ދިވެހިރާއްޖެއަކީ ހަކަތައިގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ޚަރަދުކުރާ ޤައުމެއްގެ ގޮތުގައި އަބަދު އޮވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭގެ ބަދަލުގައި (ދެމެހެއްޓެނިވި ތަރައްޤީއަށް ދާނަމަ) ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދާންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި ޔޫ.އޭ.އީ. އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާ މަޢުލޫމާތު ހިއްސާ ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އިއާދަކުރަނިވި ހަކަތައަކީ ކުރިއަށް އޮތްތަނުގައި މި ސަރުކާރުގެ ރާސްތާ ބައްޓަންވާނެ ދިމާކަމަށެވެ. އެކަން ކުރެވޭކަމުގެ ސަތޭކަ ޕަސެންޓު ޔަޤީންކަން އެބައޮތްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 3 ބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އިއުލާން ކުރައްވައިފައެވެ. އެކަން ކުރުމަށްޓަކައި، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދޭ ނިސްބަތް މިހާރު ހުރި ހަތަރު އިންސައްތަ، ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި މަދުވެގެން ތިރީސްތިން އިންސައްތައަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމާބެހޭ ގޮތުން ވެސް ރައީސް ވާހަކަ ދެއްކެވިއެވިއެވެ. ރައީސް ވިދާޅުވީ މިފަދަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަކީ ފެހި، ސާފު ޖައްވެއް އޮތް ދެމެހެއްޓިނިވި ހަކަތައިގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށް ހެދިގެންދާނެ ކަމަށެވެ.

ތުރުކީއަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ފައިދާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާކަމުގައެވެ. އޭގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމުގައި ވަރަށް ގިނަ ކުރިއެރުންތައް މި ދަތުރުފުޅުގެ ތެރެއިން ލިބިގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ. ދެމެހެއްޓިނިވި އިޤްތިޞާދެއް ރާއްޖެއަށް އަންނަ ކަހަލަ، ޚާއްޞަކޮށް އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭ އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.