ފަލަސްތީނުގެ ޣައްޒާގައި ޓެރަރިސްޓް އިޒްރޭލުން ހިންގަމުންދާ ޢުދުވާންތައް ދައްކުވައިދޭ ސެޓްލައިޓް ފޮޓޯތައް އެމެރިކާއިން ޕްރެޝަރު ކުރުމުގެ ސަބަބުން ސެޓްލައިޓް ކުންފުނިތަކުން ޣައްޒާގެ މަންޒަރުތައް ފޮހެލައިފިއެވެ.

ޣައްޒާގެ މުއާސަލާތީ ހުރިހާ ޚިދުމަތެއް އިޒްރޭލުން ރޭ ކަނޑާލާފައިވާއިރު، އިންޓަނޭޝަން މީޑިޔާތަކުން ޣައްޒާގެ މަންޒަރުތައް ބަލަމުން ދިޔައީ ހައި ރިސޮލިއުޝަންގައި ލިބެމުންދިޔަ ސެޓްލައިޓް ފޮޓޯތަކުންނެވެ. އެކަމަކު ސެޓްލައިޓް ފޮޓޯތަކުން އާންމުން ކުރަމުންދިޔަ ބައެއް ކުންފުނިތަކުން މިހާރު ވަނީ ޣައްޒާގެ މަންޒަރުތައް ފޮހެލައިފައެވެ. އަދި މިޚިދުމަތް ދެމުން އަންނަ ބައެއް ކުންފުނިތަކުން ޣައްޒާގެ މަންޒަރުތައް ވަރަށް ނުސާފުކޮށް، އަދި ވަގުތު އޮޅުވާލުމަށްފަހު ގެންދަނީ ޕަބްލިޝް ކުރަމުންނެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ އެއްގަމު މަގުން ޣައްޒާއަށް އަރައި އެތަން ހިފުމަށް ދެހަފްތާއެއްހައި ދުވަސް ވަންދެން ސަހްޔޫނީ އިޒްރޭލު ސިފައިން ހިންގަމުން އަންނަ ޓެރަރިސްޓް ހަރަކާތްތައް ދުނިޔެއަށް ހާމަވިޔަ ނުދިނުމަށް އެމެރިކާއިން ކުރި ކަމަކެވެ. އަދި އެއްގަމު މަގުން ފަލަސްތީނުގެ މުޖާހިދުން އިޒްރޭލަށް ދެމުންދާ ގެއްލުންތައްވެސް ފޮރުވެން އޮތީ ސެޓްލައިޓް މެދުވެރިކޮށް ހައި ރިސޮލިއުޝަންގައި މީޑިޔާތަކަށް ލިބެމުންދިޔަ ފޮޓޯތައް ހުއްޓުވައިގެންނެވެ.

އެމެރިކާ އާއި އިނގިރޭސިން އަދި ހުޅަނގުގެ އުޅުވެތި ކުރުމުގެ މާޒީ އޮތް ޤައުމުތަކުގެ އެހީގައި އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޖަރީމާތައް ހިންގަމުން އަންނަތާ އެއްމަސް ދުވަސް ވެފައިވާއިރު ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 9،700 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ.