މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 އިން ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެއެވެ.

ހަބީބް ވިދާޅުވީ އަދި މާލޭ ސިޓީ މޭޔަރާއި، މާލޭ ސިޓީ ކައުންސިލްގެ 3 މެންބަރުންނާއި، ވ.ރަކީދޫ ކައުންސިލްގެ މެންބަރަކާއި އަދި ޑަބްލިއުޑީސީގެ 18 ރަށެއްގެ މެންބަރުން އިންތިހާބު ކުރުމަށްޓަކައި ބާއްވާ ބައި އިލެކްޝަން ޖެނުއަރީ މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީސީން ނިންމާފައިވާ ކަމަށެވެ. އަދި ހަމައެއާކު އިންތިހާބު ބޭއްވުމަށްފަހު ޖަނަވަރީ 15 ވަނަ ދުވަހު ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބައި-އިލެކްޝަން ބާއްވަނީ އެމަގާމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެން މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.