ސަދަން އޭރިއާ ކޮމާންޑުން ފުވައްމުލަކު ސިޓީގައި ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިތާރީޚް: 03-12-2023, 14:06

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ޏ. ފުވައްމުލަކު ސިޓީ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީން ގުޅިގެން، ފުވައްމުލަކު ސިޓީގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2023" ނަމުގައި ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އޮކްޓޫބަރު 31 އިން ނޮވެންބަރު 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ފުވައްމުލަކުގެ 65 ފަރާތަކުން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ޑިސެންބަރު ދެވަަނަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމުން ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުހައްމަދު އިނާޔަތެވެ.

އަދި މި ރަސްމިއްޔާތުގައި އިނާމު ދެވުނު ވަނަތަކުގެ ތެރޭގައި އެންމެ ބޮޑަށް ބަރުދަން ލުއިކުރި ފަރާތްތަކުގެ ތެރެއިން އެއްވަނަ، ދެވަނަ، އަދި ތިންވަނައާއި، ބެސްޓް މޯޓިވޭޓަރ ފަރާތް ހިމެނެއެވެ.

ހަމައެއާއކު ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފުވައްމުލަކު ސިޓީ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ރައީސާ، މަރިޔަމް ދިޔާނާގެ އިތުރުން އެ ކޮމިޓީގެ އިތުރު ތިން މެމްބަރެކެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ޕޯސްޓުގެ އޮފިސަރ އިންޗާޖު، މޭޖަރ އަދުނާން އުޡްމާނުގެ އިތުރުން އެ ސިޓީގެ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީގެ އިސްމެންބަރުންނާއި، ޕްރޮގްރާމްގައި ކިޔަވައިދެއްވި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ މުދައްރިބުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.