ފަލަސްތީނުގެ ޣައްޒާއަށް އަރައިގަނެ ގަތުލް އާންމު ހިންގަމުން އަންނަ ސަހްޔޫނީ އިސްރާއީލުގެ ސިފައިންނަށް ގޭސްޓްރޯއިންޓެސްޓިނަލް (ޝިގެއްލާ) ބަލިތަކާއި ކާނާ ވިހަވުމުގެ މައްސަލަތައް ފެތުރެމުންދާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފި އެވެ.

"[އިސްރާއީލުގެ] ސިފައިންގެ ތެރޭގައި ގޮހޮރުގެ ބަލިތައް ޖެހޭ މިންވަރު އާދަޔާ ހިލާފަށް ވަނީ އިތުރުވެފައި" އިޒްރޭލުގެ ޔެޑިއޮތު އަހްރޮނޮތު ނޫހުން ހޯމަ ރިޕޯޓްކޮށްފައިވެ އެވެ.

7 އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ޓެރަރިސްޓް ހަމަލާތައް ޣައްޒާއަށް ދެމުން އަންނައިރު، އިޒްރޭލުގައި ހިންގާ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ރެސްޓޯރެންޓްތަކާއި ޒަޔަނިސްޓް ގްރޫޕްތަކުން އިސްރާއީލުގެ ސިފައިންނަށް ކާބޯތަކެތި ފޮނުވައެވެ. އެތަކެތި ތައްޔާރުކުރުމުގައި ނުވަތަ ރައްކާކުރުމުގެ ތެރޭގައި ތަޣައްޔަރުވުން އެކަށީގެންވާ ކަމަށް އިޒްރޭލުގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުގެ ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޝިގެއްލާ ޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ސިފައިން ޣައްޒާއިން ނެރެ، އިޒްރޭލުގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށް ގެންދަނީ ފަރުވާ ދެމުންނެވެ.

"ޣައްޒާގެ ދެކުނާއި ޣައްޒާގެ އެތެރޭގައި ހަނގުރާމަ ކުރަން ދިޔަ ސިފައިންގެ ތެރޭގައި ވެސް ބޭރަށްހިންގުން ފެތުރިފައި ވަނީ" އަޝްޑޯޑްގެ އަސޫޓާ ޖެނެރަލް ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީޒް ޔުނިޓްގެ ޑިރެކްޓަރު ޓަލް ބްރޯޝް ހައްދުފަހަނަ އެޅި އިޒްރޭލުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.

"ގޭސްޓްރޯއެންޓަރައިޓިސް ޖެހޭ ޝިގެލާ ބެކްޓީރިއާ އިންފެކްޝަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާއިރު މިއީ ވަރަށް ސީރިއަސް ބައްޔެއް. ޝިގެއްލާ ބެކްޓީރިއާ އިންފެކްޝަން ޖެހެނީ ސީދާ ގައިން ގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ނުވަތަ ކާނާ މެދުވެރިކޮށް" ބްރޯޝް ބުންޏެވެ.

އިޒްރޭލުން ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޤަތުލް އާންމުގައި މިހާތަނަށް 16،200 މީހުން ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.