ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރަން ޖެހޭ ސުލޫކީ ގަވާއިދެއް އެކުލަވާލާ ނިންމާލުމަށް މަސައްކަތް ކުރައްވާނޭކަމަށް ރައްޔިތުންގެ މަޖިލިގެ ރައީސްކަމަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި އައްޑޫސިޓީ ހިތަދޫ އުތުރު ދާރިރާގެ މެމްބަރުން މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ، ގާނޫނު އަސާސީއާއި އަދި މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލިހުގެ މެމްބަރުން ނިންމާ ކަންކަން ތަންފީޒު ކުރުމުގެ އެންމެ އިސްވެރިޔާކަމުގައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވީމާ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމާއި، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެ ކަންކަން ހުއްޓުވުމަކީވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުގައި ހުންނަ މީހެއްގެ ޒިންމާއެއް ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

އޭގެ އެއް ފިޔަވަޅެއްގެ ގޮތުގައި މީގެ ކުރީގެ މަޖިލިސްތަކުގައި މަސައްކަތް ކުރެވިފައިވޭ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ހ، 2 ގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވާއިދެއް އެކުލަވާލުމަށް މީގެ ކުރީގެ މަޖިލިސްތަކުގައި އެކަމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައިކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"އެހެން ނަމަވެސް މި 19 ވަނަ މަޖިލީހުގައި އެކަމަށް މަސައްކަތްތަކެއް ކުރެވިފަ ނެތީމަ ގާނޫނު އަސާސީގައި ބަޔާންކުރާ މި ދެންނެވި މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދުގެ މަސައްކަތް އަޅުގަނޑުކޮށް ތިބޭފުޅުންގެ އެއްބާރުލުމާއެކު އެ ގަވާއިދު ފާސްކުރެވޭތޯ ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ ވާހަކަ ދަންނަވަން" މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ނައިސް ކުރިޔަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމް ކުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ އެގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ވިސްނަވަމުން ގެންދަވާ ކަމުގައެވެ.