ތިއޭޑޯރ ރޮބަރޓް ބަންޑީ އުފަންވީ 1946 ވަނަ އަހަރު ވަރމޭންޓް ގެ ސިޓީއެއް ކަމަށްވާ ބާރލިންގްޓާންއަށެވެ. އޭނާގެ އެންމެ އުފާވެރި ދުވަސްވަރަކަށް ވެގެންދިޔައީ ޅައުމުރުގެ ދުވަސްތަކެވެ.

ބަންޑީއަކީ ކައިވެނީގެ ބޭރުން ލިބުނު ދަރިއެކެވެ. އެހެން ކަމުން ޅަ އުމަރުގައި ހަނގާގެ ޝިކާރައަކަށް ވިއެވެ. ހަނގާގެ ޝިކާރައިން ބަންޑީ ދިފާއު ކުރުމުގެ ގޮތުން އޭނާގެ މާމައާއި މާފަ ވަނީ އެމީހުންގެ ދަރި އަކަށް ބަންޑީ ހަދައިފައެވެ. އެފަހުން 7 އަހަރު ވަންދެން އެމީހުން އޭނާ ގެންގުޅުނެވެ.

ބަންޑިގެ މާފަ މަޝްހޫރުވެފައިވަނީ ގަދަޔަށް ރާބޮއި މަސްތުވެފައި ހުންނަ މީހެއްގެ ގޮތުގައިއެވެ. ބަންޑީ ކުޑައިރު އުޅުނު މާހައުލުގެ ސަބަބުން އޭނާ ވެގެން ދިޔައީ ކުށްކުރާ މީހަކަށެވެ. އޭނާއަކީ ވައްކަން ކުރުމުގެ ރިކޯޑު އޮންނަ މީހެކެވެ. ނަމަވެސް އުމުރުން 18 ފުރުމާއެކު އެ ރިކޯޑުތައްވަނީ ފޮހެވިގެން ގޮސްފައެވެ.

ތަޢުލީމް

ބަންޑީ ވަނީ 1972 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ވޮޝިންޓަނުން ސައިކޮލޮޖީ އިން ޑިގްރީ ހާސިލްކޮށްފައިއެވެ. އެ ދުވަސްވަރު ސިޔާސީ އަދި ޤާނޫނީ ދާއިރާއިން މަސައްކަތްކޮށް ގިނަ ކާމިޔާބިތައް ހޯދުމުގެ އުންމީދު އޭނާ ކުރިއެވެ. ނަމަވެސް އެ ހުވަފެންތައް ދޫކޮށް އޭނާ ވަނީ 1972 ވަނަ އަހަރު ފުރަތަމަ ފަހަރަށް މީހަކު މަރާލައި ގާތިލަކަށް ވެފައިއެވެ. އެފަހަރު އޭނާ ހައްޔަރު ވެސް ކުރިއެވެ. އެހެންނަމަވެސް އޭނާއާ މެދު އެންމެން އުންމީދުކުރީ އެގޮތަކަށް ނޫނެވެ. އާނާއާ މެދު އެންމެން ވެސް އުންމީދުކުރީ އޭނާ ވެގެންދާނީ ހަޔާތުގައި ކާމިޔާބު ޒުވާނަކަށް ކަމަށެވެ. އެހެންނަމަވެސް އޭނާ ވެގެންދިޔައީ ގާތިލަކަށެވެ.

މީހުން ދުށް ގޮތް

ގިނަ ބަޔަކު ދުށްގޮތުގައި ޓެޑް ބަންޑީ ވެގެންދާނީ ވަރަށް ޗާމީން އަދި ވިސްނުންތޫނު މީހަކަށެވެ. ވޮޝިންޓަން ސްޓޭޓްގެ ލޯ ސްކޫލެއްގައި އޭނާ ކިޔެވި ދުވަސްވަރު އެންމެން ވެސް ހީކުރީ އޭނާ ވެގެންދާނީ ހަޔާތުގައި ގިނަގުނަ ކާމިޔާބީތައް ހާސިލްކޮށް، ސިޔާސީ ދާއިރާގައި ވަރަށް ކާމިޔާބު މީހަކަށް ކަމަށެވެ. އެހެނަސް ކަންތައް ވެގެން ދިޔައީ އެމީހުން އެންމެ ހީ ނުކުރާ ގޮތަށެވެ. ކާމިޔާބު ޗާމިން މީހެއްގޮތުގައި ދުށް ޓެޑް އާޚިރުގައި ވެގެން ދިޔައީ ގާތިލަކަށެވެ. މުޖުރިމަކަށެވެ.

ގިނަ ފިލްމު ތަކެއް

ޓެޑް ބަންޑީ ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގިނަ ފިލްމް ތަކެއް ވަނީ ހަދާފައިއެވެ. "ދަ ސްޓްރޭންޖާ ބިސައިޑް މީ"، ''ދިއޮންލީ ލިވިންގް ވިޓްނެސް އެންޑް ޓެޑް ބަންޑީ: ކޮންވަޒޭޝަން ވިތު އަ ކިލަރ'' ފަދަ ބަންޑީ ގެ ހަޔާތަށް ބިނާކޮށް ލިޔެފައިވާ ލިޔުންތައް ވެގެން ގޮސްފައި ވަނީ އާންމުންގެ މެދުގައި މަގުބޫލު ލިޔުންތަކަށެވެ.

ޖަމްއިއްޔާ އެއްގައި ވޮލަންޓިއަރަކަށް

ޓެޑް ބަންޑީ ވަނީ އަމިއްލައަށް މަރުވުމާ ދެކޮޅަށް އަޑުއުފުލާ ޖަމިއްޔާއެއްގައި ވޮލިންޓިއަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިއެވެ. އޭރު އޭނާ ދިޔައީ ކޮލެޖުގައި ކިޔަވަމުންނެވެ. މީގެ އިތުރަށް އޭނާގެ ސިޔާސީ ކެރިއަރ އަށް ތައްޔާރުވުމުގެ ގޮތުން ކުށްކުރުން ހުއްޓުވާ ޓާސްކް ފޯހެއްގައިވެސް ބައިވެރިވިއެވެ.

އެކުގައި މަސައްކަތް ކުރި މީހުންގެ ދުލުން

އަމިއްލައަށް މަރުވުމާ ދެކޮޅަށް އަޑުއުފުލާ ޖަމިއްޔާގައި ބަންޑީއާއެކު މަސައްކާތް ކުރި މުވައްޒަފުންތަކެއް ބުނެފައިވަނީ ބަންޑީއަކީ ޒިންމާދާރު ކަމާއެކު ވަޒީފާ އަދާކުރި މުވައްޒަފެއް ކަމަށެވެ. އޭނާއާއެކު މަސައްކަތް ކުރި މުވައްޒަފެއް ކަމުގައިވާ އޭން ރޫލް ބުނެފައިވަނީ ލަހުން ޑިއުޓީނިމޭ ދުވަސްތަކުގައި ބަންޑީ އޭނާގެ ސަލާމަތަށްޓަކައި އޭނާއާ އެކު ކާރާ ހަމައަށް އަންނަ ކަމަށެވެ. އެހެންކަމުން ބަންޑީ ހައްޔަރު ކުރި ވާހަކަ އިވުމުން ވަރަށް ހައިރާންވިކަމަށް އޭނާ ބުނެފައިވެއެވެ. ޓެޑް ބަންޑީ ބަންދު ކުރުމުން އޭން ރޫލް އަށް ލިބުނު ހައިރާން ކަމުގައި އޭނާ ބުނެފައިވަނީ "ބަންޑީ ވަނީ މީހުންގެ ފުރާނަ ވެސް ދުއްވާލާފައި އެކަމަކު އޭނާ މީހުންގެ ފުރާނަ ވެސް ސަލާމަތް ކޮށްދިން،" ކަމަށެވެ.

ކޮލެޖް ނިމުނުތާ އަހަރެއް ފަހުން ޓެޑް ބަންޑީ ''ޔުނިވަރސިޓީ އޮފް ޔުޓާ'' ގެ ލޯ ފެކަލްޓީއަކަށް ވަނެވެ. އެހެންނަމަވެސް ބަރާބަރަށް ކުލާސްތަކަށް ހާޒިރުވެފައެއް ނުވެއެވެ. އެންމެފަހުން އޭނާ ވަނީ ކުލާހަށް ދިއުން އެއްކޮށް ހުއްޓާލައިފައެވެ. އެދުވަސްވަރު އެ ޔުނިވަރސިޓީ ހުންނަ ސަރަހައްދުން ގިނަ އަދަދަކަށް އަންހެން ކުދިން ގެއްލިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ސީދާ އެ ޔުނިވަރސިޓީގެ ދަރިވަރުން ވެސް ހިމެނޭ ކަމަށްވެއެވެ.

ގިނަ ކުދިން އެންމެފަހުން ފެނިފައިވަނީ ބަންޑީއާއެކު

އެ ސަރަހައްދުން މީހުން ގެއްލޭތީ އެކަން ތަޙުގީގު ކުރިއެވެ. ތަހުގީގަށް ބަޔާންދީފައިވާ ބައެއް މީހުން ބުނެފައިވަނީ ގެއްލުނު ކުދިންގެ ތެރެއިން ގިނަ ކުދިން އެންމެފަހުން ފެނިފައިވަނީ ޓެޑް ބަންޑީ ނަމަކަށް ކިޔާ ޒުވާން ރީތި ފިރިހެނަކާ އެކު ކަމަށެވެ. އޭނާ އެކުދިން ދަލުގައި ޖައްސަނީ ގުދުރަތުން އޭނާއަށް ދެއްވަފައިވާ ރީތިކަމުގެ ޖާދޫގައި ޖައްސައިގެން މަކަރުވެރި ގޮތުގައި ކަމަށެވެ. އޭނާގެ ޝިކާރައަކަށްވި ބައެއް މީހުންގެ ކުރިމައްޗަށް އޭނާ އަރައިފައިވަނީ ނުކުޅެދޭ މީހެއްކަމަށް ހެދިގެން ކަމަށް ވެއެވެ. ނުކުޅެދުންތެރިކަން ދައްކައިގެން އޭނާ ވަނީ އެއްޗެހި އުފުލުމަށާއި ސިޑިން މައްޗަށް އެރުމަށް އެ އަންހެން ކުދިންގެ އެހީތެރިކަމަށް އެދިފައި ކަމަށް ވެސް ވެއެވެ. އަނެއްބައި މީހުން ކުރި މައްޗަށް ދަނީ ފުލުހު މީހެއްކަމަށް ހެދިގެން ކަމަށް ވެސް ވެއެވެ. މިފަދަ ހީލަތްތެރި ގޮތްތައް ބޭނުންކޮށްގެން އެމީހުން އިތުބާރު އޭނާ ހޯދައެވެ. އެ އުފެދޭ އިތުބާރުގެ ތެރެއިން އެންމެފަހުން އެމީހެއްގެ ފުރާނަ ދުއްވާލަނީއެވެ. އެއަށްފަހު އޭނާގެ ޝިކާރައަށް ހަދާލާ މީހުންގެ ބޯތައް ހުންނަނީ އެގްޒިބިޝަނެއްގައި ދައްކާލަން ބަހައްޓާ އެއްޗެހި ތަކެއްހެން އޭނާގެ އެޕަރޓްމެންޓްގައި ޑިސްޕްލޭ ކޮށްފައެވެ.

ލޯބިވެރިޔާގެ ބަސް

މަރުވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރުވަމުންވެ. ގިނަ ބަޔަކު ތުހުމަތުގެ އިނގިލި ބަންޑީއަށް ދިއްކުރަމުން ދިޔައީ ބަންޑީއާ ދިމާއަށެވެ. އޭނާއަށް ތުހުމަތުކޮށް އޭނާގެ ލޯބިވެރިޔާވެސް ވަނީބަޔާން ދީފައެވެ. މީހުން ބުނާ ސިފަތަކާއި ބަންޑީއާ ދިމާވާ ކަމަށް ބުނެ އޭނާވަނީ ފުލުހަށް އެވާހަކަތައް ކިޔައިދީ ސަމާލު ކުރުވައިފައެވެ. ނަމަވެސް ބަންޑީގެ "ކްލީން ރެކޯޑް" ގެ ސަބަބުން ފުލުހުންވަނީ އެ ތުހުމަތުތަކަށް ބީރުކަންފަތް ދީފައެވެ. އެންމެފަހުން ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުން އޭނާގެ ނަން ވެސް ފުލުހުން ކަނޑާލީއެވެ. މީގެ އިތުރަންވެސް ބަންޑީ އެއްވެސް ހެއްކެއް "ކްރައިމް ސީން'' ގައި ދޫކޮށްފައި ނެތުމަކީވެސް ފުލުހުން އޭނާ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުން ޖާގަ ނުދިން އެއްސަބަބެވެ.

ހައްޔަރު ކުރުން

ޓެޑް ބަންޑީ ހައްޔަރު ކޮށްފައިވަނީ 1975 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ޝައްކު ކުރެވޭފަދަ ގޮތަކަށް އޭނާގެ އަމަލުތައް ހުރުމުގެ ސަބަބުންނެވެ. ފުލުހުންނަށް ވަނީ އޭނާގެ ކާރުން ވާގަނޑު އަދި ބިޑި ފަދަ ޝައްކުކުރެވޭ ކަހަލަ އާލާތްތައް ގިނަ އަދަދަކަށް ފެނިފައެވެ. އެހެނަސް މި މަރުތަކާ ބަންޑީއާއި ސީދާ ގުޅުމެއްވާކަން ކަށަވަރު ކޮށްދޭ ފަދަ ހެއްކެއް ފެނިފައެއް ނުވެއެވެ.

ބަންޑީއަށް އެއްވެސް ތުހުމަތެއް ނުކުރިނަމަވެސް ފުލުންދިޔައީ އޭނާ އުޅޭނޫޅޭ ގޮތް މޮނީޓަރ ކުރަމުންނެވެ. ބަންޑީ އެންމެ ފުރަތަމަ ހައްޔަރު ކުރެވިފައިވަނީ އެނާ "ކިޑްނެޕް " ކޮށްގެން ގެންގުޅުނު މީހަކު ފިލަން ކުރި މަސައްކަތް ކާމިޔާބު ވުމުންނެވެ. އޭނާގެ މައްޗަށް ވަނީ މީހަކު ރަހީނުކޮށްގެން އުޅުނު ކަމުގެ ތުހުމަތުގެ އިތުރުން މީހަކަށް އަނިޔާ ކޮށް މަރަން އުޅުނު ކަމުގެ ތުހުމަތުކޮށްފައިއެވެ. މި ދެ ތުހުމަތު ސާބިތުވެ އޭނާގެ މައްޗަށް ހުކުމްވެސް ކުރެވުނެވެ.

ޖަލުން ފިލުން

ބަންޑީ ހައްޔަރު ކުރުމަށްފަހު '' ކޮލޮރާޑޯ'' އަށް ބަދަލު ކުރިއެވެ. އެއީ އޭނާގެ ޝަރީޢަތަށެވެ. އެހެންނަމަވެސް އެ ދުވަސްވަރު އޭނާ ވަނީ ޖަލުން ފިލާނެ ގޮތެއް ހޯދައިފައެވެ. އެންމެފަހުން ޖަލުން ފިލިއެވެ. އެކަމަކު ފިލައިގެން މާގިނަދުވަހަކު އޭނާއަށް ނުއެއް އުޅެވުނެވެ. ހަފްތާއެއް ފަހުން އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ބަންޑީ ގެނެވުނެވެ. އަދި ހައްޔަރު ކުރިއެވެ. ދެވަނަ ފަހަރަށް ވެސް އޭނާ ވަނީ ޖަލުން ފިލައިފައެވެ. އޭރު އޭނާ ވަނީ 6 މީހުންގެ ފުރާނަ ދުއްވާލައިފައެވެ. މާގިނަ ދުވަސްތަކެއްނުވެ އަނެއްކާ ވެސް ފުލުހުން ބަންޑީ ހައްޔަރު ކުރިއެވެ. އެންމެ ފުރަތަމަ ކުށުން ދިފާއު ވާން އުޅުނު ނަމަވެސް ފަހުން ބަންޑީ ވަނީ އޭނާގެ ކުށްތަކަށް އިއުތިރާފް ވެފައިއެވެ. މިހެން އޭނާ ކަންތައް ކޮށްފައވަނީ މަރުގެ އަދަބުން ފިލަން ކަމަށް ލަފާ ކުރެވެއެވެ.

ދިރާސާކުރި މީހުންގެ ބަސް

ބަންޑީގެ ކޭސް ދިރަސާކުރި ސައިކޮލޮޖިސްޓުންގެ އިތުރުން ކްރިމިނޮލޮޖިސްޓްން ބުނެފައި ވަނީ ބަންޑީއަކީ ހަގީގަތުގައިވެސް މޮޔައެއް (ސައިކޯޕެތް) ކަމަށެވެ. އޭނާއަކީ ހިތާމާއާއި ހަމްދަރުދީ އިހުސާސްވާން ނުކުޅެދޭ މީހެއްކަމަށެވެ. މީގެ އިތުރުން "އެންޓި ސޯޝަލް ޕަރސަނަލިޓީ ޑިސްއޯޑަރ'' އަކީ ވެސް އޭނާއަށް ޑައިގްނޯސް ވެފައިވާ ބައްޔެކެވެ. ބަންޑީއަށް ހުކުމް އިއްވާފައިވަނީ 1989 ވަނަ އަހަރު ފްލޮރިޑާގައެވެ. އެޙުކުމް ތަންފީޒުކުރީ ''އިލެކްޓްރިކް ޗެއަރ'' އެއް ބެނުން ކޮށްގެނެވެ.