ބެއިޖިން (ޑިސެމްބަރ 4) - އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ގަވާއިދާ ހިލާފަށް ޗައިނާ ކަނޑުގެ ސަރަހައްދަށް އިއްޔެ ވަދެފައިވާ ކަމަށް ޗައިނާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ޗައިނާގެ ސަދަން ތިއޭޓަރ އޮފް އޮޕަރޭޝަންސްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ މިއަމަލުގެ ސަބަބުން ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި އެމެރިކާއިން ގަސްތުގައި ދެކުނު ޗައިނާ ކަނޑުގެ މަސްލަހަތަށް ބުރޫއަރުވާ، ޗައިނާގެ އިސްތިގުލާލާ ވަރަށް ބޮޑަށް އަރައިގަނެފައިވާކަން އެމެރިކާގެ މިއަމަލުން ދޭހަވާ ކަމަށެވެ.

ޗައިނާގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ އެމެރިކާގެ މަނަވަރު ދެކުނު ޗައިނާ ކަނޑުން ބޭރުވަންދެން، ޗައިނާގެ ޕެޓްރޯލް ލާންޗްތަކުން އެމެރިކާގެ މަނަވަރުގެ ހަރަކާތްތައް މޮނިޓަރ ކުރި ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ފުޅާދާއިރާއެއްގައި ޗައިނާއިން ދައުވާކުރާ ސަރަހައްދެކެވެ. މައްސަލައިގައި ޗައިނާގެ އަވަށްޓެރި ބައެއް ގައުމުތަކާ ދެމެދު މިހާރުވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ފާއިތުވި މަސްތަކުގައި ފިލިޕީންސްގެ އުޅަނދުތަކާ އެތައް ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، އެމެރިކާގެ ބޯޓުތަކުން މައްސަލަ ޖެހިފައިވާ ސަރަހައްދުތަކުގައި ޕެޓްރޯލް ކުރާތީ ޗައިނާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.