އަމީނީ މަަގު ހެދުމުގެ މަޝްރޫއުގެ ފަހުގެ ދެ ސެގްމެންޓްގެ މަސައްކަތް ފަށަން ކޮންސްޓްރަކްޝަން މިނިސްޓްރީއިން ނިންމައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ އެންމެ ފަހު ތައްޔާރީތައް އާރްޑީސީން ވަމުން ދާއިރު، މިދިޔަ ސަރުކާރުން އަމީނީ މަގުގެ މަސައްކަތް ނިންމާފައި ވަނީ ހައުސިން މިނިސްޓްރީގެ އިމާރާތާ ހިސާބަށެވެ. އަލަށް ފެށުމަށް ހަމަޖެހިފައިވަނީ އެންމެ ފަހު ދެ ސެގްމެންޓް ކަމަށް ވާ 12 އަދި 13 ވަނަ ސެގްމެންޓްގެ މަސައްކަތެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ބޭއްވުނު ބައްދަލުވުމުގައިވަނީ މަގު ހެދުމުގެ މަސައްކަތް ފެށުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތައް ހައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

ހަމައެއާއެކު، ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީއާއެއްކޮށް އެ މަގުގެ ޓްރެފިކް ފްލޯއަށާއި އާރްޓީއެލްގެ ބަސް ރޫޓްތަކަށް ދިމާވެދާނެ ދަތިތަކައް ހައްލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ.