެސް އަނެއްކާވެސް އެ ބިރުވެރި ބުރާސްފަތީގެ ހަނދާން އާވެގެންދާ ދުވަހެކެވެ. އެބުރާސްފަތި ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެދުވަހުން އިބުރަތް ލިބިގަނެ، އެދުވަހުގެ މަތިން ހަނދާން ކުރުމަށެވެ. ބޭނުމަކީ އަދިވެސް އެފަދަ ދުވަހެއް ކުރިމަތިވެދާނެތީ ތައްޔާރަށް ތިބުމެވެ. ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްގެން ތިބުމެވެ.

ރާއްޖެއަކީ އަސްކަރީގޮތުން ވަރުގަދަ ޤައުމަކަށް ނުވެފައި، އެފަދަ ޙަމަލާއަކަށް ދިވެހި އަސްކަރިއްޔާއިން ތައްޔާރުވާނެ ވަގުތުވެސް ނުލިބި ކުށްލިއަކަށް ދިން މިޙަމަލާއިން ދިވެހިންނަށް ލިބިގެންދިޔަ ނަސްރަކީ ހަގީގަތުގައިވެސް އަޖާއިބު ކުރަނިވި ކަމެކެވެ.

މިފަދަ ކޮންމެ ހާދިސާއަކުންވެސް ގައުމާއި، އިސްލާމްދީނާމެދު ދިވެހިންގެ މެދުގައި އޮންނަ އިހްލާސްތެރިކަން އެނގި ހާމަވެގެންދެއެވެ. ދިވެހިން އެ ހާސްކުރުވަނިވި ނާޒުކު ދަނޑިވަޅުގައިވެސް ރައްކާތެރިކަމަށް އެދުނީ މާތްﷲ ގެ ހަޒްރަތުންނެވެ. އެދުވަހު ދިވެހިންނަށް ލިބުނު ނަސްރުގެ ހަގީގީ ސިއްރަކީ ދީނީ އެއްބައިވަންތަކަމާއި، އިހްލާސްތެރިކަމެވެ. މިއީ ދިވެހިންގެ ހިތްތަކުން ފިލާނުދާނެ ހަނދާނަކަށް ވާފަދައިން މިއީ އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި އާލާކުރުވަން ވެސް ޖެހޭ ހަނދާންތަކެކެވެ. އެހެނީ މިއީ އިބްރަތާއި ފިލާވަޅުން ފުރިގެންވީ ދިވެހިން ނަމޫނާއަކަށް ފެނިގެންދިޔަ "ބޮޑު" ދުވަހަކަށް ވާތީއެވެ.