ބޭވަފާތެރި އެކުވެރިޔާ 3

2

ރޯޒީ ޝަރީފް/ ޢާޝިޔާ މުޙައްމަދު

ތިންވަނަ ބައި:

Advertisements

” ތިއީއޭ ފިރިހެންކުދިންގެ މައްސަލައަކީ ..ތިބުނީވެސް ރަނގަޅު ވާހަކައެއް ޝީތަލް އާއި އަހަރެންނަކީ ކުޑައިރުއްސުރެ ގާތް ދެރަޙްމަތްތެރިން. ކައިބޮއި ހެދީ މިގޭގައި އެކުގައި..ތަންތަނަށް ދަނީވެސް އެކުގައި ބާޒާރުވެސް ކުރަނީ އެކުގައި ކުއްލިއަކަށް ދިއަ ނުދިއަ ތަނެއް ނޭނގި އޭނާ ގެއްލުނީ އަހަރެންވެސް ޝަފްރާޒް އާއި ކައިވެނި ކުރީ. އިއްޔެގަ ކޮންމެވެސް ކަމަކު އެތަނަށް ދިޔަތަނުން ފެނިގެން އަލުން ގުޅުން ބަދަހިވީ. އެހެންނޫނަސް މިހާރު ވައިބާއާއި ވަޓްސް އެޕް އޮތުމުން ކުރީގެ ރައްޓެހިން ހޯދޭނެ ފޭސްބުކް އިންވެސް ސާފުވެއްޖެބާ”

ކުލަޖައްސަމުން ދިޔަ ފޮތް ނަގައިގެންގޮސް ޝަފްރާޒްގެ އުނގުމަތީ ބާއްވާލަމުން ޝައިނާ ބުނެލިއެވެ.

ޝީތަލް އޭނާގެ ކޮޓަރީގެ ސްޓޯރަށް ވަދެ ކުރީޒަމާނުގެ ފޮށިގަނޑުތައް ހާވަންފެށިއެވެ. އޭނާ މިހޯދަނީ ކޮންއެއްޗެއްބާވައެވެ. އޭނާވީތަނެއް ހޯދަމުން ހޯދަމުން އައިންތުވެސް އައިސް އެކޮޓަރިއަށް ވަނެވެ. އޭނާވެސް އުޑަފައިން އިށީނދެ އެފޮތްފޮށިގަނޑު ހާވަން ފެށިއެވެ. ދެބެއިން މިހޯދަނީ ކޮންއެއްޗެއްބާވައެވެ. އެއީ އެދެމީހުންގެ ސުކޫލްގެ ހަނދާންތަކެވެ. ފަހަރަކު އެއްޗެއް ނަގަމުން ދެމީހުން ބާރަކަށް ހެމުންދިޔައެވެ. މަޖާވެފައެވެ. އެމީހުންގެ ކުޑައިރުގެ ފޮތްތަށް ފެނިފައެވެ.

” ދޮންތާ މިއޮތީ އެއްކަލަ ލަވަވެސް” އައިންތު ފޮތެއްނަގާ ދައްކާލަމުން ބުނެލިއެވެ.

ދެމީހުން ތެދުވިއެވެ. އަދި އެކަކު އަނެކަކަށް ހަގުކޮއްލިއެވެ. އަދި ޝީތަލް އެލަވަކިޔަންފެށިއެވެ.

‘މިދުނިޔޭގެ އެންމެންވެސް އެބުނަނީ ތެދެކެވެ. މުޅި ދުނިޔެއިންވެސް އަހަރެންގެ އަންހެން ކޮއްކޮ ގުނާލެވޭނެއެވެ.  މުޅި ޢުމުރަށްވެސް އަހަރެން ބޭނުމީ އަހަރެންގެ ކޮއްކޮއާއި އެކު އުޅޭށެވެ. ދުވަހަކު ވަކިވުމެއް ނެތް ގޮތުގައެވެ. ކޮއްކޯ އެވެ. ކަލޭ އަހަރެންގެ ކުރިމަތިން ދުރައްގޮއްސިއްއާ އަހަރެންނަށް ހީވަނީ އަހަރެންގެ ހުރިހާ ހުވަފެންތައް ވިއްސިވިހާލި ވީހެންނެވެ. ލޮލަށް ނިންޖެއް ނާދެއެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.  މުޅިދުނިޔެއިންވެސް އަހަރެންގެ ކޮއްކޮ އަކީ އެއްވަނަ އެވެ. ” ޝީތަލްގެ ލަވަ މިހިސާބަށް ދިޔަ ހިސާބުން އައިންތު ލަވަ ފެށިއެވެ.

ހަމައެއާއިއެކު އައިންތުވެސް ލަވައިގަ ބައިވެރިވިއެވެ.

” ބަލާށެވެ، އަހަރެމެން ދެމީހުންނަކީ އެއްގަހެއްގެ ދެމާކޯނިއެވެ. ވީއިރު ދައްތަ އަހަރެންނާ ދުރަށް ދިޔައީ ކީއްވެ ހެއްޔެވެ. އެހެނަސް އަހަރެން ދައްތަ މަތިން ހަނދާނެއް ނުނެތެއެވެ.” ލަވަ މިހިސާބަށް ގޮއްސަ އައިންތު އޭނާގެ މޫނުގައި އަތްއަޅާ ރޯކަމަށް ހެދިއެވެ. ޝީތަލް އެވަގުތު އައިސް އައިންތު އޭނާގެ މޭގައި ލައްކޮށްލަމުން ލަވަ ކިޔަންފެށިއެވެ.

“އަންނާށެވެ. ލޯބިވާ ކޮއްކޯއެވެ. ފާއިތުވެދިޔަ ހުރިހާ ޝަކުވާއެއް ފޮހެލާށެވެ. ދައްތަ އަބަދުވެސް ހުންނާނީ ކަލޭގެ ހިޔަންޏެއްހެން ކަލެއާއި އެކުގައެވެ. މުޅިދުނިޔެއިންވެސް އަހަރެންގެ ކޮއްކޮއަކީ އެއްވަނަ އެވެ.” މިހިސާބަށް ކިޔާފަ ޝީތަލް ގެ ލޮލުން ކަރުނަ ފޮހެދިނެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެކޮޓަރިއަށް ވަނީ ޝައިނާ އެވެ އޭނާވެސް އެލަވައިގައި ބައިވެރިވިއެވެ. އޭނާވެސް އެދެމީހުން ހޯދަމުން ހޯދަމުން އެގެޔަށް އައިސް އެލަވައިގެ އަޑުއިވިގެން އެލަވައިގަ ބައިވެރިވިއެވެ.

” ހަޔާތުގެ ކަންތަކާ ބިރުގަނެ ދެރަނުވާށެވެ. ހިންމަތާއެކު ކުރިމަތި ލެވޭ ބައަކަށް ވަމާ ހިނގާށެވެ. މަގޭ އަތުގައިވެސް ތި ދެމީހުން ހިފާށެވެ. ފިލަން ދުވާބަޔަކު ކަމުގައި ނުވާނޫއެވެ. މުޅި ދުނިޔެއިންވެސް ތިޔަ ދެމީހުންތީ އެއްވަނަ އެވެ.”  ލަވަ ނިމުމާއެކު އެކަކު އަނެކަކަށް ހަގު ކޮށްފަ ދެންފެށީ ހޭށެވެ. ކުރީގެ ފޮތްތައް ހާވާފައެވެ. އެސާމާނުތަކުގައި ޝައިނާގެ އެއްޗިހިތައް ވެސް ހުއްޓެވެ.

“މިއީ މަގޭ.. އެއީވެސް މަގޭ” ޝައިނާ ހެމުން ހެމުން ބުނަމުންދިއައެވެ.

“ކޯއްޗެއް ތީ މަގޭ އެއީވެސް މަގޭ ހެމުން ހެމުން ޝީތަލްވެސް ބުނަމުން ދިއައެވެ.”

” އަން މިއީ ތި ދެމީހުންގެ” އެތާއޮތް ބާލީހެއް ނަގާފަ ޝައިނާ އާއި ޝީތަލް އާއި ދިމާއަށް އޭތި ހޫރާލަމުން އައިންތު ބުނެފަ ދުއްވައިގަތެވެ. އެވަގުތު އެތާހުރި ކަބަޑުގެ ކަނުގަ ޖެހިފަ އެބާލީސް އިރައިގެން ގޮސް މުޅިތަނަށާއި ޝައިނާ އާއި ޝީތަލްގެ ގަޔަށް ކަފަ އެޅި ދެމީހުން ހުދުކަފައިން މުޅިބޮލާއި މޫނު ޖަރީވިއެވެ. ދެމީހުން އެއްކޮށް ތެދުވެ އައިންތު ފަހައިގަތެވެ.  ހެމުން ހެމުން ނެވެ. އަދި ކޮޓަރީގެ އެއްކަނުން އަނެއްކަނަށް ދުވެ އިސާހިތަކު އައިންތު އަތުލައިގަތެވެ. އަދި އޭނާގެ މުޅި ބޮލަށްވެސް ހުދުފުށް އަޅަމުން ތިންމީހުންވެސް ހެނީއެވެ. އެއީ އުފާވެރި ވަގުތެކެވެ. އެއީ އެމީހުންގެ ޅަދުވަހުގެވެސް އާދައެވެ. ވަރަށް މަޖާކުރާނެއެވެ. ޙާއްސަކޮށް ތިންމީހުން އެއްވެއްޖެއްއާއެވެ. ތިންމީހުން އެކުގައި ދެން ނިކުމެގެން ދިޔައީ އެމީހުން އެންމެ ގިނައިންދާ ރެސްޓޯރަންޓަށެވެ.

އެމީހުންގެ މިމަޖާ މަންޒަރު ބަލަން ދޮންމަންމަ ހުއްޓެވެ  އެމީހުންދިއުމުން ދުރުގަ މިމަންޒަރު ބަލަން ހުރި އެމީހުންގެ ދޮންމަންމަ  ރޮވިއްޖެއެވެ. އެހެނަސް އެއްޗެކޭ ނުބުނެއެވެ. އެމީހުންނަށް ނުވެސް ފެނި ބަދިގެ ފަރާތަށް ދިއައީއެވެ. ހިނިތުންވެ ހުރެގެންނެވެ. އަންހެންކުދިންގެ އެކުވެރިކަން ދެކެފައި އޭނާގެ ޅަދުވަސް ހަނދާން ވެގެންދިއައެވެ.

ދޮންމަންމައަކީ  ކުދިން ދެކެ ލޯބިވާ މީހެކެވެ. އޭނާގެ ދަރިފުޅުވެސް އެގެއަށް ގެނައެވެ. ދޮންމަންމަގެ އެ ދަރިފުޅު އައުމާއެކު އަނެއްކާވެސް ޝީތަލް އޭނާގެ ކޮއްކޮއަށް ބަދުނަޞީބާއި ކުރިމަތިވިއެވެ. ބައްޕަގެ ގޭގައި ޝީތަލް އާއި އައިންތުއަކަށް ޖާގައެއްނެތެވެ. ކުރިން ނިދަމުން އައި “އެތެރެގެ” އަލަށް ގެނައި ދަރިފުޅަށް ޚާއްސަ ތަނަކަށް ހަދައިފިއެވެ. ޝީތަލް އާއި އައިންތުއަށް ނިދަން ޖެހުނީ ކުރީދުވަހު ރީތި ކުރި ސުޓޯރޫމްއަށް ބަދަލު ވާށެވެ.. އެވެސް ބަންކު ބެޑެއްގައެވެ. ވާރޭ ވެހޭ ރެއެއްނަމަ އެތެރެއަށް ވެހޭ ވާރެއާއި ހެދި ނުނިދާ ހޭލާތިބެއެވެ. ބިންމަތީ ތަރުފާލުގަނޑެއް އަޅައިގެން އެތަނުގައި ނިދަން ތިބޭއިރު ފަނިފަކްސައާއި ކުދި ސޫފާ ސޫފިތަކުގެ އުނދަގޫ ކެނޑިނޭޅި ލިބެމުންދެއެވެ. މިއީވެސް މީގެ 13 އަހަރު ކުރީގެވެސް ހާލެވެ. އަނެއްކާވެސް އެކަންތަށް އިއާދަވީއެވެ. ޝީތަލް އާއި އައިންތު އެކަނި ތިބެ ވިސްނަމުންދިޔައެވެ. ވަރަށް ބޮޑަށް މިއަދު އެމީހުންގެ ހިތުގައި އެމަންމަގެ މައްޗަށް ހިތްނުބައިވިއެވެ.

“މީކީ އުޅެން ރަނގަޅު ތަނެއްނޫން ދެމީހުންނަށްވެސް ފައިސާ ލިބޭ މިހާރު ހިނގާ ތަނެއް ކުއްޔަށް ހިފައިގެން މިތަނުން ބަޗަން” އައިންތު ރުޅިގަދަވެފަ ބުންޏެވެ.

“އޭނަ ކުރީދުވަހު ސުޓޯރޫމް ސާފު ކުރާށޭ ބުނީމަވެސް މަގޭ ހިތަށްވެސްއެރި އޭނާގެ މޮޅު ރޭވުމެއް އޮތީއްއޭ. އެކަމަކު ބައްފަ ދުކޮށްފަވެސް ނުދެވޭނެއެއްނުން. ކެތްތެރިވާނީ” ޝީތަލް ބެޑްޝީޓު ރަނގަޅު ކުރަމުން ބުނެލިއެވެ.

ދުވަސް ތަކަކަށްފަހު އެތަނުގައި ނިދުމަކީ އައިންތު ކޮއްކޮއަށް ކެތްކުރެވޭ ވަރު ކަމަކަށް ނުވިއެވެ. ތަންވަޅު ހޯދައިގެން ސާމާނުކޮޅާއެކު ހެޔޮއެދޭ އެހެން ގެއަކަށް ކޮއްކޮ ބަދަލުވެއްޖެއެވެ.

އައިންތު ނެތަސް މިހާރުވެސް ޝީތަލް އަށް ވެސް ބައްޕަގެ ގެއިން ޖާގައެއް ނެތްކަހަލައެވެ. އެދެކުދީންނަށް އެހާހިސާބަށް ވެސް އުޅެލެވުނީ ހިތްވަރުންނެވެ. ދިމާވި ކޮންމެ ހުރަހެއް އޭނާވަނީ ގިރާކޮށްދީފައެވެ. ބޮޑުދައިތަ ނިޔާވުމުން އެގެއަށް ބައްޕަ އެއައީ އެންމެ ފަހުން ކައިވެނި ކުރި އަންހެންމީހާ ގޮވައިގެންނެވެ. އޭނާ އައިއިރު ޝީތަލް ހުރީ ކިޔަވަން ބޭރަށް ގޮސްއެވެ. ގޭގައި އޭރު އުޅެނީ ކޮއްކޮ އައިންތު އެކަނިއެވެ. މިއަދު އެގެފުރިފައިވަނީ އަލަށް ބައްޕަ އިނދެގެން ގެނައި އަންހެންމީހާއާއި އޭނާގެ ތިމާގެ މީހުންނެވެ. ޝީތަލް އާއި އައިންތު އަކީ އެގޭމީހުންނަށް ވިޔަސް އެގެޔަކު ބާރެއް ނޯވެއެވެ.

އައިންތު ދިޔަ ފަހުން ޝީތަލް އަށް މަދަދުގާރެއް ނެތްތާނގައި ހެޔޮ އެދޭ އެކަކުވެސް އެގެއަކު ނެތްކަހަލަ އެވެ.

މިއަދު ޝީތަލް  ވަނީ ދޮންމަންމައާއި ބައްޕަގެ އަޅުވެތިކަމުގެ ދަށުގައެވެ. މިއީ މީގެ 13 އަހަރު ކުރީގެވެސް ސިލްސިލާއެވެ. ގިނަ ފައިސާ ލިބޭ އިރުވެސް މިގޭގައި އުޅުމަކީ ބޭނުން ކަމެއް ނޫނޭ އައިންތު ބުނުމުން ޝީތަލް އެއަޑަށް ދިނީ ބީރު ކަންފަތެކެވެ. ކޮންމެ ބައަކު ކޮންމެ ވާހަކައެއް ދެއްކިއަސް ޢާއިލާވާނީ ޢާއިލާއަށެވެ. ބައްޕަ ވާނީ ބައްޕައަށެވެ. ބައްޕަ ކައިވެނި ކޮށްގެން ގެނައި މަންމަ ވާނީ މަންމައަށެވެ. އެއީކީ ބަދަލު ކުރެވޭނެ ބައެއްނޫނެވެ. ޝީތަލްއަށް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ދުވަސްތައް ފާއިތުވަމުންދިއައެވެ. ޝީތަލް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފައެވެ. ޑެންގޫއަށް ޝައްކުވާ ބައްޔެއްގައެވެ. ޝީތަލް ބަލަންހުރީ ކޮއްކޮ އައިންތު އެވެ. ޝައިނާ ވެސް ދެދުވަހަކު ވަދެލިއެވެ. އައިންތުގެ މަސައްކަތް ހުންނަ ގޮތުން މާގިނަ ވަގުތު ޝީތަލް ގާތު ހުރެވޭކަށް ނޯވެއެވެ. ކާން ދިނުމަށްފަހު އޭނާ ގެއަށްދެއެވެ. އޭރު ޝީތަލްގެ  އެނދުކައިރިއަށް އައިސްގޮސްހަދާ މެދުޢުމުރުގެ އަންހެނަކު އުޅުނެވެ. ހިކި އަނަރޫފަވެފައިވާ މިއަންހެންމީހާ ޝީތަލް  ކައިރިއަށްއައިސް ގިނަ ވާހަކަތަކެއް އަހާ އޮޅުން ފިލުވާ ހަދައެވެ. ކާހިތްވަނީ ކޯޗެއްތޯއަހައެވެ. ހެދުން އިސްތިރިކޮށްގެން ގެނެސްވެސް ދެއެވެ. މިކަންތައްތައް އޭނާ ކުރަނީ އެހާމެ އިޙްލާސްތެރިކަމާއި އެކުގައެވެ. ކޮށްދޭހިތުންނެވެ. ޝީތަލް ނޫނެކޭވެސް ބުނެއެވެ. އެކަމަކު އެއަންހެންމީހާގެ ލޯބިފެނިފައި ހިމޭނުން އިނދެއެވެ. ހީވާކަހަލައެވެ އެއީ ޝިތަލް އެންމެ ބޭނުންވި ލޯތްބެވެ.ޝީތަލް އެދިއެދި ހުރިލޯތްބެވެ. އައިންތުއަށް އޭނާ އަދި ދިމާނުވެއެވެ. ސަބަބަކީ އެއަންހެންމީހާއަށް އާދެވެނީ އައިންތު ދާފަހުންނެވެ. ކޮންމެ ދުވަހަކު ކަންތައްތައް މާފުރިހަމައަށް ކޮށްފައި ހުންނާތީ އައިންތު ހީކުރަނީ ޝައިނާ އައިސްފައި ކަންތަށް ކޮށްދިފައި ދަނީއެވެ. އެހެންވެ އޭނާ އަހާވެސް ނުލައެވެ. އެއަންހެން މީހާ ޝީތަލްއަށް ބަލަހައްޓައިގެން ގިނަ އިރުތަކެއްވަންދެން ހުރެއެވެ. ހިނިތުން ވެގެންނެވެ. އެކަމަކު އެލޮލުންނާ އެހިނިތުންވުމުން ބަޔާން ކުރަންދަތި އިހްސާސެއް ޝީތަލްއަށް ވަމުން ދިއައެވެ. އޭނާގެ ފިރުމުންތަކުން އުފާވެރިކަން އިހްސާސްވެއެވެ. އަދި ޝީތަލްގެ ބޮލުގައި ފުނާވެސް އަޅާދެއެވެ. ހަމައެއާއި އެކު އައިންތުއަށްވެސް އެއްޗިހި ގެނެއެވެ. ކާއެއްޗިހިވެސް ދެމީހުންނަށް ވާވަރަށް ހަދައިގެން ގެނައެވެ.  މިއަންހެންމީހާގެ މިއިން ކޮންމެ އަދާއަކުން ވަރަށް އަމިއްލަ ވަންތަކަން ޝިތަލްއަށް ދޭހަވެއެވެ.

“މިއެއްޗިހިން ހާދަ މީރު އަދި ފަރިތަ ވަހެއްދުވާ” އެއްދުވަހު އޭނާ ދީފައޮތް ޝޯލްއެއް ނޭފަތާއި ކައިރި ކޮށްލަމުން އައިންތު ބުނެލިއެވެ. އޭގެ ފަހުންވެސް ދެބެއިން ދައްކަމުންދިއައީ ބިޒްނަސް ފަށަން އުޅޭ ގޮތުގެ ވާހަކައެވެ. އެ ޒިޔާރަށް ކުރާ އަންހެންމީހާގެ ވާހަކަ ނުދެއްކެއެވެ. އޮފީހުގެ މަޖާ ވާހަކަތަކާހެދި ހަނދާންވެސް ބޮޑަށް ނުހުންނަނީއެވެ.

” ދަރިފުޅުގެ މަންމަ ކޮބާ؟” އެއްދުވަހު އެއަންހެން މިހާ އަހާލިއެވެ. މިހާރު ޝިތަލް ހޮސްޕިޓަލްގައި އޮންނަތާ މަހެއް ވަނީއެވެ

ދޮންމަންމަގެ ވާހަކަ ދައްކަން ޝީތަލް ބޭނުމެއް ނޫނެވެ. ޝީތަލް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންވެސް އައީކީ ނޫނެވެ. އަދި ކުއްލިގޮތަކަށް ރާއްޖެއިން ފުރައިގެން އޭނާ އިންޑިއާއަށް ދިއަގޮތަށް ބައްޕަ އާއި ދެމީހުން ތިބެނީ އިންޑިއާގައެވެ. އެދެމީހުންނަށް މިހާރު އަލަށް ކުއްޖަކުވެސް ލިބިފައި ވެއެވެ. އޭނާއަކީ އަދި ޒުވާން އަންހެނެއް ޥިއްޔާއެވެ. ދަރިން ލިބޭނެ ނޫންހެއްޔެވެ. އެކަނިވީ ޝީތަލް އާއި އޭނާގެ ކޮއްކޮ އެވެ. ނުވިތަނަކަށް  މިހާރު ބައްޕަގެ ގެ ބަހާފައި ބައްޕަގެ ބައި ވަނީ ކުއްއަށް ވެސް ދީފައެވެ.އެ ކުލިން ލިބޭފައިސާއިން އުޅެނީ ދޮންމަންމަ އާއި އޭނާގެ ކުދިންނެވެ. ގެބަހާފަ އިންޑިއާއަށް ބަދަލު ވެވެންދެން އެމަންމަ ޝީތަލް އާއި އައިންތުއަށް ވަރަށް ރަނގަޅެވެ. އައިންތު ކުޑަތަންކޮޅުގަ އުޅެން ދަތިވުމުން ފުރެންޑަކާއި އެކުއެހެންގެއަކަށް ބަދަލުވީއެވެ. މިކަމާއިވެސް ވަރަށް ނުރުހިފަ ވާހަކަ ދެއްކިއެވެ. ޝީތަލް ހުރީ ބައްޕަ އާއި އެކު މުސްކުޅި ގޭގައެވެ. ބައްޕަދެކެ އޭނާ ވަރަށް ލޯބިވެއެވެ. ސުޓޯރޫމްގައި ޝީތަލް ކެތްކުރިއެވެ. ސުޓޯރޫމްކަމަށްވިޔަސް އެތަން ބަދަލުކޮށްފަ ހުންނަނީ ވަރަށް ފުރިހަމައަށެވެ. ކުރިންހުރި ބަންކު އެނދުގެ ބަދަލުގައި ރީތި ޑަބަލް ބެޑެއް ލާފަ ޓިނު ބަދަލުކޮށްފަ ޓައިލްޖަހާފަ ބޮޑު ދިގު އަލަމާރިއެއްވެސް ބައްޕަ ޝީތަލްއަށް ހޯދާދިނެވެ. ބައްޕަ އެކޮޓަރި ޝީތަލްއަށް ރިނޮވޭޓް ކޮށްހަދާދިނެވެ. އޭނާ ކަނީ ބޭރުންނެވެ. ގެއަށް ވަންނަނީ ހަމައެކަނި ނިދާލާށާއި ފެންވަރާށެވެ. އޭނާ ގޭގައި ހުއްޓަސް ދޮންމަންމަ އާއިމާގިނަ ވާހަކަ އޭނާއާއި ނުދައްކައެވެ. ދޮންމަންމައާއި މާބޮޑު ގުޅުމެއް ނެތީމާ ގިނަވަގުތު ގޭގައި އޭނާ ނުހުރެއެވެ. ބައްޕަ  އާއި އެމަންމައިންޑިއާއަށް  ދިއައީވެސް ޝީތަލް އާއި ކޮއްކޮ ކައިރީ  ނުބުނެއެވެ. ވީއިރު ދެން މިއަދު އެތަނަށް އައި މުޅިން އާމިހެއްގެކައިރީ އެމަންމަގެ ވާހަކަ ދައްކަންވީ ފަހެ ކީއްކުރަންހެއްޔެވެ. ޝީތަލް ހިތާހިތާ ކިޔާލިއެވެ. ތެދަށް ބުނާނަމަ ޝީތަލް އަށް އޭނާގެ އަސްލު މަންމަޔާ ބެހޭގޮތުންވެސް މާބޮޑު އެއްޗެއްނޭނގެއެވެ. ޝީތަލް އޭނާގެ އަސްލު މަންމަ އާއި ބެހޭގޮތުން އެނގި ހުރި ވާހަކަ އެދައްތަޔަށް ކިޔާދިނެވެ. ކުޑައިރު ބޮޑުދައިތަ  ކައިރީ  އައްޑޫއަށް ދިޔަ ވާހަކައެވެ. މަންމަ ޝީތަލްމެން ދޫކޮށް ދިއަވާހަކަތައް އަސަރާއި އެކު އެއަންހެންމީހަށް ކިޔާދިނެވެ. ސުކޫލް ނިމުމާއެކު ކައިވެނި ކުރިގޮތާއި ކައިވެންޏަށް 15 އަހަރު ފަހުން ވަރިވި ގޮތެވެ. ކޮންމެވެސް ވަރަކަށް ޝައިނާގެ ވާހަކައެވެ. މައިގަނޑު ގޮތެއްގައި އުފަންކުރި މަންމަގެ ވާހަކައެވެ. ހިތާމަވެރި މިސިލްސިލާގެ ވާހަކައެވެ. އެމަންމަ މަތިން ހަނދާންވާވާހަކައެވެ. ބޮޑުދައިތަ ނިޔާވި ހިތާމަވެރި ވާހަކައެވެ.

“ބޮޑުދައިތަ ނިޔާވީ ކިހިނެއް؟” އެއަންހެންމީހާ އަހާލިއެވެ. ޝައިނާގެ ވާހަކަ ތަކުން އެއަންހެންމީހާގެ ލޮލުންވެސް ކަރުނަ ހިލިފައިވެއެވެ.

” ބޮޑުދައިތަ ނިޔާވީ ކެންސަރުގައެވެ. އަހަރެންމެން ދެބެއިންވެސް ނުދެކެން އެމަންމަގެ ފޮޓޮއެއްވެސް ބޮޑުދައިތަ ބުނާނީ ފޮޓޯނެގުމަކީ ހަރާން ކަމެކޭ އެހެންވެ ފޮޓޯ ނުހުންނަނީއޭ”

ޝީތަލްގެ ވާހަކަތައް އަހަމުން  ދިއައިރު އޭނާ ކަރުނަ ފޮހެލައެވެ. އެދުވަހަކީ ހޮސްޕިޓަލްއިން ޝީތަލް ދޫކުރި ދުވަހެވެ.ގެއަށް އޭނާ ގެންދަން ޑިޔުޓީގަ ހުރެފަ އައިންތު ވެސްއައެވެ. އަދި ޝީތަލް އާއި އެއަންހެންމީހާ ދެއްކި ވާހަކަ އަޑުއަހަން ރޫމް ދޮރު ކާރީ ހުއްޓެވެ.

އައިންތުއަށް ދައްތަ ކައިރީ އިށީދެގެން އިން އަންހެންމީހާ ފެނުމުން ހައިރާންވިއެވެ. ކުރިން ދުވަހަކުވެސް ނުދެކޭމީހަކަށް ވާތީއެވެ. ޝީތަލް އެއަންހެންމީހާ އައިންތުއަށް ތަޢާރަފް ކޮށްދިނެވެ.

“މިއީ އަހަރެންނަށް މިދިޔަ އެއްމަސް ވަންދެން ކަންތައް ކުރި ދައްތައެއް” ޝީތަލް އައިންތުއަށް އެއަންހެންމީހާ ތަޢާރަފް ކޮށްދެމުން ބުނެލިއެވެ އެއަންހެންމީހާވެސް އެނބުރިފައި ދޮރުން ވަދެގެން އައި އަންހެންކުއްޖާއަށް ބަލާލިއެވެ. އެބަލާލުމުގައިވަނީ އިންތިހާއަށް އަމިއްލަ ގާތްގޮތެވެ. އޭނާ ގޮޑިން ތެދުވެގެންގޮސް އައިންތުއާއި ކަރާއި ކަރު ޖައްސާ ސަލާމްކުރިއެވެ. އެއަންހެންމީހާގެ މޭމަތީގައި ބޯއަޅާލުމުން އައިންތުއަށް ވަރަށް ތަފާތު އިޙްސާސެއްވެގެން ދިއައެވެ. އަދި އެއަންހެންމީހާގެ ގައިގާ ދުވާވަހަކީ ވަރަށް ފަރިތަ ވަހެކޭ އައިންތު ހިތަށް އެރިއެވެ. އޭނާގެ ލޮލުން ކަރުނަ އައީ ކޮންއަސަރެއްގައި ކަމެއް ނޭނގުނެވެ. އެއަންހެންމީހާ ލޯތްބާއެކު އޭނާގެ ކަރުނަ ފޮހެދިނެވެ. އަދި ނިންމަތީ ބޮސް ދިނެވެ. އަދި އެނދު ކައިރިއަށް ގޮއްފައި ޝީތަލްގެ ނިންމަތީވެސް ބޮސްދިނެވެ. އޭނާގެ މިއަދާގެ ސަބަބުން ކޮޓަރިއަށް ވަން ޝައިނާގެ ލޮލުންވެސް ކަރުނަ އައިސްފައި ހުއްޓެވެ.

ޝީތަލް އެއަންހެންމީހާއަށް ޝައިނާވެސް ތައާރަފް ކޮށްދިނެވެ. އަދި އެއަންހެންމީހަށްވެސް ޝައިނާ ތައާރަފް ކޮށްދިވެ. އޭނާ ހަމައެގޮތަށް ޝައިނާގެ ގައިގާވެސް ބައްދާލިއެވެ. ޝައިނާވެސް ވަރަށް ތަފާތު އިހްސާސްވިއެވެ.

“އަހަރެންނަށް ހީވާކަހަލަ އަހަމެންދެކެ ލޯބިވާ މަންމަޔަކު އަހަރެމެންނަށް ލިބުނީޔޭ” ކަރުނަ ވީއަޑަކުން ހިނިތުންވެފަ ޝީތަލް ބުނެލިއެވެ.

ޝީތަލްދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެމީހާ ބުނެލިއެވެ. “ތިކުދިން ދޫކޮށް ދިއުމަށް އެމަންމައަށް މަޖްބޫރީ ޙާލަތެއްވެސް މެދުވެރިވެދާނެއެއްނު. ޝީތަލް. ދަރިފުޅާ އައިމިނަތު ދަރުފުޅާ މިއީ މަންމަ ކަމަށް ބަލައިގަންނާނަންތަ؟”

ނުނިމޭ

Advertisements
Avatar
ރޯޒީ ޝަރީފަކީ ، ލިޔުންތެރިކަމަށް ޝަޢުގުވެރިކަން ހުންނަ، މިހާރުވެސް ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދާ ލިޔުންތެރިއެކެވެ. ޚާއްސަޮށް ވާހަކަ ލިޔުމާއި، ބިއުޓީ އާއި ބެހޭ ލިޔުންތަަށް ފަރިތަ ލިޔުންތެރިއެެވެ.

2 COMMENTS

  1. Wow very emotional story cant wait for tomorrow..Rozy thank you so much..can you give me rozys number please

Comments are closed.