މިއަދު ހުވައި ކުރައްވާ އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ދިވެހި ރައްޔިތުން ހެއްވާލާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ފަސް އަހަރު ވެގެންދާނީ ރައްޔިތުންނާއި ގައުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނޭ އަހަރު ތަކެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ފެނިވަޑައިގަންނަވަނީ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމުގެ ކަންކަން ވެސް ފުރިހަމަ ތަރުތީބެއްގެ މަތީން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް އަހުމަދު ސައުދު ވިދާޅުވެފައިވެއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ފެންނަނީ ވަރަށްވެސް އޮގަނައިޒްޑް ކަމާއެކީ ފުރިހަމަ ޕްލޭން ތަކެއް ކުރައްވައިގެން ވެރިކަމާ ހަވާލުވާ ބޭފުޅެއްގެ ގޮތުގައި،" އޭނާ ވިދާޅުވެފައިވެއެވެ.

އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ވާދަކުރައްވައިގެންނެވެ.