ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި ރޭ މޮޅުވެ ސްޕެއިނުގެ މަޝްހޫރު ބާސެލޯނާ އާއި އިޓަލީގެ ލާޒިއޯ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފިއެވެ.
ބާސެލޯނާ އާއި ލާޒިއޯއިން ދެވަނަ ބުރުގެ ޖާގަ ކަށަވަރު މިކުރީ ގްރޫޕް ސްޓޭޖުގައި ބާކީ އެއްމެޗް އޮއްވައެވެ. އަދި މިއީ ފާއިތުވެދިޔަ ދެސީޒަނުގައި ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދާނެއެވެ.
ބާސާ ދެވަނަ ބުރުގެ ޖާގަ ރޭ ކަށަވަރު ކުރީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. ބާސާގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ޕޯޗުގަލް ގައުމީ ޓީމުގެ މުހިއްމު ވިންގަރ ޖޮއައޯ ފެލިކްސް އާއި ޕޯޗުގަލް ގައުމީ ޓީމުގެ މުހިއްމު ޑިފެންޑަރު ޖޮއައޯ ކެންސަލޯއެވެ. ޕޯޓޯގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭއެވެ.
މިމޮޅާއެކު މިގްރޫޕުގެ އެއްވަނައިގައި ބާސާ އޮތީ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 9 ޕޮއިންޓާއެކު އޮތީ ޕޯޓޯއެވެ. ތިންވަނައިގައި އޮތް ޝަކްތާ ޑޮނެސްކަށްވެސް ވަނީ 9 ޕޮއިންޓް ލިބިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ބައްދަލު ކުރަން ޖެހެނީ މިދެޓީމެވެ.
ލާޒިއޯ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ ސްކޮޓްލޭންޑުގެ ސެލްޓިކުގެ މައްޗަށް އަމިއްލަ ދަނޑުގައި 2-0 އިން ކުރި ހޯދައިގެންނެވެ. މެޗް ނިމެން ދިހަވަރަކަށް މިނެޓަށް ވެފައިވަނިކޮށް ލާޒިއޯގެ ދެލަނޑު ކާމިޔާބު ކޮށްދިނީ އިޓަލީ ގައުމީ ޓީމުގެވެސް މުހިއްމު ފޯވާޑް ޗީރޯ އިމޮބިލޭއެވެ.
މިގްރޫޕުން ލާޒިއޯއާއެކު ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑެވެ. އެތުލެޓިކޯ މެޑްރިޑް ރޭ ވަނީ ފެޔަނޫޑުގެ މައްޗަށް 3-1 އިން ކުރި ހޯދައި ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފައެވެ.