ބޭވަފާތެރި އެކުވެރިޔާ (2)

5

ބޭވަފާތެރި އެކުވެރިޔާ (ދެވަނަ ބައި)

 

Advertisements

މުސައްނިފާ ރޯޒީ ޝަރީފް

ވަރަށް މަޖަލުގައި އެމީހުންގެ ދަތުރު ނިމުނީ އަހްމަދު ޝަފްރާޒް އާއި ޝީތަލް އޮފީސްދެރަހްމަތްތެރިންގެ ގޮތުގައި ތައާތަފް ވެގެންނެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރީގައި ޖަހާފައިހުރި ފަންކާގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ. މުޅި ދުނިޔެ ވެސް ނިދާފައި އޮތް ކަހަލައެވެ. އެނދުގައި ލެނގިލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ޝީތަލް ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ.

ޑިޔުޓީ ނިންމާފަ އައިސް އެނދުގައި ޖައްސާލުމާއެކު ނިދޭނެ ނަމައޭ ޝީތަލްގެ ހިތަށްވެސް އަރައެވެ. އެހެނަސް އެކަނިވާނެ ފުރުސަތު ލިބެނީ ހަމައެކަނި މިގަޑީގައި ކަމުން ސިކުނޑީގައި އުތުރިއަރާ އެތަކެއް ޚިޔާލެއް މިވަގުތު ޝީތަލްގެ ވަށާލައެވެ.

ރޫޅިގެން ދިޔަ ކައިވެނިއެވެ. ފުން ހަނދާންތަކެވެ. ލަންކާގައި ކިޔަވަން އުޅުއިރު އުޅެވުނު ދުނިޔެއެވެ. އެއެކަނި ވެރިކަމެވެ. މަންމަ މަތިން ޝީތަލް ވަރަށް ހަނދާންވެއެވެ. ޝައިނާ މެންގެ މަންމަަ ހުންނަ ހެން ޝީތަލްގެ މަންމަ ނެތެވެ. ހެޔޮ ނަސީހަތެއް ދޭކަށްވެސް މަންމަ ނެތެވެ.

މިހާތަނަށް ކަން ހިނގަމުން އަންނަ ގޮތުން ކޮންމެ ދުވަހަކީ ޝީތަލް އަށް ބަދުނަސީބު ދުވަހެކެވެ. ކޮންމެ ކަމެއް ޝީތަލްގެ ހިތަށް ދަތި ކުރަމުންދެއެވެ. މިހާލުގަ އިންދާ ޝަފްރާޒް ކަހަލަ މީހަކު ގުޅުމަކީ ލިބުނު ރަހްމަތެކޭ ޝީތަލް ހިތަށް އެރިއެވެ.  އަދި ފުރަތަމަ ފެނިލުމުންވެސް ޝީތަލް އަށް ޝަފްރާޒް އާއި ގަޔާވެވުނު ވީއްޔާއެވެ. އެކަމަކު އެއީ އެއްވެސް ހާލެއްގައި އެހެންމީހެއްކާރީ އޭނާ ބުނިވާހަކައެއްނޫނެވެ.

ޝީތަލްއަށް ޤުދުރަތުން ދެއްވާފައިވަނީ ބަލާ ކޮންމެ މީހެއްގެ ލޯ ޙަސަދަވެރިވާފަދަ ޗާލުކަމެކެވެ. ގިނަ އެކުވެރިން ޝީތަލްގެ ތިބެއެވެ. ސުކޫލް ދައުރުގައެވެ. އެއިން ކޮންމެ މީހެއްގެ މަންމަގެ ވާހަކަ ދައްކާއިރަށް ޝީތަލްގެ ލޮލުން ކަރުނަ ފާއްދާލައެވެ. ޙުދު ޝީތަލްއަށްވެސް މަންމަޔަކަށް ނުވެވުނެވެ. ޝީތަލް އަކީ  ނިކަމެތި ޢާއިލާއެއްގެތެރޭ ބޮޑުވަމުން އައި އަންހެން ކުއްޖެކެވެ. ސުކޫލް ނިންމާފަ ޝާހިދު އާއި އޭނާ ކައިވެނި ކުރިގޮތަށް މާލެއަށް ބަދަލްވީއެވެ. ޝާހިދު ބޭނުންވަނީ ޝީތަލް ގޭގައި ހުރުމެވެ. ބިޒްނަސް ބެލެހެއްޓުމެވެ. ދަރިން ހޯދުމަކީ ޝާހިދުގެ މެނިފެސްޓޯގައި ވަރަށް ދުރުގައި ވާ މާއްދާއެކެވެ. ގެވެހި އަންބަކަށް ހުރުން އެއްއިރެއްގަވެސް އޭނާގެ ހިތުގައި އޮތްކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ މަތީތަޢުލީމް ޙާސިލް ކުރާށެވެ. ވަޒީފާ އަދާކުރާށެވެ. އެކެއްނުވަތަ ދެދަރިންގެ މަންމަޔަށް ވާށެވެ. އެހެނަސް ފަނަރަ އަހަރު ކައިވެނިޔަށް ވިއިރުވެސް ޝީތަލް މަންމަޔަކަށް ވުމުގެ ނަސީބު ނުލިބުނެވެ. ޝާހިދު ބުނާގޮތުން އެއީ އެހާ މުހިންމު ކަމެއްނޫނެވެ. ޝާހިދުގެ ކުރީގެ ކައިވެނިން 3 ކުދިން ލިބިފަ އެބަތިއްބެވެ. އެކުދިން ތިބެނީ އެކުދިންގެ މަންމަ ކާރީގައެވެ. ޝާހިދު ގިނަފަހަރު އެކުދިންނާއި ބައްދަލެއްވެސް ނުކުރެއެވެ. ފައިސާގެ އެހީދެއެވެ. މިކަންމިވީ ގަހަކަށް ނެތްލޯތްބެއްފަތަކަށް ނުހުންނާނެޔޭ ބުނާއުސޫލްއެވެ. 15 އަހަރު ކޮށްފަވެސް ޝީތަލް ޝާހިދު އާއި ވަކިވީ ޝީތަލްގެ ހިތުގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް އޮތީމައެވެ. އާހް އަކާއެކު ބާލީސް ނަގާ ގަޔާ ކައިރިކޮށްލަމުން ޝީތަލް ލޯމަރާލިއެވެ. މާދަމާ ވެސް ޑިޔުޓީއަށް ދާން ޖެހޭނެވިއްޔާއެވެ.

ހެނދުނު ތެދުވެ ކުރަންހުރި ކަންތަކުން އަވަދިވެގެން ޝީތަލް އަށް ކިރިޔާ ގަޑިއަށް ޑިއުޓީއަށް ފޯރީއެވެ. ޝީތަލްް ކުރިމަތިލާފައިވާ އެތަށް ކަސްޓަމަރުންނެއް ތިއްބެވެ.

ޝަފްރާޒް އަށް ޝީތަލް ފެނުމާއެކު އައުމަށް އަތުން ޢިޝާރާތް ކުރިއެވެ. އިއްޔެގަ ދިމާވެފަ އޮތީމާ ޝަފްރާޒް އަކީ ވަރަށް ގާތް މީހެއް ކަމަށް ޝީތަލް ދެކުނެވެ. ޝަފްެރާޒް ހަނާ އަޅާފަ ކައިރިޔަށް އައުމަށް ޝީތަލް އަށް އިޝާރާރް ކޮށްލިއެވެ. ލަދުވެތި ހިނިތުންވުމަކާއެކު  ޝީތަލް ހިނގައިގަތެވެ. ކައުންޓަރު ހުޅުވާލާފަ ހުދުކުލައިގެ ގަނޑުތަކެއް ނަގައިގެން އެ ގަނޑުތަށް ގެންގޮސް ޝަފްރާޒް އަތަށް ދިނެވެ.

“މީތި ދޯ ބޭނުންވެގެން ތިއުޅުނީ” ޝީތަލް އަހާލިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ޝަފްރާޒް ބޯޖަހާލަމުން އޭނާގެ މޭޒް ކާރިޔަށް ދިޔައެވެ.

“މަންމާ..މިތަނަށް ތިޔައީ ކީއްކުރަން” ޝީތަލްގެ ކޮއްކޮ އެތަނަށް ވަދެގެންއައި ދެވަންފުރަންގެ އަންހެނަކާއި ދިމާލަށް ބަލާފަ ބުނެލިއެވެ. ޝީތަލް މާނަފުންނަޒަރަކުން ވަދެގެން އެއައި އަންހެން މިހާއަށް ބަލާލިއެވެ.ހަމައެގޮތަށް ޝީތަލްގެ ކޮއްކޮ އާންތުވެސް އެދެމީހުންނަށް ބަލާލިއެވެ. ވަރަށް މާނަ ފުންކޮށެވެ. އެކަމަކު ރައްދު ގައި އެއްވެސް ކޮޅަކުން ވާހަކައެއް ނުދައްކައެވެ. ކާރޫ ބާރޫ ބޮޑުތަނެއްގަ ވާނީވެސް އެހެންނޫންތޯއެވެ.

ޝީތަލްގެ ކޮއްކޮ “މަންމާ އޭ..”  ކިޔާލާފަ ވަދެގެން އައި އަންހެން މީހާއަށް ނިސްބަތް ކުރުމުން އެތައް ސުވާލެއް އޭނާގެ ހިތުގައި އުފެދުނެވެ. އެހެނަސް ޝީތަލް އިތުރު ސުވާލެއް ނުކޮށް ކައުންޓަރާއި ދިމާލަށް އެނބުރުނެވެ. އެއީ ޝީތަލް އަށް އާކަމެއް ނޫނެވެ.  ވަރަށް ގިނަ ކުދިން  މަންމަ މެންގެ ވާހަކަ ޝީތަލް ކާރީ ދައްކައެވެ. ޝީތަލް  އެހުރިހާ ވަގުތެއްގެ ހުންނަނީ ހީމޭން ކޮށެވެ.

ޝީތަލް އަތުގައި ތަޢުލީމީ ސެޓްފިކެޓް އެބަހުއްޓެވެ. އޯލެވެލްއިން އެކަށީގެންވާ ރަނގަޅުފާހެއް ލިބިފައިވެއެވެ. ވަރީގެ ފަހުން ލަންކާއަށް ގޮސް އޭނާ އިތުރު ތައުލީމް ޙާސިލް ކުރިއެވެ. މިއަދު އޭނާއަކީ ޤާބިލް މީހެކެވެ. ވަޒީފާގައި މަސައްކަތް ކުރާ ހުނަރުވެރިކަނބަލެކެވެ. ގިނަ އަންހެންކަނބަލުންނަށް ނަމޫނާއެކެވެ.

“އެއީ އަހަރުމެންގެ އާދޮންއަމާ” އާންތު އައިސް ޝީތަލްގެ ކާރީ ބުނެލިއެވެ.

ޝީތަލްވެސް އާންތުވެސް އެމީހުންގެ އަސްލު މަންމަ ލޮލުން ނުދެކެއެވެ. އެމީހުން ކުޑައިރު މަންމަ އެމީހުން ދޫކޮށް ދިޔައީއެވެ. ބައްޕަ ދެމަހުން ދެމަހުން މަންމަ ބަދަލް ކުރެއެވެ. އަދި މިއީ ކަލޭމެންގެ މަންމައޭ ކިޔާފަ ދައްކައެވެ. މިއަދު އެސްޓީއޯއަށް އައީ އެންމެ ފަހުން ބައްޕަ ކައިވެނި ކުރި މީހާއެވެ. އެކައިވެނި ކުރީ ޝީތަލް ރާއްޖެއިން ބޭރުގަ ހުއްޓައެވެ. އެހެންވެ އަދި ޝީތަލް އަށް އޭނާ ނުފެނި ހުރީއެވެ.

ޝީތަލްގެ ޚިޔާލުގެ ނާ ގޮސް ހުއްޓުނީ އޭގެ 13 އަހަރު ކުރީގެ ހަނދާނަކަށެވެ. ބައްޕަގެ އެދުމުގެ މަތިން ދެބެއިން ބޮޑުދައިތަގެއަށް ބަދަލު ކުރެވުނެވެ. އޭރު ބައްޕަ އުޅެމުން ދިޔައީ ދޮންމަންމަޔާއި އެކު ދޮންމަންމަ މެން ގޭގައެވެ. އޭރު ޢާއިލާގެތެރޭގައި މުޅިންވެސް އޮތީ އެމީހުންގެ ބައްޕަ ނަސީމް އާއި މަންމަ ފަރީދާގެ ވާހަކައެވެ. ދެއަންހެން ދަރި ކުޑައެވެ. ފަރީދާ އާއި އެކު ނަސީމްގެ މައްސަލަތަކެވެ. ކޯޅުންތަކެވެ. ކުޑަ ދެއަންހެން ދަރިން ވެފައިވަނީ ޢާއިލާއަށް އޮތް ބޮޑު ބުރައަކަށެވެ. ކުދިވެރިން އެއްގެއިން އަނެއްގެޔަށް ދަމާ ވާހަކައެވެ. ނަސީމް މީހަކާ އިންނައުޅޭ ވާހަކަނޫން ވާހަކައެއް ނޯވެއެވެ.މަންމަވެސް އެހެން މީހުންނާއެކު ދާވާހަކައެވެ. ބިޓުން ނަގާވާހަކައެވެ.

ޝީތަލްގެ ސްކޫލުން ރައްޓެހި ކުދިންނާ ދިމާވުމުންވެސް ހަމަ އެއް ވާހަކައެކެވެ.

“ޝީތަލް މަންމަޔަކީ ވަރަށް ގޯސް މީހެއްދޯ؟” ރައްޓެހިކުއްޖަކު ޝީތަލް ގާތަށް އައިސް ސުވާލު ކޮށްލިއެވެ.

“ވެ،..ވެދާނެ ތިހެންވެސް. މަންމަޔަކާ އެހާ ރައްޓެއްސެއްނޫން”

ޝީތަލް ދޭނެ ޖަވާބެއް ނޭނގި އަޅައަޅައިގަންނަމުން ބުނެލައެވެ. ހަމަ އެދުވަސްކޮޅު ބޮޑުދައިތަމެންގެޔަށް ޝީތަލް އާއި އޭނާގެ ކޮއްކޮ އާންތު ގެންދިޔައެވެ. އައްޑޫއަށެވެ. މާލެ ދޫކޮށްފައެވެ. މަންމަޔަށް ވީގޮތެއް ނޭނގެއެވެ. ތުންތުން މަތިން އިވުނު ގޮތުގަ ބައްޕަގެ އެންމެ ގާތް ރަހްމަތްެތެރިޔާއާއި އެކު މަންމަ ފިލީއެވެ. ބައްޕަގެ އެއްވެސް ކުށެއް ނުފެނެއެވެ. ގިނަވާހަކަ ދައްކަން ތިބެނީ ހުސް ބައްޕަގެ މީހުން ވީޔާއެެވެ. މާލޭގެ ގެދޮރުވެސް ހުރީ އެމީހުންގެ ވީއްޔާއެވެ. މަންމަޔަކީ އައްޑޫ މީހެކެވެ. އަބަދުވެސް ވަރިއެއްގައި ކުށްވެރިވަނީ އަންހެންމީހާއެވެ.

ދެކުދިންނަށް އެނގޭހާވެސް އެއްޗަކީ މަންމަޔަކީ ވަރަށް ގޯސް މީހެއްކަމެވެ. ނޫނީ މަންމަ ގޯސްވީ ދެކުދިން ވިހޭ ފަހުން ބާވައެވެ؟ އޭރު ޝީތަލްގެއުމުރުން 7 އަހަރެވެ، އާންތު އަދި މާކުޑައެވެ. އެދެމީހުން ބޮޑުވެގެން އައިއިރު އެމަންމަ ވީތަނެއް އެކަކަށްވެސް ނޭނގުން އެއީ ކިހާ ބޮޑު މައްސަލައެއްހެއްޔެވެ؟ ބޮޑުދައިތަ ބުނާގޮތުން މަންމަ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ އާއިއެކު ފިލައިގެން ދިޔައީއެވެ. ކުދިން ދެކިލަންވެސް ނާދެއެވެ. ފޯނެއްވެސް ކޮށްނުލައެވެ. ބައްޕަ ދޮންމަންމަ ގެނެސް ގެފުރާލާނެއެވެ. ދެއަނބިން ބައްޕަގެ ނެތްފަހަރެއް ނެތެވެ.

ޝީތަލްއާއި އެނާގެ ކޮއްކޮ އާންތުގެ ހަޔާތުގައި ކުރިއަށްދިޔަ މަގު އޮޅި ވިއްސިވިހާލިވެފާވެއެވެ. އަސްލު މަންމައެއްގެ ލޯބިން މަޙްރޫމް ވިއެވެ. މިސަބަބާހެދި ޢާއިލާ ރޫޅި ކުދިންބިކަވީއެވެ. މިކަމުގައި އެކުދީންގެ ކުށެއް ނެތް ކަމުގައިވިއަސް މުޖުތަމަޢު މިކަން ޤަބޫލެއް ނުކުރެއެވެ. ޢާއިލާގެ ތެރޭވެސް ޝީތަލް މެންގެ މަންމައަށް އޮންނަ ނަފްރަތެއްގެ ބޮޑުކަމުން އެނަން ދުލުކުރިން ބޭރުކުރަންވެސް ޝީތަލްމެން ޖެހިލުންވެއެވެ. އެމަންމަގެ ފޮޓޯއެއްހައި މިންވަރުވެސް ޝީތަލްމެން ނުދެކެވެެ.

ޝީތަލް އާއި އާންތު ބޮޑުދައިތަގެ ގޭގައި އުޅެމުންދިޔައެވެ. ބޮޑުދައިތައަކީ ދަރިން ލިބުމުން މަޙުރޫމު ވެފައިވާ މީހެއްކަމުން އެމީހުން ޝީތަލް އާއި އާންތު ބަލައިގަތީ ދަރިންގެ ގޮތުގައެވެ. އެހެނަސް ދަރި ކުލުނަކީ ޖެއްސޭ އެއްޗެއް ނޫނެވެ. އެއީ ޖެހޭ އެއްޗެކެވެ. ޝީތަލް އަށް ބައެއްފަހަރު ބޮޑުދައިތަގެ ރުޅިވެރިކަމާއި ނަފްރަތުގެ ކަނިތަކުން ސަލާމަތެއް ނުވެވެއެވެ. އާންތު ކުޑަ ވީމާ އޭނާއަށް ބޮޑުދައިތަ މާރަނގަޅޭވެސް ޝީތަލްގެ ހިތަށް އަރައެވެ.

“ޝީތަލް ….” ޝައިނާ އައިސް ބާރަކަށް ގޮވާލުމުން ޝީތަލް ސިހިގެން ގޮސް ހީޔާލީ ދުނިޔެއިން މިހާރުގެ ދުނިޔެއަށް ހޭލެވުނެވެ.

” ކޮންކަމަކަށްތަ ގެއްލިފަ ތިހިރީ އެތާ އެކޮޅުގަ ހުރެ އަހަރެންނާއި އަހަރެންގެ ފިރިމީހާ ކަލެއަަށް ގޮވާތާ ކޮންއިރެއް”  ޝައިނާ އޭނާ ގެ އަތުގައި ހުރި ކޮތަޅު ޝީތަލްގެ ކައުންޓަރ މަތީ ބާއްވާލަމުން ދުރަށް އިޝާރާތް ކޮށް މީހަކު ދައްކާލަމުން ބުނެލިއެވެ.

“އެހެރީ އަހަރެންގެ ފިރިމީހާ. ސަޕްރައިޒް”

ޝީތަލް އެމީހާ ހުރިދިމާލަށް ބަލާލިއެވެ. އެވަގުތަކީ ފޮތްބޮނޑިތަކެއް ހިފައިގެން އެމީހާވެސް އެނބުރިލި ވަގުތެވެ، އާދެ އެއީ ދެވަނަ މީހެއް ނުނެވެ. އެއީ އިއްޔެގަ ދަތުރުގަ ދިމާވި އަދި މިއަދު އޮފީހުން ދިމާވި ޝަފްރާޒްއެވެ. ޝީތަލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ސިއްރުން އޭނާ ކަރުނަ ބޭރަށް އަޔަ ނުދީ ހުއްޓުވިއެވެ. އެކަރުނަ އައީ ކޮންއަސަރެއްގައި ކަމެއް ޝީތަލްއަށް ނޭނގުނެވެ. ޝީތަލް ސަލާމަތުގެ އައްސޭރިއަކަށް ވާސިލު ވެވިފައިވި ކަމުގައި ހީވިއަސް ޙާލާއިމެދު ހިތާމަކޮށް ލޮލުން ކަރުނަ އޮހުރުވުން ނޫންދެން އޭނާއަށް އޮތީ ކޮންގޮތެއް ބާވައޭ އޭނާ ހިތަށް އެރިއެވެ. ޝަފްރާޒް މިވީ އޭނާގެ އެންމެގަތް އެކުވެރިޔާގެ ފިރިމީހާއަށެވެ. މިއީ ކޮންފަދަ ޢިމްތިހާނެއްބާވައެވެ. ޝަފްރާޒްގެ އަތުގައި ހިފައިގެން ޝައިނާ ދިޔަތަން ބަލަން މިއަދު އޭނާ އެހުރީއެވެ. ވާންވީ އުފާކަމެއް ނުވަތަ ރޯންވީ ކަމެއް އޭނާއަށް ނޭނގުނެވެ. އެވަގުތު އާންތު އައިސް އޭނާ ގޮވާލިއެވެ. ދިޔަ މަގުމަތީ އާންތުވެސް ޝައިނާ އާއި އޭނާގެ ފިރިމީހާއާއި ދިމާވިއެވެ. ޝައިނާ ފެނުމާއެކު އާންތު ކަރާކަރުޖައްސާ ޝައިނާއާއި ސަލާމްކުރިއެވެ. ދަމުން އަނެއްކާވެސް ޝީތަލް ކައިރިޔަށް އައިސް ޝީތަލް އާއިވެސް ޝައިނާ ކަރާކަރުޖައްސާ ސަލާމްކުރިއެވެ. ޝަފްރާޒް ހުރީ ހިމޭނުންނެވެ.

” ދައްތާ މިހިރީ ދެމީހުން ކާންވެގެން މަންމަ ގެނައި ތަކެތި އެމަންމަ ވަރަށް ރަނގަޅު ވަރަށް ބޮޑަށް ދައްތަގެ ވާހަކަ ދައްކާ އޭނާވެސް ރާއްޖެއިން ބޭރުގަ އުޅެފަ އެއައީ ބައްޕަ އާއި އޭނާ ދިރިއުޅެނީ އިންޑިޔާގަ. އަބަދުވެސް ދައްތަގެ ވާހަކަ ދައްކާ އަދި ދައްތަގެ ކުރީގެ ފިރިމީހާ ޝާހިދުވެސް މަންމަޔަށް އެނގޭ ކުރީދުވަހެއްގަ ބައްދަލުވެސް ކުރި އެވެސް މަންމަގެ ދުރުތާ ތިމާގެ މީހެއްޔޯލަޔޯ.

ޝީތަލްގެ ޙަޔާތަށް އިންގިލާބެއް އައީ  ޖެހިގަން އައިދުވަހު ބާޒާރު ކުރަންދިޔަ ދިއުމުގައި ފިހާރައެއްގެ ތެރެއިން ފެނުނު ކުއްޖަކު ދިން ސިގްނަލް އަކުންނެވެ. މިކަން ވަންހަނާގައި އޮތީ ކުޑަ ދުވަސް ކޮޅަކަށެވެ.

އޮފީސް ނިމުމާއެކު ޝީތަލް ދިޔައީ އާޓިފިޝަލް ބީޗަށެވެ.ދަބަހުގައި ވާ ޝީތަލްގެ ފޯނު ރިންގުވަމުން ދިޔައެވެ. އެހެނަސް ޝީތަލް އެއްވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. އަތިރިމަތީ ހުރި ގަހެއްގެ ދަށުގައި ދެއަތް މޫނުމަތީ އަޅައިގެން ކަނޑުގެ ރާޅުގެއަޑު އަހަން އޭނާ އިންއިރު މިއަދު އެފެނުނުމަންޒަރު މިހާރުވެސް އޭނާގެ ހަނދާނަށް އާދެއެވެ. އެހިތްދަތިކަން ހަނދާން އާކުރަމުން ފެންކަޅިވެ ހުރެ ޝީތަލް އަނެއްކާވެސް ޚިޔާލުގެ ތެރެއަށް ގެނބިގެންފިއެވެ.

ޝައިނާ ގެޔަށް އާދެވުމާއެކު ޝަފުރާޒް ކާރީ ދައްކަން ފެށީ ޝީތަލްގެ އާއި އާންތުގެ ވާހަކަ އެވެ. ޝީތަލް އާއި އާއިންތު އަކީ ޝައިނާގެ ގާތް ދެރަހްމަތްތެރިން ކަން ޝަފްރާޒްއަށް އެނގުނީ މިއަދު އެވެ. ޝައިނާގެ އެއްވެސް އުފަންދުވަހެއްގަވެސް އަދި ކައިވެނީގެ ހަފްލާއިންވެސް އެދެމީހުން ނުފެނެއެވެ. ހަމަ ކުއްލިޔަކަށް މިއަދު މީހުންގެ ހަޔާތަށް މިނަން އައުމުން ފަހެ ހައިރާން ނުވާންވީ ކީއްވެބާވައެވެ.

“އަސްލު މިޝީތަލްއަކީ ޝައިނާގެ ކޮންދުވަސްވަރެއްގެ އެކުވެރިޔެއްތަ؟” ޝާފްރާޒް އާފަލެއް ކަމުން އިނދެ ބުނެލިއެވެ.

ޝައިނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ފޮތުގައި ކުލަޖައްސަން އިނީއެވެ. އެކަމަކު ޝަފްރާޒް ދައްކަމުންދާވާހަކައަށް ބައިވެރިވުމުގެ ގޮތުން ހޫނއެއް ނުވަތަ އާނއެކޭވެސް އެއްކޮއްލައެވެ.

“ޝީތަލްދޯ.. ޝަފްރާޒް އެހާ ބޮަޑަށް ޝީތަލްގެ ވާހަކަ އަހަން ޝައުގުވެރިވީ ކީއްވެތޯ އަހާލެވިދާނެތަ؟  އާއިންތުވެސް އެބަހުއްޓެއްނު”

ޝައިނާ މިހެން އަހާލީ ކޮން އަަސަރެއްގައިކަމެއް ނޭނގެއެވެ އެހެނަސް އެއީގައިމުވެސް ޝައިނާ ޝަފްރާޒްގެ ކާރިން ޖަވާބު ބޭނުންވާ ސުވާލެކެވެ. އަދި ޖަވާބެކެވެ.

“މި ފާއިތުވެދިޔަ އެތަށް އަހަރަކު ޝިތަލް ގެ ވާހަކައެއް އާންތުގެ ވާހަކައެއް ނުދައްކާ ކުއްލިޔަކަށް މިއަދު އެދެމީހުން ފެނިގެން ޝައިނާގެ އެކްޝަންހުރިގޮން ހީވަނީއަހަރުތަކެއް ވަންދެން ގެއްލިފައިވާ ލޯބިވެރިންތަކެއްހެން”

ޝަފްރާޒްގެ މިވާހަކައަށް ޝައިނާ ބާރަށް ހޭންފެށިއެވެ.

ނުނިމޭ

Advertisements
Avatar
ރޯޒީ ޝަރީފަކީ ، ލިޔުންތެރިކަމަށް ޝަޢުގުވެރިކަން ހުންނަ، މިހާރުވެސް ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދާ ލިޔުންތެރިއެކެވެ. ޚާއްސަޮށް ވާހަކަ ލިޔުމާއި، ބިއުޓީ އާއި ބެހޭ ލިޔުންތަަށް ފަރިތަ ލިޔުންތެރިއެެވެ.

5 COMMENTS

  1. Shali and iburaitheri we love your thoughts and story Rozy and Ashiya good job girls Wow vara
    When is the 3rd part i

  2. ވާހަކަ ވަރަށް ހަބޭސް ..ރޯޒީ ވީ ލަވްޔޫ.. ރޯޒީގެ ވާހަކަތައް ވަރަށް އަސަރުގަދަ ވާނެ.
    ތިންވަނަ ޕާރޓް އަވަސްކޮއްލާ

Comments are closed.