ރައްޔިތުން އިހްތިޔާރު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސްވުރުކަމަށާއި، އެމަނިކުފާނާއެކު ސާބިތުގެ ހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް ހުސައިން ލަތީފް މިހެން ވިދާޅުވީ ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމިން ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށްޓެވުމުން، ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ރައީސް މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ. އެގޮތުން ޕީއެންސީގެ އިސްބޭފުޅުންނާއި ޕީޕީއެމް ޕީއެންސީއަށް ތާޢީއީދުކުރާ ގިނަ ބަޔަކު އަންނަނީ ރައީސް ޑރ. މުއިއްޒާއެކު ތިބިކަމާއި އަދި އެގޮތުގައި ތިބޭނެކަން ހާމަކުރަމުންނެވެ.

"މި ވެރިކަމަކީ އަޅުގަނޑުވެސް ހިމެނޭހެން، އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް. މިއީ ތިޔަ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ. ރައްޔިތުން އިޚްތިޔާރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ތަސައްވުރު. އަދި އެމަނިކުފާނު އިސްކުރައްވަނީ ތިޔަ ރައްޔިތުންގެ މަސްލަހަތު. ވީމާ މިވެރިކަމަކީ ރައްޔިތުނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަރުވަން،"
ޙުސައިން މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުރައީސް

ނާއިބު ރައީސް އަދި ޕީއެންސީގެ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ވެރިކަމަކީ އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާހެން އެތައް ރައްޔިތުންނެއްގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނައި ވެރިކަމެއް ކަމަށެވެ. އަދި މިއީ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށްވެސް ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މިވަގުތު ޕީޕީއެމްއިން ދަނީ މިރޭ އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމަށް ބޭވުމަށް ތައްޔާރުވަމުންނެވެ.