އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ ފީފާ 17 އަހަރުން ދަށުގެ ވަރލްޑް ކަޕުގައި ޒަމާންވީ ވާދަވެރިޔާ ބްރެޒިލްގެ މައްޗަށް 3-0 އިން ކުރި ހޯދައި އާޖެންޓީނާއިން ސެމީފައިނަލުގެ ޖާގައެއް އިއްޔެ ކަށަވަރު ކޮށްފިއެވެ.

މިމެޗުގައި އާޖެންޓީނާގެ ތަރިޔަކަށްވީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި ކެޕްޓަން އެޗްވެއްރީއެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ އަމިއްލަ ހާފުގެ މެދަކާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ބްރެޒިލްގެ އޭރިޔާގެ ބޭރުން ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކުރި ހިތްގައިމު ލަނޑެކެވެ. އާޖެންޓީނާގެ ދެވަނަ ލަނޑު އެޗްވެއްރީ ކާމިޔާބު ކޮށްދިނީ 58 ވަނަ މިނެޓުގައެވެ. އަދި ތިންވަނަ ލަނޑު ޖެހައި ހެޓްރިކް ހެދީ 71 ވަނަ މިނެޓުގައެވެ.

ސެމީފައިނަލުގައި އާޖެންޓީނާ ބައްދަލު ކުރަންޖެހެނީ ކުއާޓާގައި އިއްޔެ ސްޕެއިނުގެ މައްޗަށް 1-0 އިން ކުރި ހޯދި ވަރުގަދަ ޖަރުމަނާއެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ބްރުއްނާއެވެ.

ކުއާޓާފައިނަލުގައި މިއަދުވެސް ދެމެޗް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މާލީ އާއި މޮރޮކޯއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ދެވަނަ ބުރުގައި މަޝްހޫރު އިންގްލެންޑް ކަޓުވާލި އޭޝިޔާގެ އުޒްބެކިސްތާނާއި ޔޫރަޕުގެ ވަރުގަދަ ފްރާންސެވެ.