އިނގިރޭސި ޕްރިމިއަރ ލީގުގެ ކުރީގައި އޮތް އާސެނަލްއިން ރޭ ވަރުގަދަ ކުޅުމަކަށްފަހު މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުން 4-3 އިން ލުޓޮން ޓައުން ބަލިކޮށް ތާވަލުގެ އެއްވަނަ މަގާމް ދިފާއު ކޮށްފިއެވެ.

ލުޓޮންގެ ދަނޑުގައި ކުޅުނު މިމެޗުގެ 20 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެއްލީގެ ލަނޑުން ލީޑް ނެގީ އާސެނަލްއެވެ. އެކަމަކު އޭގެ ބަރާބަރު 5 މިނެޓް ފަހުން ގެބްރިއަލް އޯޝޯގެ ލަނޑުން ލުޓޮންއިން އެއްވަރު ކުރިއެވެ. އާސެނަލްއިން ދެވަނަ ފަަހަރަށް ލީޑް ނެގީ 45 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. ލުޓޮންއިން ދެވަނަ ހާފް ފަށައިގެން 49 ވަނަ މިނެޓުގައި އެލިޔަހް އަޑަބަޔޯ ކާމިޔާބު ކުރި ލަނޑުން ނަތީޖާ ހަމަހަމަ ކޮށް 57 ވަނަ މިނެޓުގައި ރޮސް ބާކްލޭގެ ލަނޑުން ލުޓޮންއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނެގިއެވެ. ލުޓޮންއަށް ލީޑުގައި ހިފަހައްޓާ ލެވުނީ އެންމެ ތިން މިނެޓަށެވެ. އާސެނަލްއިން އެއްވަރު ކުރީ ކައި ހަވާޓްޒްގެ ލަނޑުންނެވެ.

މެޗުގެ ފޯރިގަދަވެ، މެޗް ނިމެން ދަނިކޮށް އާސެނަލްއަށް މުހިއްމު ތިން ޕޮއިންޓް ހޯދައިދިނީ 97 ވަނަ މިނެޓުގައި ޑެކްލަން ރީސް ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. ރީސްއަކީ އާސެނަލްއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސްޓްހޭމް ޔުނައިޓެޑުން 100 މިލިޔަން ޕައުންޑް ދިނުމަށްފަހު ގަތް ކުޅުންތެރިއެކެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި އާސަނަލް އޮތީ މިހާތަނަށް ކުޅުނު 15 މެޗުން ހޯދި 36 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ ސާދަ މެޗުން ހޯދި 31 ޕޮއިންޓާއެކުއެވެ. ލުޓޮން ޓައުން ތާވަލުގެ 17 ވަނައިގައި އޮތީ 9 ޕޮއިންޓާއެކުއެވެ.