އަނިޔާއިން ސަލާމަތްވެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ކުޅުނު ފުރަތަމަ މެޗުގައި ދެލަނޑު ކާމިޔާބުކޮށް، އަލްވެސްގެ މައްޗަށް 2-1 އިން ބާސެލޯނާއަށް ކުރި ހޯދައި ދީފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗުގައި އަލްވެސްއިން ލީޑް ނެގީ މެޗް ފަށައިގެން 17 ވަނަ ސިކުންތުގައެވެ. ބާސެލޯނާއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ލެވަންޑޮސްކީ 53 އަދި 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ދެލަނޑުންނެވެ.

މިމެޗް ކޮންޓްރޯލްކޮށް ބާސެލޯނާއިން ކުޅެ 11 ހަމަލާ އުފެއްދިއެވެ. މީގެ ތެރެއިން 6 ހަމަލާ އަލްވެސްގެ ގޯލަށް އަމާޒުވިއެވެ. އަލްވެސްއަށް މުޅި މެޗުގައިވެސް ބާސެލޯނާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މިމޮޅާއެކު ބާސެލޯނާ ތާވަލުގެ ތިންވަނައިގައި އޮތީ މިހާތަނަށް ކުޅުނު 13 މެޗުން ހޯދި 30 ޕޮއިންޓާއެޖުއެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 32 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި 34 ޕޮއިންޓާއެކު އޮތީ، މަޝްހޫރު މެންޗެސްޓަރ ސިޓީ ހިންގަމުން އަންނަ އަބޫދާބީ ކުންފުންޏާއި މެންޗެސްޓަރ ސިޓީގެ މަޝްހޫރު ކޯޗް ޕެޕް ގާޑިއޯލާގެ ހިއްސާ އޮންނަ ޖިރޯނާއެވެ.