މަސައްކަތްކުރާ ހިތްވަރުގަދަ އަންހެނުން ދިވެހިރާއްޖޭގައި ވަރަށް ގިނައެވެ. ނަމަވެސް އެހެންމީހުނަށް ހިތްވަރުދީ އެހެން އަންހެނުން މަސައްކަތުގެ މައިދާނަށް ނެރުމަށް މަސައްކަތް ކުރަނީ މަދު ބައެކެވެ. މި ފަދަ އަންހެނުންގެ ތެރެއިން ހ. ރުކުމާގޭ ނަސްރީން ކަރީމް ރައްޓެހީން ކިޔާ ގޮތުންނަމަ ނައްޓި އަކީ ފާހަގަ ކޮށްލެވޭ ކަނބަލެކެވެ.

ނަސްރީނު ކަރީމް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ ނެތެމުންދާ ދިވެހި ރަހަތައް ދިވެހި ބަދިގެތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައެވެ. ދިވެހި ހަވާދާއި، ދިވެހި ހެދިކާގެ އިތުރުން ތަފާތު ބާވަތްތަކުގެ ފޮނިކާތަކެތި ތައްޔާރު ކުރުމަށް ނައްޓި ވަރެއް ނެތޭ ދެންނެވިދާނެއެވެ. އޭނާގެ ރަހަތައް އެހާވެސް މީރެވެ.

ކާއެއްޗެހި ހެދުމަށް ޝަޢުގުވެރިވި ގޮތް

ނައްޓި ބުނުއްވާ ގޮތުގައި އޭނާގެ މާމަ އާއި މަންމަ ވެސް ވަރަށް މީރުކޮށް ކާއެއްޗެހި ހައްދަވައެވެ. ޚާއްޞަކޮށް ދިވެހި ކާނާ ތައްޔާރުކުރުމަށް ނައްޓި މަންމަ ވަރަށް ކުޅަދާނައެވެ. "ކަށިކެޔޮ ފޯއް، ދިޔާހަކުރުލީ ގަބުޅި ފޮޅި، ދޮން އަނބު ރިހަފަދަ ތަކެތި މަންމަ ވަރަށް މީރުކޮށް ހައްދަވާނެ. ނައްޓިއަށް މި ހުނަރު ލިބުނީ މަންމަގެ ކިބައިން،" ނައްޓި ބުނުއްވިއެވެ.

މަދަރުސީ ދައުރުއްސުރެ ކެއްކުމަށް ޝައުގުވެރިކަން ހުންނަ ނައްޓި އޭނާގެ މަންމަ މަސައްކަތް ކުރައްވާއިރު ގާތުގައި ހުންނަވައިގެން މަސައްކަތް ދަސްކުރެއްވިއެވެ. އެހެންކަމުން ނައްޓިވެސް ވީ ތަފާތު ރަހަތައް ދެނެލައްވާ މޮޅު ކެއްކުންތެރިއަކަށެވެ. ނައްޓިގެ ދަރިން، މަތީ ތަޢުލީމު ޙާޞިލް ކުރަން ސިރީލަންކާއާއި އިންޑިޔާގައި ތިއްބެވިއިރު ނައްޓި އެ ޤައުމުތަކުން ވެސް ކެއްކުމުގެ ކުރު ކޯސްތައް ހެއްދެވިއެވެ. އެހެންކަމުން ނައްޓި އަކީ މިހާރު ޒަމާނީ ބޭރުގެ ރަހަތައް ދެނެލައްވާ އެ ރަހަތައް އެހެން މީހުންނަށް އުނގަންނައިދެއްވާ އެދުރެކެވެ. ޕިއްޒާ ކޭކު، މަލާބާރީ ޑެޒަޓް، ޕެންޑަލް ބޯޅަ ފަދަ ތަކެތި ނައްޓި ވަރަށް މީރުކޮށް ހައްދަވައެވެ. މިކަހަލަ އެތައް ކެއުމަކާއި ބުއިންތަކެއް ނައްޓިގެ ފޭސްބުކު ޕޭޖުން ފެންނާނެއެވެ. އަދި މީގެ އިތުރަށް އެކި ބާވަތްތަކުގެ ބިރިޔާނި، ގިތެޔޮ ބޯކިބާ ކިރުބޯކިބާ، ފިނިފެން ބޯކިބާ، ކިރުކެޔޮ، ފަޅޯފަނި މިހެން ގޮސް މި ލިސްޓް ކޮޅުން ނުލާވަރަށް ދިގު ކުރެވިދާނެއެވެ. އެއީ ނައްޓިއަށް ތައްޔާރުކޮށްލަން ނޭނގޭނެ ކާނާގެ ބާވަތެއް ނެތޭ ބުނާހާ ވެސް މަޢުލޫމާތާއި ހުނަރުން ފުރިފައިވާތީއެވެ.

އެހެން މީހުނަށް ދަސްކޮށްދިނުން

ނަސްރީނު ކަރީމް އޭނާއަށް ލިބިލައްވާފައިވާ ހުނަރު އެހެން މީހުނަށް ދަސްކޮށް ދެއްވުމަށް ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވައެވެ. މިގޮތުން އަންނެނުން ބާރުވެރިކޮށް މަސައްކަތުގެ މައިދާނަށް ނެރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ފަތްމިނި (ފޭސް) ގެ ފަރާތުން ބާއްވާ އެކިއެކި ކޯސްތަކުގައި ނަސްރީނު އެތައްބަޔަކަށް ކެއްކުމުގެ ބާވަތްތައް ދަސްކޮށްދެއްވައެވެ. މި ކަން ނައްޓި ކޮށްދެއްވަނީ ދަރުމައަށެވެ. ޚުދު ނައްޓި އަކީވެސް މި ޖަމްމިއްޔާގެ ހިންގުން ތެރި މެންބަރެކެވެ. އެހެންކަމުން ފޭސްގެ އެކިއެކި ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެލައްވައެވެ. މިނޫނަސް ނައްޓިގެ އެހީތެރިކަމަށް އެދި ގޮވާލާ ކޮންމެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައެވެ. ޚާއްޞަކޮށް ރޯދަމަހު ޒުވާނުންގެ މަރުކަޒުން ބާއްވާ "އެކި ރަހަ" ޕްރޮގުރާމުގައި ކޮންމެ އަހަރަކުވެސް ނައްޓި ފެނިގެން ދެއެވެ. ކިތަންމެ ބުރަކޮށް އުޅުއްވިޔަސް ނައްޓި އެތަނަށް ދުރުވެ އެތައް ދިވެހިންނަށް މީރު ރަހަތައް ދަސްކޮށްދެއްވައި އެފަރާތްތަކުގެ ހިތްތަކުން ޖާގަ ހޯއްދަވައެވެ.

ނަމަވެސް މިހާރުގެ ޙާލަތު ހުރިގޮތުން ދަރުމައަށް މިފަދަ ކޯސްތައް ހިންގެން ނެތިގެން ނައްޓި ގަސްދު ކުރައްވަނީ ކޮންމެވެސް ވަރެއްގެ ފީއެއް ނަންގަވައިގެން އަމިއްލަ ކޯސްތަކެއް ކުރިއަށް ގެންދެވުމަށެވެ. އެ ގޮތުން ރުއްފަހިގެ ފަރާތުން އެކި ބާވަތުގެ ހަވާދާއި ހަވާދު ބޭނުންކޮށްގެން ރިހަ ކައްކަން ދަސްކޮށްދޭ ވަރަށް ޚާއްޞަ ކޯހެއް ވަރަށް އަވަހަށް ފެއްޓެވުމަށް ނައްޓި ގަސްތު ކުރައްވައެވެ.

ނައްޓީސް ރުއްފަހި ޕްރޮޑަކްޓްސް

ނައްޓިގެ ރުއްފަހި ޕްރޮޑަކްޓްސް ގެ މަގުޞަދަކީ ނައްޓިގެ ރަޙަތައް ބާޒާރަށް ނެރުއްވައި ދިވެހިންގެ ކާމޭޒުތަކަށް ފޯރުކޮށް ދެއްވުމެވެ. މިގޮތުން އެންމެ ފުރަތަމަވެސް ނައްޓި ފެއްޓެވީ މިހާރު އުވެމުން ގެއްލެމުންދާ ދިވެހި ހަވާދުގެ ބާވަތްތައް ތަޢާރުފު ކޮށްދެއްވުމަށެވެ. އޭގެ މީރު ރަޙަތައް މިހާރުގެ ދިވެހިންނަށް އަންގައިދިނުމަށެވެ. މިގޮތުން މުސައްމާ ހަވާދާއި ކަނޑުކުކުޅު ހަވާދުގެ އިތުރުން ކުކުޅުގެ އެކި ބާވަތްތަކާއި މަހުގެ ތަފާތު ބާވަތްތައް ހަދާނެ ހަވާދު ނައްޓި ހައްދަވައި ބާޒާރަށް ނެރުއްވިއެވެ. ނައްޓިގެ މީރު ހަވާދުގެ ބާވަތްތަކަށް 1999 އަހަރު ބޭއްވި ފަންނު އެކްޕޯސްގައި ރަން ވަނަ ތަކެއް ލިބިލެއްވި އެވެ. ހަވާދުގެ ބާވަތްތަކުން މަސައްކަތް ފެއްޓެވި ނައްޓިގެ ޕޭޖުން މިހާރު އެކި ބާވަތްތަކުގެ އަސާރައާއީ މަސްމިރުސް، އަލުވި ސަންބޯލް، ފަތްމަސް، ތެއްލި ރިހާކުރު ފަދަ ބާވަތްތައް ލިބެން އެބަ ހުއްޓެވެ.

ނައްޓި އަކީ ހަމައެކަނި ކެއްކުމުގެ ހުނަރު ލިބިލައްވާފައި ހުރި ކަނބަލެއްނޫނެވެ. ތަފާތު ޑިޒައިން ތަކަށް ބުރުގާ ހެއްދެވުމާއި ހެދުން ފެއްސެވުމަކީވެސް ނައްޓި ކުރައްވާ މަސައްކަތެކެވެ.

މަސައްކަތުގައި ދެމި ހުންނެވުމަށް ނައްޓި ވަނީ އަތުކުރި އޮޅާލައްވާފައެވެ. ދަތި ތަކެއް ދިމާވިޔަސް ފަސްޖެހުމެއްނެތެވެ. "ކުރިން ރާއްޖެއިން ބޭރުން ތަކެތި އަގުހެޔޮކޮށް ގެނެވުނަސް މިހާރު ރާއްޖެއިން ތަކެތި ގަންނަން މި ޖެހެނީ އަގުބޮޑުކޮށް އެކަމަކު ފިރިމީހާއާއި ދަރިންގެ އެހީތެރިކަމުގައި މިއީ މާބޮޑު ކަމަކަށް ނުހަދައި ފަސް ނުޖެހި ކުރިއަށް މިދަނީ " ނައްޓި ބުނުއްވިއެވެ.

ނައްޓި ބުނުއްވާ ގޮތުގައި މައްސައްކަތުގައި ކުރިއަށް ދިއުމުގެ އެންމެ މޮޑުބާރަކީ ފިރިކަލުން ދެއްވާ އެހީތެރިކަމެވެ. ދަރިންގެ ފަރާތުން ލިބޭ މަދަދެވެ. ރައްޓެހިން ދެއްވާ ތަރުޙީބެވެ.

ނައްޓިގެ ހިތްވަރަށް ހަމަ ސާބަހެވެ. ތިޔައީ މި ދިވެހި ޖީލުގެ ދަރިންނަށް ނަމޫނާ ކަނބަލުންގެ ތެރެއިން ކަނބަލެކެވެ. ތިޔަ ޖޯޝުގައި ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވާށެވެ. ކުރިމަގު އޮތީ އުޖާލާކޮށެވެ.