މެޗުގެ ކުޅުން ނިމުނުއިރު 3-3 އިން އެއްވަރުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން އާޖެންޓީނާގެ މައްޗަށް ކުރި ހޯދައި ސަތާރަ އަހަރުން ދަށުގެ ވަރލްޑް ފައިނަލުން ޖަރުމަނު މިއަދު ހަވީރު ޖާގަ ހޯދައިފިއެވެ.

ސެމީފައިނަލުގައި ބްރެޒިލްގެ މައްޗަަށް 3-0 އިން ކުރި ހޯދައި ބޮޑު އިތުބާރަކާއެކު ނިކުތް އާޖެންޓީނާ ކޮޅަށް މެޗުގެ 9 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑް ނެގީ ޖަރުމަނުންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޕެރިސް ބުރުއްނާއެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެލަނޑު ޖަހައި އާޖެންޓީނާއިން ލީޑް ނެގިއެވެ. ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ރިވަޕްލޭޓަށް ނިސްބަތްވާ ފޯވާޑް އޮގަސްޓިން ފަބިއަން ރުބާޓޯއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން ދެވަނަ ފަހަރަށް ލީޑް ނެގީ 58 ވަނަ މިނެޓާއި 69 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. ދެލަނޑު ކާމިޔާބު ކޮށްދިނީ ބްރުއްނާ އާއި މެކްސް މޮއިސްޓެޑްއެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ޖަރުމަނު މޮޅުވާން ދަނިކޮށް އާޖެންޓީނާއަށް ނަތީޖާ ހަމަހަމަ ކޮށްދީނީ ފުރަތަމަ ދެލަނޑުވެސް ކާމިޔާބު ކޮށްދިން ފޯވާޑް އޮގަސްޓިންނެވެ.

ޕެނަލްޓީ ޝޫޓްއައުޓަށް އާޖެންޓީނާއިން ކުޅެން އެރުވީ ބަދަލު ކީޕަރު ފްރަންކޯ ވިއްލަލްބާއެވެ. ޕެނަލްޓީގައި އާޖެންޓީނާ އަތުން ބޭކަރުވީ ސެމީގައި ބްރެޒިލް ކޮޅަށް ހެޓްރިކް ހެދި އަދި މިފަހަރުގެ ވަރލްޑް ކަޕުގައި އެންމެ ބޮޑަށް ވިދާލާފައިވާ އެޓޭކިންގ މިޑްފީލްޑަރު ކްލައުޑިއޯ އެޗެވެއްރީ އާއި މިޑްފީލްޑަރު ފްރެންކޯ މަސްޓަންޓޫނޯ ފޮނުވާލި ޕެނަލްޓީއެވެ. ޖަރުމަނުން ބޭކަރުވީ ފިން ޖެޝް ފޮނުވާލި ޕެނަލްޓީއެވެ.

ފައިނަލުގައި ޖަރުމަނު ބައްދަލު ކުރާނީ ސެމީގެ ދެވަނަ މެޗުގައި މާލީގެ މައްޗަށް 2-1 އިން ހޯދި ފްރާންސާއެވެ.