ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ހަލީލް، ރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި އެއޮފީހުގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާ ގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

މިގޮތުން މި ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ ލީގަލް ރީފޯމް ހުއްޓިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވައުދާއި، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރުމަށާއި، މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ވެވެޑައިގެންނެވި ވައުދަށް މަރުހަބާ ކިޔުއްވައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 10 ދުވަހުގެ ތެރޭގައި ރައީސް އޮފީހުން މިވަނީ ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.