މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ވިމަން ޑިމޮކްރެޓްސް ލީޑަރު ކަމަށް މުޅި އިންތިޚާބުގެ އެންމެ ބޮޑު އިންސަތައަކާއެކު ފާތިމަތު ހަމްދާ މުހައްމަދު ކާމިޔާބުކޮށްފިއެވެ.

ހަމްދާ އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔައީ ރިޔާސީ ކެމްޕެރިން ދުވަސްކޮޅު، ދަ ޑިިމޮކްރެޓްސްގެ ކެމްޕެއިން އޮފީސް ޕޯޑިއަމްގައި ދިން ސްޕީޗަކުންނެވެ. އޭގެ ފަހުގައި ޒުވާނުންގެ މެދުގައި ސިޔާސީ ކަންކަމުގައި އަޑު އުފުލައި ކެރިގެން ސިޔާސީ މައިދާނުގައި ބަސްބުނުމަށް ހިތްވަރަކަށް ވީ ހަމްދާއެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔައެވެ. ވޯޓްލާފައި ވަނީ 3،209 މެންބަރުންނެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 54 ޕަސެންޓެވެ.

އެ އިންތިޚާބުގައި ހަމްދާއަށް 966 ވޯޓް ލިބިފައިވާއިރު, އެއީ ވޯޓް ލީ މީހުންގެ 74.54 އިންސައްތައެވެ. އޭނާއާ ވާދަކުރި އަޙްމަދު ޝިޔާމާއަށް ލިބިފައިވަނީ 330 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 25.46 އިންސައްތައެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަ ކުރެއްވި ހުސެއިން އަމްރަށް ލިބިފައިވަނީ, 1,497 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 45.17 އިންސައްތައެވެ. ރައީސް ކަމަށް ހޮވުނު ހަސަން ލަތީފަށް ލިބިފައިވަނީ, 1.817 ވޯޓެވެ. އެއީ 54.83 އިންސައްތައެވެ.

އިތުރު މަޤާމުތަކަށް ބަލާލާއިރު, ނައިބު ރައީސް (ޒުވާން) ކަމަށް ހޮވުނު ހުސެއިން ފިރުޝާނަށް ލިބިފައިވަނީ 1,971 ވޯޓެވެ. އެއީ 61.42 އިންސައްތައެވެ. އޭނާއަށް އެންމެ ގާތުން ވާދަކުރި އަޙްމަދު އަންސަރަށް ލިބުނީ 1,141 ވޯޓެވެ. މުޙައްމަދު އަލަންއަށް ލިބިފައިވަނީ 97 ވޯޓެވެ.

ނައިބު ރައީސް (އަންހެން) ހޮވިފައިވަނީ 62.2 އިންސައްތަ (2,046 ވޯޓް)އާއެކު އަލައިކާ އަދުނާނެއެވެ. ރީހާން ނާޒިމަށް ލިބިފައިވަނީ 37.72 އިންސައްތަ, 1,239 ވޯޓެވެ.