ސުޕްރީމްކޯޓުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ތަދައްހުލް ވާން ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ނަމަވެސް ސީދާ ޕާޓީން ތަދައްހުލްވާން ހުށަހަޅަން މިއަދު ނިންމައިފިއެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:00 ގައި ބާއްވަން އެކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ތަދައްހުލްވާން ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި ސީދާ ޕާޓީގެ ފަރާތުން އެ މައްސަލައިގެ ތެރެއަށް ވަނުމަށް ވަނީ ފާސްކޮށްފައެވެ. އެ ނިންމުމާ އެކު ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުގެ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓުން ކުރަމުން އަންނަ ކަން އެނގިފައިވެއެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޕީޕީއެމް/ޕީއެންސީ އަށް ތަދައްހުލުވާން ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ. ވަކިވަކި މެމްބަރުންނަށް ތަދައްހުލް ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ދުސްތޫރީ މައްސަލައަކަށް ވާތީއެވެ.

ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަދަށް އެޖެންޑާކުރި ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާމް ފޮނުއްވުމުން ކެންސަލް ކުރި އިރު، މިދިޔަ ހަފްތާގައި ވެސް ޖަލްސާތައް ދިޔައީ އެގޮތަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބާކީ ބައިގައި ހަރަދުތައް ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވާފައި އޮތަސް، ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދިރާސާކުރުމުގެ މަސައްކަތް ނުފެށި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުންނެވެ.