ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިހްތިރާމްގެ މި ޒިޔާރަތުގައި އިންޑިއާގެ މިނިސްޓަރ ވަނީ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ އިތުރުން އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ރައީސަށް ތަހުނިޔާ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ފާއިތުވި ސެޕްޓެމްބަރު މަހު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މިއެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ކިރަން ރިޖިޖޫއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މި ދެބޭފުޅުން ވަނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން އަޅަމުންދާ ބްރިޖުގެ މަސައްކަތް ނިންމުން ލަސްވާން ދިމާވާ ސަބަބުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.