ދުވަހުގެ ސައުވީސްގަޑިއިރު ތެރޭ، ނުވަތަ ދުވާލަކަށް އިރު އަރައިގެން ގޮސް އިރުއޮއްސި، ކުރަން ހުރި ކަންތައް ކޮށް ނިންމާލެވުނު ކަމާމެދު އޮޅުން އަރައި ކަންބޮޑު ވާ ގޮތް މެެދުވެރިވޭބާވައެވެ. ނުވަތަ ކުރެވުނު ކަންތައް ފުރިހަމަ ކުރެވުނު ކަމާމެދު ހިތްހަމަޖެހޭ ބާވައެވެ. ނޫނީ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވުނު ކަމާމެދު ޝައްކު އުފެދި ހާސްވާ ގޮތެއް ވޭ ބާވައެވެ؟

ދައްކަން މިއުޅެނީ ކުރިއަށް އޮތް ދުވަސް ނުވަތަ ދުވަސްތައް ހޭދަކުރާނެ ގޮތުގެ ތާވަލެއް ގެންގުޅުމުގެ ވާހަކައެވެ.

ކުރިއަށް އޮންނަ ހަފްތާއަށް ތާވަލެއް ހެދުމަކީ މުހިންމުކަންތައްތަކާއި އިސްކަން ދޭން ޖެހޭ ކަންކަން އެ ތާވަލު ކޮށްފައިވާ ކަލަންޑަރުން ހަނދާން ކޮށްދޭނެ ކަމެކެވެ، އަދި ތިމާއަށް ބުރަ، ދަތި ދިރިއުޅުމެއްގައި އުޅެމުން ދިޔަ ކަމުގައި ވިޔަސް އެއްކަލަ ހާއްސަ ކަންކަމާއި އޭގެ ފަހަތުން ތަރުތީބުވެގެން އަންނަ ކަންކަމަށް ވަގުތު ހޯދަން ފަސޭހަ ވެގެންދާނެ ކަމެއްވެސްމެއެވެ.

އަދުގެ ތަރައްގީވެފައިވާ، ޓެކްނޮލޮޖީގައި ކުރިއަރައިގެން ގޮސްފައި މިއޮތް ޒަމާނުގައި ފޮތާއި ފަންސޫރު ނުވަތަ ގަލަން މިފަދައިން "ޕްލޭނެއް ރާވައި ލިޔުމަށް" ކޮންމެހެން ބޭނުމެއް ނުވެއެވެ. އެއަށްވުރެ ފަސޭހަ ގޮތްތައް ބައިވަރެވެ.

މިއަދު މިބޭނުމަށް ހާއްސަަކޮށްގެން ތައްޔާރުކޮށްފައިވާ އެތަކެއް އެޕެއްވެސް އެބަހުއްޓެވެ. ސީދާ ފޯނުގެ ރިމައިންޑާ އަށް ލުމުގެ އުނދަގޫވެސް އުފުލާނެ ކަމެއް ނެތެވެ. މި އެޕްތަކުގައި ތާރީހާއި ދުވަހާއި ވަގުތުގެ އިތުރަށް ތާވަލުކޮށްލަން ފަސޭހަ ކޮށްދިނުމުގެ ގޮތުން އެކި އެކި ދާއިރާތަކަށް ސެކްޝާން ގޮތަށް ބަހާލާފައި ހުންނަ އެޕްތައް ވެސް ހުރެއެވެ.

ކުރިއަށް އޮތް ހަފުތާ ރޭވުމުގެ އެންމެ ބޮޑު އެއްފައިދާ އަކީ، ނޭނގި ކުއްލިއަކަށް ކަމެއް ކުރިމަތިވުމުން ނުވަތަ ބަޔަކު އެހެންކަމަކަށް މަޖްބޫރުކުރުމުން، ތިމާއަށް މުހިންމު ނޫންކަމެއް ކަމުގައި ވަންޏާ އެ ޕްލޭންގައި ޝާމިލުނުވުމަށް "ނޫނެކޭ" ބުނުމުގެ ހިތްވަރި ލިބުމެވެ.

މިގޮތަށް ރޭވުންތެރިކަމާއެކު ދުވަސް ތާވަލުކޮށްފައި އޮތުމުން މިވެނި ކަމަކަށް ވަގުތު ހަދާނީ ކޮންއިރަކުތޯ ވިސްނައި ހާސްވެ ކަންވޮޑުވާކަށް ނުޖެހޭނެއެވެ. އަދި މިގޮތަށް ޕްލޭނެއް ހަދާފައި އޮތުމުން ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ.

މިއީ ދިރިއުޅުމުގެ ކާމިޔާބީގެ އެތައް ދޮރު ހުންނައިރު އޭގެ ތެރެއިން އެންމެ ވަރުގަދަ އެއް ދޮރުގެ ތަޅުދަނޑިކަން ގައިމެވެ. އޭގެ ހެއްކަކީ، ދުނިޔޭގެ ނަންމަޝްހޫރު އެންމެ ކާމިޔާބު މީހުންގެ ތެރެއިން، އީލޮންމަސްކް، ސްޓީވްޖޮބްސް، އާނެސްޓްހެމިންވޭ، ބެންޔަމިން ފްރެންކްލިން، ފަދަ އެތައް ބަޔަކު ދުވަސްހޭދަކުރާނެ ގޮތުގެ ތާވަލެއް ގެންގުޅެއެވެ.

މިފަދަ ތާވަލަކީ މީހާއަށް ހަމަހަމަ އަމާން ދުޅަހެޔޮ ދިރިއުޅުމެއް ލިބިދޭ ކަމެކެވެ. އާއިލާއާއި ސިއްހަތާއި ވަޒީފާގެ ކުރި އެރުމަށްވެސް މިތާވަލު އެހީތެެރިވެދެއެވެ. އެމެރިކާގައި އޮފީސްތަކެއްގެ މުވައްޒަފުންނާއި ހައިސްކޫލެއްގެ ދަރިވަރުން ހިމަނައިގެން މިކަމަށް ވަނީ ދިރާސާއެއް ކޮށްފައެވެ. ދިރާސާ ދައްކާ ގޮތުގައި 28 އިން ސައްތައަކީ ވިސްނުމުގެ ދާއިރާގައި ދުވަސްހޭދަކުރުމުގެ ތާވަލު ރާވާ މިހުންނެވެ. 63 އިންސައްތަ އަކީ ފޯނާއި ޑައިރީ ނުވަތަ ނޯޓުފޮތް ކަހަލަ އެއްޗެހީގައި ތާވަލު ކުރާ މީހުންނެވެ. ބާކީ 7 އިން ސައްތަ މީހުންނަކީ މިފަދަ އެއްވެސް ކަމެއް ކުރާ ބައެއް ނޫނެވެ.

ދުވަސް ހޭދަކުރާނެ ގޮތުގެ ތާވަލެއް ރޭވުމުގައި ބައެއް ކަހަލަ މުހިންމު ކަންތައްތައް ކޮންމެހެންވެސް އެތާވަލުގައި ހިމަނަން ޖެހެއެވެ. ތަފާތު އެކި މީހުންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ތަފާތު ގޮތްތަކަށެވެ.

އެމީހެއްގެ ދުވަސް ހޭދަ ކުރާނެ ގޮތް ތާވަލުކުރާނީ ކޮންމެ މީހަކުވެސް އަމިއްލައަށެވެ. އަބަދުވެސް އިސްކަން ދޭން ޖެހޭ ކަންކަން ތަރުތީބުވެފައި ހުރުން މުހިންމެވެ.

އެންމެ އާދައިގެ ތާވަލެއްގައި ކޮންމެހެންވެސް ހިމެނުން މުހިންމު ކަންތައްތަކުގެ ތެރޭގައި

  • އަބަދުވެސް އާދަވެ ނިދާހޭލާ ގަޑިއާއި ނިދަން އޮށޯންނަ އެއްގަޑިއަކަށް ހެދުން
  • ސިއްހަތަށް ފައިދާ ހުރި ދުޅަހެޔޮ ނާސްތާތައް ކެއުން. ހައިބަނޑާ ނުހުރުން.
  • ކަނޑައެޅޭ ވަގުތެއްގައި ކަސްރަތު ކުރުން.
  • ދުވަހުގެ މަސައްކަތަށް ދިއުމުގެ ނުވަތަ ފެށުމުގެ ކުރިން، ގަޑީގެ ކުރިން އެތަނަކަށް ހާޒިރުވުން،
  • ދުވަހުގެ މަސައްކަތް ދާނެ ގޮތުގެ ކުރުހުލާސާއެއްކޮށް މަސައްކަތަށް ތައްޔާރުވުން.
  • ގެއަށް އައުމަށްފަހު އާއިލާއަށް ވަގުތުކޮޅެއް ދިނުން
  • ރޭގަނޑު ނިދުމުގެ ކުރިން ދަތްއުނގުޅައި، އަތްފަޔާއިމޫނު ދޮވެ، ވުޟޫ ކޮށްލުން

މިފަދަ ތާވަލެއްގައި އަހަރެމެންނަކީ މުސްލިމުންކަމުގައި ވީހިނދު ފަސްވަގުތުގެ ނަމާދާއި ހެނދުނާއި ހަވީރުގެ ޒިކުރުން ހިމެނުން ވަރަށްވެސް މުހިންމެވެ.

[ނޯޓް: މި ލިޔުމުގައި ވާ މައުލޫމާތު ނަގާފައިވަނީ ޓައިމްލީ(timely)، ޕްލޭންޒާ(planzer) މި ދެސައިޓުންނެވެ.)