އައު ސަރުކާރާއެކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް މި ނިމުނީ ކަމަށް މިއަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީކަމުގެ ހުވައި ކުރެއްވުމަށްފަހު ދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ ސަލާމަތާއި ދުނިޔޭގައި އެބައެއްގެ އާރާއި ބާރާއި ގަދަރާއި އިހްތިރާމް ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރާ ކަމަށެވެ. އެއީ އުމްރާނީ ބިނާ ކުރުމާއި އިންސާނީ ބިނާކުރުންކަމުގައެވެ. އެއީ ގައުމުގެ ފަސްގަނޑު ބިނާކުރުމާއި ގައުމުގެ ސިކުނޑިތައް ބިނާކުރުން ކަމުގައެވެ.

މިފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ މިދެ ބާވަތުގެ ބިނާކުރުން ވަޒަންހަމަކޮށް ކުރިއަށް ގެންދިއުން ކަމުގައި ޑރ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށް ބޭނުންވަނީ ރާއްޖޭގެ ބާރުގެ މިނިވަންކަން ކަށަވަރު ކުރުންކަމަށް ހާމަކުރަައްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ މިއަދުން ފެށިގެން ރާއްޖޭގެ އަދުލުއިންސާފު ނިޒާމުގެ ތެރެއަށް ރާއްޖޭގެ ސަރުކާރުގެ ކުޑަވެސް ނުފޫޒެއް އަންނާނެ ޖާގަ ނުދިނުން ކަށަވަރު ކުރައްވާކަމަށެވެ.

އެހެންކަމުން ސަރުކާރުން ޝަރުއީދާއިރާއަށް ނުފޫޒުފޯރުވުން މިހިނދުން މިހިނދަށް ނިމުނީކަމަށް ރައީސް ވިދާޅުވިއެވެ.