ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

‎ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައެވެ.

‎އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސީ.އައި.ޑީ.ސީ.އޭ. އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމްގައި ތަޤުރީރު ކުރެއްވުމަށާއި، ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.

‎ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 12 އަށް ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.