އައްމާން، ޖޯޑަން: އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމު ފުޅާކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޣައްޒާގެ ދެކުނުނަށް ބަރު ހަތިޔާރުތަކާއެކު އަރައިގަނެފިއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ޣައްޒާގެ މުހިއްމު އަވަށެއް ކަމުގައިވާ ޚާން ޔޫނިސްގެ ބޭރުގައި ޗެކްޕޮއިންޓެއް ގާއިމްކޮށް އެސަރަހައްދުން މުވާސަލާތީ ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ. އަދި އިޒްރޭލު ޓެރަރިސްޓް ސިފައިން ހިންގަފާނެ ޤަތުލް އާންމަކުން ރައްކާތެރިކަން ހޯދުމަށް މިސަރަހައްދުގައި ދިރުއުޅޭ އާންމު ރައްޔިތުން އެސަރަހައްދު ދޫކޮށް ދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިސަރަހައްދުން މުވާސަލާތީ ވަސީލަތްތައް ކަނޑާލާފައިވާތީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހުރަސް އެޅިފައެވެ.

އިޒްރޭލުގެ ޓެރަރިސްޓް އަސްކަރިއްޔާއިން އިއްޔެ މައިގަނޑު އަމާޒަކަށް ހަދާފައި ވަނީ ޣައްޒާގެ ސަލާހުލް ދީން މަގެވެ. ސަހްޔޫނީ އިޒްރޭލުން އިއްޔެ އިއުލާން ކުރި ގޮތުގައި ޚާން ޔޫނިސްގެ އުތުރުގައި އޮންނަ ސަލާހުއްދީން މަގަކީ މިހާރު "ހަނގުރާމައިގެ މައިދާނެއް" ކަމަށެވެ. އަދި ޣައްޒާގެ ރައްޔިޔުން ދެން އެމަގާ ކައިރި ނުވުމަށް ވަނީ އިންޒާރު ދީފައެވެ.