މަޖްބޫރު ލޯބި

4

ޝިޒާނާ އާއި ބެހޭގޮތުން ހުރިހާ މީހުން ވެސް ދައްކާނީ އެއްވާހަކައެކެވެ. ޝިޒާނާ މާމަޑުން އިންނަ ވާހަކައެވެ. އެކަމަކު ކިޔެވުމުގައި އެންމެންނަށްވުރެ ކުރީގައި އުޅޭވާހަކައެވެ. ގިނަ މައިންބަފައިން ޝިޒާނާ އެމީހުންގެ ދަރީންނަށް ނަމޫނާއަކަށް ދައްކައެވެ.

ރާހުލް އާއި ޝިޒާނާ ބައްދަލުވީ ޝިޒާނާ ގުރޭޑް 7 ގަ ހިތަދޫގެ ސުކޫލެއްގައި އުޅެނިކޮށެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް ރާހުލްގެ ހިތުގައި ޝިޒާނާއާއި މެދު ގާތްކަން އުފެދުނެވެ. އެކަމަކު ޝިޒާނާއަކީ އޭނާގެ ދަރިވަރަކަށް ވާތީ މިފަދަ ކަމެއް އޭނާ ހާމަ އެއް ނުކުރެއެވެ. ރާހުލް އަކީ ޝިޒާނާގެ ސައިންސް ޓީޗަރެވެ.

Advertisements

ޝިޒާނާ ގުރޭޑް 10 ޔަކަށް ދިއަ އަހަރު ޝިޒާނާއަށްވެސް ރާހުލްގެ ގާތްކަން އެނގުނެވެ. ވާހަކަ ދައްކާ ގޮތުން ގަޔާވެވުނެވެ. އެހެނަސް ދެމީހުންވެސް ތިބީ ސިއްރު ކޮށްގެނެވެ. ޓިއުޝަން ކުލާހުން ދެމީހުން ގިނަވަގުތު ބައްދަލުވާތީއެވެ. އުމުރުން ރާހުލް މާމައްޗެއްނޫނެވެ. ހަމައެކަނި ތަފާތުވަނީ ގާތްގަޑަކަށް 10 ވަރަކަށް އަހަރެވެ. ޝިޒާނާއަށްވެސް ރާހުލްއަށްވެސް މިއީ މާބޮޑުކަމަކަށް ނުވިއެވެ. ގިނަދުވަސްތަކެއްނުވެ ރާހުލް އާއި ޝިޒާނާގެ ވާހަކަ ތުންތުންމަތިން ދެކެވެންވެސް ފެށުނެވެ. އައްޑޫ އަކީ ވާހަކަ ވިހާތަނެކޭ ބުނެއުޅެއެވެ. ޝިޒާނާގެ މައިންބަފައިންނަކީ އައްޑޫގެ ފޯރުންތެރި ބައެކެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން ޝިޒާނާގެ ކިޔެވުން ގުރޭޑް 12،11 އަށް އިންޑިއާގެ މަހާރާޖަސް ކޮލެޖަށް ބަދަލުކުރިއެވެ. ޝިޒާނާ އާއި ރާހުލްގެ ލޯބި މައިން ބަފައިންނަށް ނޭގެއެވެ. ގުރޭޑް 12 ނިމެންދެންވެސް ރާހުލްއާއި ޝިޒާނާގެ ގުޅުން އޮވެއެވެ. އެކަމަކު ހަމައެކަނި ފޯނުން ނުވަތަ ވައިބަރ އިންނެވެ. ފިލާވަޅުތަކުގަ އޮންލައިންކޮށްވެސް ރާހުލް ޝިޒާނާއަށް އެހީވިއެވެ. އެދުވަސްކޮޅު ރާހުލްވެސް ޑިގްރީ ހެދުމަށް މަހާރާޖަސް ކޮލެޖްއަށް ކިޔަވަން ވަނެވެ. އެދެމީހުން ބައްދަލު ކުރަނީ ޑިގްރީކުލާހަށް ދާދުވަސްތަކުގައެވެ. ވެލެންޓައިން ދުވަހު ރާހުލް ޝިޒާނާއަށް ކާޑެއް ފޮނުވިއެވެ. މިކާޑްގައި “ޓު މައިވައިފް” ޖަހާފައޮތެވެ. ފަރުދާގެ  ފުރަގަހުގައި ހިނގަނީ ކޮންކަމެއް ރާހުލް އަށްވެސް ޝިޒާނާއަށް ނޭނގެއެވެ.

ރަހުމާއަކީ ޝިޒާނާގެ މަންމަ ފަރާތު ބޮޑުދައިތައެވެ. ޝިޒާނާ ބެލުމަށް އިންޑިޔާގައި ހަވާލުވެ ހުންނަނީ އޭނާއެވެ. ރާހުލް އާއި ޝިޒާނާގެ ލޯބީގެ ދާސްތާން ރަހުމާއަށް ފަޅާއަރާފިއެވެ. ރާހުލް ފޮނުވި ކާޑުގެ ސަބަބުންނެވެ. އޭނާ ވަގުތުން ޝިޒާނާގެ މިސިއްރު ގޭމީހުންނަށް ފަޅާއަރުވާލިއެވެ. ގެއަށް މިކަން އެންގިއެވެ. މިކަންތައްވީ ގޭތެރޭގެ ވަރަށް ސީރިއަސް މައްސަލައަކަށެވެ. “ރާހުލްއަކީ ގޯސްމީހެއްނޫން” ކުރީ ސުކޫލްގެ އޮފީސްމީހަކު ޝިޒާނާގެ ބައްޕަ ކާރީ ދެއްކި ވާހަކައެއްގައި ބުނެފަވެއެވެ. އެކަމަކު އެންމެ ބޮޑު ކުށަކީ އޭނާއަކީ މުސްލިމަކަށް ނުވާކަން ނޫންހެއްޔެވެ.  ޝިޒާނާގެ ބައްޕަ ޝިޒާނާގެ މަންމަ ކާރީ ކިޔާލިއެވެ. “ލޯބި ވުމަކީ ކުށެއްނޫނެވެ. ލޯބިވާންޖެހޭނީ ތިމާއާއި އެއްދީނެއްގެ މީހަކާއެވެ” މިއީ ބައްޕަ ވާހަކައެވެ.

އެންމެ އަވަހަށް ޖާގަ ލިބުނު ފްލައިޓުން ޝިޒާނާގެ ބައްޕަ ޤާސިމް އާއި މަންމަ މަރީނާ އިންޑިއާއަށް އައެވެ. ޙާއްސަ ގޮތެއްގައި ރާހުލް އާއި ބައްދަލު ކުރާށެވެ.

ރަހުމާ ހުރިހާ ވާހަކައެއް އޭނާއަށް އެނގުނު ގޮތަކަށް ޝިޒާނާ އާއި ރާހުލްގެ ވާހަކަ ކިޔާދޭން ފެށިއެވެ. ބައްޕަ އާއި ބައްދަލު ކުރުމަށް ރާހުލް ގޮވައިގެން ޝިޒާނާ ގެޔަށް އައެވެ.

ޝިޒާނާގެ ބައްޕަ އާއީ ރާހުލް ބައްދަލުކުރީ ވަރަށް ލަދުންހުރެއެވެ. އޭރު ޝިޒާނާވެސް ލޯކޮލެޖަކުން ލޯޔަރުކަން ކިޔަވަން ފެށީއެވެ. އަދި މިދެމީހުންގެ ގުޅުމަށްވެސް 07 އަހަރު ވެސްވީއެވެ. ލޯބީގެ ނިރުލައި މިގަސް މިދެލޯބިވެރިންގެ ހިތުގައިވެސް އަށަގަނެވިފައިވަނީ ބަޔަކު މީހުން ދައްކާހާ ވާހަކައަކަށް ހެއްލޭކަށް ނޫނެވެ.ނޫނީ މައިންބަފައިންނަށް ކިޔަމަންވާންވެސް ހިންއެދޭގޮތަކަށް ނޫނެވެ. އެއީ ވިސްނުންތޫނު ދެމީހުންނެވެ. ތަޢުލީމީ ދެމީހުންނެވެ.

“އެކަމަކު އަދި ކަލޭވެސް ތީ ކިޔަވާ މީހެއްނުން” ޤާސިމް ހިތްހަމަނުޖެހިފައި ރާހުލް އާއި މުޙާތަބު ކުރިއެވެ.

އިސްދަށަށް ޖަހައިގެން ކުށްވެރިއަކު ފަދައިން ރާހުލް ޝިޒާނާ މެންގެ ގޭގެ ސިޓިންގް ރޫމްގައި އިނެވެ. އެއްފަރާތުގައި ޝިޒާނާ ވެސް އިށީނދެގެން އިނެވެ. އެބައްދަލުވުމުގައި ދެންތިބީ ބޮޑުދައިތަ ރަހުމާ އާއި އޭނާގެ ފިރިމީހާ ނިޔާޒް އެވެ.

ރާހުލް، ގާސިމް ކައިރިން އެދުނީ ޝިޒާނާގެ ކައިވެންޏަށެވެ.

މުޅި އާއިލާވެސް މިކަމާ ނުގަބޫލެވެ. ސަބަބަކަށް ވީ ރާހުލް އަކީ އިސްލާމަކަށް ނުވިކަމެވެ.

“ތިކަމުގައި ގޮތެއް ނިންމާނީ މިދެމީހުން އިތުރަށް ކިޔަވަންޏާވެސް ކައިވެނިވެސް އެހެންނޫންތަ؟” ރަހުމާގެ ފިރިމީހާ ނިޔާޒު ބުނެލިއެވެ.

ޝިޒާނާ؛ އާއި ރާހުލް އެކަކު އަނެކަކަށް ބަލާލިއެވެ. އަދި ކޮންމެވެސް އިޝާރާތެއް ކޮށްލިއެވެ.

“ބައްޕަމެން ނުގަބޫލަސް އަހަރެންކާވެނި ކުރާނީ ހަމައެކަނި ރާހުލް އާއި” ޝިޒާނާ ގޮތެއް ނިންމި ކަހަލައެވެ.

ރަހުމާ އާއި ނިޔާޒްގެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ޙައިރާންކަން މުޅިތަނަށް ވެރިވިއެވެ.  ދެބަސްއަނގައިން ނުބުނެ ހުންނަ މިކުއްޖާ މިހާ ހަރުކަށިކަމާއެކު ގޭގެ މީހުންގެ ބަސް ބޮލާލާޖެހީ ކިހިނެއް ބާވައެވެ.. ރަހުމާ ޝިޒާނާގެ މަންމަ މަރީނާޔާ ކައިރިވެލާފަ ސިއްރު ސިއްރުން ބުނެލިއެވެ.

ހުރިހާވެސް އެއްޗަކީ ލޯތްބެވެ. ލޯތްބަކީ މީހުން މަގުފުރައްދާ އެއްޗެކޭ ބުނަނީ ހަމަތެދެކެވެ. މަރީނާ ބުނެލިއެވެ. ހަމަ ސިއްރު ސިއްރުންނެވެ. އެދެމިހުން ވާހަކަ ދެއްކީ ހަމައެކަނި އެދެމީހުންނަށް އަޑުއިވޭގޮތަށެވެ.

“ދަރިފުޅާ!. އޭނައަކީ މުސްލިމެއްނޫން. އަނެއްކާ ކަލެއާއި އޭނަ ކައިވެނި ކުރެވޭނެ އެއްވެސް ގޮތެއް ނެތް. އިންޑިއާއަކު ނެތް. ކިޔަވާ ނިމިގެން ރާއްޖެއަށް ގޮސް ކައިވެނީ ކުރާނީ އެހެން ނޫނަސް ކަލޭ މުސްލިމުވެސް ވާން މަޖްބޫރު ވާނެ” ނިޔާޒް އަނެއްކާވެސް ބުނެލިއެވެ.

ޝިޒްނާގެ ބައްޕަ އިނީ ހަމަހިމޭނުންނެވެ.

“އަހަރެން ޝިޒޫއަށް ޓަކާ މުސްލިމުވިތާ ކޮންދުވަހެއް. އަހަރެންގެ އަސްލު ނަމަކީ ރަހްމާން. ދޯ ޝިޒޫ” ހިނިތުންވެގެން އިނދެ ރާހުލް ބުނެލިއެވެ. ޝިޒޫވެސް އެއީތެދެއްކަން ދޭހަވާގޮތަށް ބޯޖަހާލިއެވެ.

“ކޮންމެ ގޮތެއްވިޔަސް އަދި މިކައިވެނި ކުރާކަށް އަހަރެން ޤަބޫލެއް ނޫން ޝިޒުނާ ކިޔަވާ ނިމި މާލެއައުމުން މައްސަލައެއްނެތް ކައިވެނީގެ ފަހުން ކިޔެވުނީ ކިތަށް މީހުނަށް” ޤާސިމް އޭނާގެ ފަހުގެ ނިންމުން އިއްވިކަހަލައެވެ.   އެކަމަކު ކުދިވެރިންތިބީ ޤާސިމްއަށް ކިޔަމަންވާގޮތަކަށް ނޫނެވެ. ޖެހިގެން އައިދުވަހު މަރީނާ އާއި ޤާސިމް މާލެއަށް ފުރައިފިއެވެ. އަނެއްކާވެސް ރަހުމާ އާއި ޝިޒާނާ ހަވާލު ކޮށްފައެވެ.

ޝިޒާނާގެ ގޭމީހުންގެ ހިއްހަމަ ނުޖެހުމުގައި ރާހުލް (ރަހްމާން) އާއި އެކު ޓުރިވެންޑުރަމްއަށްގޮސް ކޯޓް މެދުވެރިކޮށް އެމީހުން ކައިވެނި ކުރިއެވެ. އެކައިވެނީގައި ޝިޒާނާގެ ބޮޑުދައިތަ އާއި އޭނާގެ ފިރިމީހާ އާއި އެމީހުންގެ ކޮލެޖްގެ އެކުވެރިން ތިއްބެވެ. މަންމައާއި ބައްޕަ އެ ހަފުލާގައި ބައިވެރި ނުވިއެވެ.

ކިޔެވުމާއެކު ރާހުލް ލަވަވެސް ކިޔައެވެ. އެއީ ހޮބީއެއްގެ ގޮތުން އޭނާ ކުރާކަމެކެވެ.

ޝިޒާނާ ވެސް ރަހްމާންގެ މިއަދާއަށް ވަރަށް ޤަބޫލް ވެއެވެ. އޭނާގެ އަޑު ރީތިކަމުންނެވެ. އާމްދަނީ ހޯދުމަށްވެސް އެއީ ކުރިމަގަކަށް ވެދާނެތީއެވެ.

އެއްދުވަހަކު ހަވީރު ނޫސްހިފައިގެން މަރީނާ އައިސް އޭނާގެ ފިރި ގާސިމް އަތަށް ދިނެވެ. “ބަލާބަލަ. މިއޮތީ އަހަރެމެންގެ ދަނބިދަރި ލަވަކިޔަން ޝޯވް އެއްހުށައަޅަން މިކޮޅަށް މާލެއަށް އަންނަ ވާހަކަ ހީވާ ގޮތުން އަހަރެމެންގެ ޝިޒާނާ ވެސް އަންނާނެ ތޯއްޗެ” މަރީނާ އުފަލުން އިން ރާގަކަށް ބުނެލިއެވެ.

“ކޮންމެހެން މިގެޔަށް އެމީހުން ނަޔަސް މަށަށް ވަރިހަމަ އިނގޭ މަރީނާވެސް އެމީހުން މާގާތް ނުކުރުން މައެދެނީ” ޤާސިމް މިހެން ބުނުމުން މަރީނާ ވަރަށް ދެރަވިއެވެ. އޭނާއަށް ބުނެވުނީ “އެކަމަކު” މިހެންނެވެ.ޤާސިމު މަރީނާ ގެނައި ނޫސް އަތުކޮޅަށް ހުރާލިއެވެ. އޭނާ ނޫސް ހޫރާލާފަ ދޮރުކާރިޔަށް އެއްލާލިއެވެ. އެނޫސް ގޮސް ޖެހުނީ މާލެއަށް އައިސް ގެއަށް ވަދެގެން އައި ޝިޒްނާ އާއި ރާހުލްގެ ގައިގައެވެ.

ނޫހުގެ ފަލަ ސުރުޙީގައި ރަހްމާނު އުޕް ރާހުލްގެ ވާހަކަ އޮތެވެ. ޝޯއެއް ހުށައަޅާ ވާހަކައެވެ. ޝިޒްނާވެސް މިދަތުރުގަ ރާއްޖެއައެވެ.

ބައްޕަ އަތަށް އޭނާދިއްކޮށްލީ އޭނާގެ އެމް އޭ ސެޓްފިކެޓެވެ. ކައިވެނި ކުރިއަސް ޝިޒްނާ ކިޔެވުން ހުއްޓާނުލައެވެ. އެއީ އޭގެ ނަތީޖާއެވެ. ސަރުކާރުގެ އެހީއާއި ޢާއިލާގެ އެހީލިބި އޭނާ ކިޔެވިއެވެ. މިއަދު އޭނާ އެއައީ ތަޢުލީމީ އަންހެންކުއްޖަކަށް ވެގެންނެވެ. ފިރިމީހާގެ ފުރިހަމަ ސަޕޯޓް ލިބިގެންނެވެ.

މިއަދު އޭނާއަށްވަނީ ކާމިޔާބާ ހަމައަށް ގާތްގަޑަކަށް އާދެވިފައެވެ. އޭނާގެ ކިޔެވުމުގެ ފަހަތުގަ ހުރީ ރަހްމާނެވެ.

އަދި ރަހްމާނުގެ އެންމެ ކުރާހިތްވާކަން، ލަވަކިޔުމުގެ އަދި  ރަހްމާންޕޮޕިޔުލަރ އާދެ މަޝްހޫރު ވުމުގެ ފަހަތުގައި ހުރީ ޝިޒާނާ އެވެ. ރަހްމާންގެ ކާމިޔާބީގެ ފަހަތުގައި ހުރީ ހަމަ ޝިޒާނާ އެވެ. .

“އަހަރެންގެ ފިރިމީހާއަކީ ކެރޭ ހިތްވަރުގަދަ މީހެއް. އަދި ކާމިޔާބު މީހެއް” ޝިޒާނާ އޭނާގެ މަންމަ މަރީނާ ކައިރީ ބުނެލިއެވެ. ޝިޒާނާ ގެ އުފާވެރި ކަމާއި ރަހްމާނުގެ ހެޔޮކަން ފެނިފަ މަރީނާ ހުންނަނީ އުފަލުން ހެވިފައެވެ. އޭނާ ﷲ އަށް ޝުކުރު ކުރިއެވެ. އެކަމަކު އޭނާގެ ފިރިމީހާ ޤާސިމް ކައިރީ ހިމޭނުން އިނދެއެވެ. ރަހްމާނަކަށް މާ ތާއީދު ކުރާ ވާހަކައެއް ނުބުނެއެވެ.

ރާހުލްގެ އެންމެ ފުރަތަމަ ލަވައިގެ ޝޯވް އާއެކު މަޝްހޫރު ކަމުގެ އަލިގަދަ ތަރި އޭނާގެ ދާވަނީގައި ބީހިލައިފި ކަހަލަ އެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަށް ރަހްމާންގެ ބޭންޑުވެސް މަޝްހޫރުވެ ހަމައެކަނި އިންޑިއާ ނޫނަސް ރާއްޖޭގެ ކަންކޮޅުތަކުގައި އެމީހުންގެ ޝޯވްތައް ބޭއްވޭނެ ފުރުސަތު ލިބެމުން ދިއައެވެ. ގިނަ ރިސޯޓުތަކަކީ އާންމުކޮށް އޭނާގެ ގުރޫޕާއެކު ދާ ތަންތަނެވެ. އޭނާގެ ޝޯވް ތަކުގެ ޓިކެޓް ވިކިހުސްވެއެވެ. ރާހުލް ވީ ގިނަ އަންހެންކުދިންގެ ހިތުގެ ތެޅުމަށެވެ. އަދި އެހެން ބޭންޑުތަކަށް މިއީ ހިތާމަވެރި ކަމެކެވެ.

ޝިޒާނާ ގެ ބައްޕަ ޝިޒާނާ އަށް އެމީހުންގެ ގެއިން ފެންވަރު ރަނގަޅަށް ކޮޓަރި ހަދާދިނެވެ. ކާފަޔަކަށް ވާންއުޅޭ ކަމުގެ އުފަލުގައި ޤާސިމު ގެ ފައި އެއްތާކު ނުޖެހެއެވެ. އުފަލުން ގޮސް އޭނާ މުޅި އާއިލާއަށް ހަދިޔާ ބެހިއެވެ. އެތަށް ހާސް ރުފިޔާ އަކުން ސަދަޤާތް ދިނެވެ. ޝިޒާނާ ވެސް ބޭނުންވީ ގެވެހި އަންބެއްގެ ގޮތުގަ ގޭގައި ދިރިއުޅުން ހޭދަކުރާށެވެ. ދިރިއުޅުން ވާވަރަށް ރަހްމާނު ފައިސާ ހޯދައެވެ. އަދި ޝަޒާނާގެ ބައްޕަމެންނަކީ ފޯރުންތެރިވެސް ބައެކެވެ.

ޝިޒާނާ ހުންނަނީ ގޭގައެވެ. ފުރަތަމަ ދަރިފުޅު ހާބީލް ލިބުނު ފަހުން މާމަ މަރީނާ އާއި ކާފަ ޤާސިމްގެ އުފާ ހުންނަނީ އިންތިހާގަޔަވެ. ހާބީލް އަކީ ސިއްހަތު ރަނގަޅު ފިރިހެން ކުއްޖެކެވެ. ބޮޑަށް އެސޮރު ވައްތަރީވެސް ކާފަޤާސިމް އާއިއެކެވެ. ޝިޒާނާ އާއި ރަހްމާނު ކައިވެނި ކުރި ދުވަސްވަރު ރުޅިން ހުއްޓަސް މިހާރު އޭނާގެ ރުޅި މަޑު ވެއްޖެއެވެ. ޙާއްސަކޮށް ކުޑަދަރިފުޅު ހާބީލް ފެނުމުން މިހާރު ރަހްމާނާ އެކު ކެއުމުގައިވެސް ބައިވެރިވެއެވެ. ހިންހެޔޮ ކަމާއެކު ވާހަކަ ދައްކައެވެ. ކުޑަދަރިފުޅާ އެކު ކުޑަކުއްޖެހެން ކާފަ ކުޅެހަދައެވެ. މިމަންޒަރު ބަލާފަ މާމަ މަރީނާ ހެވިލާފަ ހުރެއެވެ. އަދި ކާމިޔާބު ރާހުލް އަކީ ދަނބި ދަރިޔަކަށް ބައްޕަ ޤަބޫލް ކޮށްފިއެވެ. ޝިޒާނާ މިކަމާ ހުންނަނީ ވަރަށް އުފަލުންނެވެ. ދެވަނަ ދަރިފުޅަށް ޝިޒާނާ ބަލިވެ އިނުންވީ މުޅި އާއިލާ ގެ އުފާވެރިކަން ދެގުނަޔަށް އިތުރުވީ ކަމަކަށެވެ. ހަމައެޔާއެކު މުއްސަނދި ކަމާއި ފައިސާ ގެ ދަޅަޔާއި މަޝްހޫރުވުމުގެ މުސީބާތް ރަހްމާނަށް ވެސް އަންނަމުން ދިޔަހެން ހީވިއެވެ. މިހާރު ގޭގަގި ރަހްމާނަށް ހުރެވޭ ވަގުތު މަދެވެ. އޭނާ ހުންނަނީ އަބަދުވެސް ޝޯވްތަކުގައި ރިސޯޓް ގައެވެ. ދެވަނަ ދަރިފުޅު ޝިޒާނާ ވިހެއީ ވެސް ރަހްމާން ރަށުން ބޭރުގަ ހުއްޓައެވެ. ރާހްމާން ވަރަށް ބަދަލުވެއްޖެ ހެންހީވެއެވެ. އަލްމާސަތު ލިބުމާއެކު ޝިޒާނާ އާއިލާފުރިހަމަ ވީކަމުގައި ޝިޒާނާ ހީކުރިއެވެ. ފިރިހެން ދަރިޔަކާއި އަންހެންދަރިއެއް ލިބުނީއެވެ. ރަހްމާނު އާދައިގެ ގޮތެއްގާ ވަރަށް ރަނގަޅެވެ. ދޮށީ ދަރިފުޅު އެއީ ބައްޕަ ގެ މަސައްކަތުގައި ވަރަށް އުޅެއެވެ. ލަވަޔާއެކީ ގައެވެ. މިޔުޒިކްއަށް ދެވި ހިފާފައެވެ. ބައެއްފަހަރު ބައްޕަޔާ އެކު އޭނާ ލަވަ ކިޔައެވެ.

އަންހެންދަރިފުޅު އަލްމާސަތު އަބަދު ހުންނަނީ މަންމަ ކާރީގައެވެ. ނޫނީ މާމަ ކާރީގައެވެ. އެއީ ޝިޒާނާ ކަހަލަ މަޑުމައިތިރި ކުއްޖެކެވެ. ވަރަށް ލަދުރަކި ބަސްއަހާ މަޑުމޮޅި އަންހެން ކުއްޖެކެވެ.

އިންޑިޔާގައި އެމީހުން ބާއްވާ ހަފްލާތަކަށް ޝިޒާނާ ގެންދަން ރަހްމާނު ވަރަށް ބާރުއަޅައެވެ. އެކަމަކު ފުރަތަމައިނުންވެސް ޝިޒާނާ އަކީ މަޑުމައިތިރި ހިމޭންކަމަށް ލޯބިކުރާކުއްޖެއްކަމުން، ރަހްމާނުގެ ޝޯތައް ބަލަން ތަންތަނަށް އޭނާ ނުދެއެވެ. އޭނާއެއްޗެތި ބަލަނީ ގޭގައި އިނދެގެން ޓީވީންނެވެ.

“އެހެންމީހުން އެމީހުންގެ އަނބިންނާއެކު މިހަފްލާތަކަށް ދާތީ އަހަރެން ވަރަށް ހަސަދަ ވެރިވޭ. ޝިޒޫ އަހަރެންނާއެކު ނުދާން ތިޔައުޅެނީ އަހަރެން ބޭރު މީހަކަށްވާތީދޯ”

ރަހްމާން ޝަކުވާކުރެއެވެ.

“އަހަރެންނަކީ އެހާ މަޝްހޫރުވާން ބޭނުންމީހެއްނޫން އެހެންވެ ދާހިތް ނުވަނީ. ގައިމު ރަހްމާނާއެކު ގޮއްސިއްޔާ ނޫހުގެ ފަލަ ސުރުހީއަށް އަރާނެ، މާގިނަ ޕަބްލިކު ހަޕްލާތަކަށް ދާންވަރަށް ފޫހިވޭ، ރަހްމާންގެ ހުރިހާލަވަތައް އަހަރެންގެ އަތުގައި އެބަހުރި” މިއީ ޝިޒާނާގެ ޖަވާބެވެ. ހިމޭންކަމާ އެކު ރަހްމާނު އެކަނި ހަފްލާތަކަށް ދެއެވެ. އެކަމަކު އެހަފްލާތަކުގައި އެހެންކުދިން އޭނާގެ ގާތުގައި މެހިތަކެއްހެން އެނބުރެއެވެ. ޜަހްމާން އެކުދިންނާ ވާހަކަ ދައްކާ ހަދައެވެ. އެކަމަކު އޭނާ އަކީ ޝިޒާނާގެ ފިރިމީހާކަން އޭނާ ހަނދާން ބަހަށްޓައެވެ. ރައްޓެހިން އެވާހަކަ ބުނީމަ ޝިޒާނާ ބުނަނީ މަޝްހޫރު މީހުނާވެވޭ ކައިވެނި ކައިވެންޏަކީ އެޖެސްމެންޓެކެވެ. ދެމީހުން ދެބަސްވާނަމަ އެކައިވެނި ވޯކްއައިޓް ނުކުރާނެކަމަށެވެ، ކޮންމެހެން ފިރިމީހާގެ ފަހަތުން ދާހުރިހާ ތަނަކަށް އަނބިމީހާ ދިޔުން ލާޒިމެއް ނޫނެވެ. ފިރިމީހާ ހޯދާ އާމްދަނީ ބަލަހައްޓާމީހާ ގޭގައި ހުރުން ކޮންމެހެން ބޭނުމެވެ. އެއީ ދެމަފިރިންގެ ވެސް މުދާރައްކާކޮށް ދަރިން ތަރުބީޔަތު ކުރުމަށެވެ. ބޭރުގައި އަދާކުރާވަޒީފާއާއި ފިރިމީހާގެ ފަހަތުން ދިޔުމަށް ވުރެ އަނބިމީހާ ގޭގައި އިއްފަތްތެރިކަމާއެކު އިނުން މުހިންމެވެ. މިއީ ޝިޒާނާގެ ޙިޔާލެވެ. ޝިޒާނާގެ ޢާއިލާގޮތަށް ރަހްމާނުގެ ޢާއިލާވެސް ހުރިހާކަމެއްގައި އެމީހުނާއެކު ބައިވެރިވެއެވެ. އެންމެންވެސް ވަރަށް އެކުވެރިއެވެ.

އެކަމުގައިވެސް ޝިޒާނާއަކީ ނަމޫނާއެކެވެ. އަމިއްލަ މައިންބަފައިންނަށް ދޭލޯތްބާ އިހްތިރާމްއާއި ގަދަރު ރަހްމާނުގެ މައިންބަފައިންނާ ގާތްތިމާގެ މީހުންނަށްވެސް އޭނާދެއެވެ.

“މައިންބަފައިންދެކެ މިއަދު އަހަރެމެންވާ ލޯބި އަހަރެމެންގެ ކުދިން ދަސްކުރާނެ، މިއަދު އެމީހުނަށް އެދަސްވާ އެއްޗެއް އޭރުން އެކުދިން އަހަރެމެންނަށްއެ ލޯބި ދޭނެ. މީ މަޖްބޫރު ލޯތްބެކޭވެސް ބުނެވިދާނެއެވެ. ލޯބިވުމުގައިވެސް މަޖްބޫރެވެ. މައިންބަފައިނަނަށް އިހްތިރާމް ކުރުމުގައިވެސް މަޖްބޫރެވެ. ފިރިމީހާއަށް އިތުބާރުކުރުންވެސް މަޖްބޫރެވެ.” ހެވިލާފަ ޝިޒާނާ ބުނަނީ މިހެންނެވެ.

ރަހްމާން އަކީ ނަމޫނާ ބައްޕައެކެވެ. އަލްމާސަތު އާއި ހާބީލް ގޮވައިގެން ކޮންމެ ހަފްތާއަކު އެމީހުންގެ ދެމަފިރިން އެކުގައި ދަތުރުދެއެވެ. އަދި އެމީހުންގެ ދިރިއުޅުމަކީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އަލްހަމްދުލިއްލާހި
ނިމުނީ

Advertisements
Avatar
ރޯޒީ ޝަރީފަކީ ، ލިޔުންތެރިކަމަށް ޝަޢުގުވެރިކަން ހުންނަ، މިހާރުވެސް ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދާ ލިޔުންތެރިއެކެވެ. ޚާއްސަޮށް ވާހަކަ ލިޔުމާއި، ބިއުޓީ އާއި ބެހޭ ލިޔުންތަަށް ފަރިތަ ލިޔުންތެރިއެެވެ.

4 COMMENTS

Comments are closed.