މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަރލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު މެދުއުޑުގައި ފިޔަޖަހަމުން ދިޔަ އާޖެންޓީނާގެ މައްޗަށް 2-0 އިން މިއަދު ހެނދުނު ކުރި ހޯދައި އުރުގުއޭއިން އާޖެންޓީނާ އާއި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހަމަބިމަށް ތިރިކޮށްފިއެވެ.
މިއީ މިދި އަހަރު ވަރލްޑް ކަޕް ކާމިޔާބު ކުރި ފަހުން އާޖެންޓީނާ ބަލިވި ފުރަތަމަ މެޗެވެ.
އާޖެންޓީނާގެ ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި އުރުގުއޭއިން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ލަނޑުންނެވެ. ދެވަނަ ހާފުގައި އާޖެންޓީނާއިން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެކަމަކުވެސް ވަރުގަދަ ފިޒިކަލް ގޭމެއް ކުޅުނު އުރުގުއޭގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އުރުގުއޭއިން ލީޑް ފުޅާ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ފޯވާޑް ނުނޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗަށްފަހު މެސީ ބުނީ އުރުގުއޭއިން ކުޅުނީ ކޯޗް މާސެލޯ ބިއެލްސާގެ ސްޓައިލްގައި ކަމަށާއި މެޗަށް ނިކުތްއިރުވެސް އެކަން އެނގޭ ކަމަށެވެ. "އާޖެންޓީނާ ހިމެނޭ ގޮތަށް ބިއެލްސާ މަސައްކަތް ކުރި ހުރިހާ ގައުމީ ޓީމުތަކެއް ނުވަތަ ކްލަބުތަކެއްގައި ވެސް އޭނާގެ ސްޓައިލް ވަރަށް ފާހަގަ ކުރެވޭ. އުރުގުއޭ ގައުމީ ޓީމުގައި ބިއެލްސާއާއެކު މަސައްކަތް ކުރަން ކޮލިޓީ ކުޅުންތެރިންތަކެއްވެސް އެބަތިބި" އާޖެންޓީނާއަށް ނިސްބަތްވާ އަދި އާޖެންޓީނާ އާއި ދެކުނު އެމެރިކާގައި ވަރަށް ބޮޑަށް އިހްތިރާމް ލިބިފައިވާ ކޯޗް ބިއެލްސާއަށް ތައުރީފް ކުރަމުން މެސީ ބުންޏެވެ.
މިމޮޅާއެކު ވަރލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގެ ދެވަނައަށް އުރުގުއޭ ވަނީ ޖެހިލާފައެވެ. އެއީ 5 މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. މިމެޗުން ބަލިވިނަމަވެސް ދެކުނު އެމެރިކާ ޒޯނުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ އާޖެންޓީނާއެވެ.