ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މައުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށާއި، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ 'ޖެންޑަރ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިންގ ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވަރކްޝޮޕް'ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، މި ވަގުތަކީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ލިބެންހުރި މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އައު ސިޔާސަތުތައް އެކުލަވައިލުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ރައީސް ޑރ މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެކަމަނާ ވަނީ، ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވައިލާއިރު ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވާފައެވެ.

މީގެއިތުރުން އެކަމަނާ ވަނީ، މި ސަރުކާރުން މިންތީގެ ހަމަހަމަ ކަމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރުން ނޫންކަމަށާއި، ހަމަ އެއާއެކު ސަރުކާރުގެ މަގްސަދަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުން ކަމުގައެވެ. ހަމައެއާއެކު އިގްތިސާދީ ދާއިރާގައި އޮންނަ އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، ސިޔާސީ ދާއިރާއާއި ރައްޔިތުންނަށް އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ދާއިރާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް.) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ޕާރޓްނަރޝިޕް އިން ސްޓެޓިސްޓިކްސް ފޮރ ޑިވެލޮޕްމަންޓް އިން ދަ ޓުވެންޓީ ފަރސްޓް ސެންޗަރީ (ޕީ.އޭ.އާރް.އައި.އެސް.21) އާ ގުޅިގެން ކޮށްފައިވާ ދިރާސާގެ އަލީގައި، ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަ މަޢުލޫމާތު ހިމެނުމުގެ މުހިންމުކަމުގެ މައްޗަށެވެ.