ސަހްޔޫނީ އިޒްރޭލުން މިދިޔަ މަހުހެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމުގައި މިހާތަނަށް 13،300 މީހުން ޝަހީދުކޮށްލާފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިޔާ ތަރުޖަމާނު އިސްމާއިލް ތަވާބްތާ ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ހިންގި ޤަތުލް އާންމުގައި 5،600 ކުޑަ ކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި އިމާރާތްތަކުގެ ދަށުގައިވާ ކުދިންގެ އަދަދު ނޭނގޭތީ މިއަދަދު އެތައް ގުނައެއް މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އިޒްރޭލުން ޣައްޒާގެ ސްކޫލަކަށް ދިން ޓެރިސްޓް ހަމަލާއެއްގައި 10 މީހުން ޝަހީދުވެފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ޚާން ޔޫނިސްގައި ހުންނަ މިސްކޫލަކީ އާންމު ރައްޔިތުން ރައްކާތެރިކަން ހޯދުމަށް ވަދެތިބި ސްކޫލެއް ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.

އިޒްރޭލުން ގެންދަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށާއި މިސްކިތްތަކާއި ސްކޫލްތަކަށް ހަމަލާދީ ދިނުމުގެ އިތުރުން މަގުމަތިން އާންމުންނަށްވެސް ހަމަލާ ދެމުންނެވެ. ޒަޔަނިސްޓް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ހުރިހާ ހޮސްޕިޓަލްތަކަކުން ޚިދުމަތްތައް މެދުކަނޑާލައި އެތަންތަން ސުންނާފަތިކޮށްލާފައެވެ. އިޒްރޭލުން ހިންގަމުން އަންނަ މިޖަރީމާތައް ހުއްޓުވުމުގައި ދުނިޔެ އޮތީ ނުކުޅެދިފައެވެ.