ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަދަށް އެޖެންޑާކުރި ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާމް ފޮނުއްވުމުން ކެންސަލްކޮށްފިއެވެ.

މި ޖަލްސާ ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ ޖަލްސާ އަށް ސަލާމްފޮނުއްވާފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ހެނދުނު މެމްބަރުންނަށް އަންގާފައެވެ. ޖަލްސާ ކެންސަލް ކުރިކަން މަޖިލީހުގެ މެމްބަރުންނަށް މެސެޖަކުން އެންގީ ހެނދުނު 7:00 ހާއިރުއެވެ.

މަޖިލީހުގެ އިދާރާއިން ފޮނުވި އެ މެސެޖުގައި ބުނެފައިވަނީ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ސަލާމް ފޮނުއްވާފައިވާތީ، އެ ޖަލްސާ ކެންސަލް ކުރެވުނު ވާހަކަ ދަންނަވާ ކަމަށެވެ.

މިއީ މި މައްސަލަ އެޖެންޑާ ކުރި 5 ވަނަ ފަހަރެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ.

އެ މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެމްޑީޕީންވަނީ އެދިވަޑައިގެންފައެވެ.

އަދި މި މައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު 9:45 ގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.