ހިކނދިފަތަކީ "ރުޓޭސީ"(Rutaceae) އާއިލާއަށް ނިސްބަތްވާ ސައިންޓިފިކް ނަމުން "މަރޭއާ ކޯއެނިގީ" ނަމަކަށް ކިޔާ ކުދި ފަތްތަކެއް ހުންނަ ވަސްގަދަ ފަތެކެވެ. ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކާތަކެތީގެ ރަހަ ރަނގަޅު ކުރުމުގައި ހާއްސަ ދައުރެއް އޮންނަ ހިކަދިފަތް ބޭސްވެރިކަމުގައި ވެސް ބޭނުން ކުރެއެވެ. އަދި މިއީ ސިއްހީ އެތައް ގިނަގުނަ ފައިދާ ތަކެއް އެކުލެވިގެންވާ ފަތެއްވެސް މެއެވެ.

ހިކަދިފަތުގައި ވިޓަމިން ސީ، ވިޓަމިން ބީ، ޕްރޮޓީންސް އަދި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވެއެވެ. އަދި މި ހުރިހާ މާއްދާވެސް ސެލިއުލާ ރިޖެނެރޭޝަނަށް އެހީތެރިވެދީ، އިސްތަށިތަކުގެ ބުޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މަގުފަހިކޮށްދެއެވެ. މި މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު އުފެދުމާއި ބޮލުގެ ހަންގަނޑު އާކުރުމަށް މަގުފަހިކޮށްދެއެވެ. ބޮލުގެ އިސްތަށިގަނޑުރީތިކޮށް ވަރުގަދަ ކޮށްދެއެވެ.

އިސްތަށިގަނޑަށް ބޭނުންވާ ހިކަދިފަތަކީ އެކުލެވޭ އެމިނޯ އެސިޑުން މުއްސަނދި ބާވަތަކަށް ވާތީ މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. މި ފަތްތަކުގައި ހިމެނޭ އެމިނޯ އެސިޑްތަކުގެ ސަބަބުން އިސްތަށިގަނޑުގެ ވަރުގަދަކަން ދަމަހައްޓައި، އިސްތަށިގަނޑަށް އަލިކަން ގެނެސްދެއެވެ.

ހިކަދިފަތުން އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށިފޭބުން ހުއްޓުވުމަށް އެހީތެރިވެދޭއިރު މިއީ ނިއުޓްރިއެންޓްސް، ވިޓަމިންސް އަދި ޕްރޮޓީންސްގެ އިތުރުން ކެލްސިއަމް، ދަގަނޑު އަދި ފޮސްފަރަސް ފަދަ ނިއުޓްރިއެންޓްސް އިން ފުރިފައިވާ ކުޑަކުޑަ ފަތެކެވެ.

ހިކަނދިފަތާއި ހިކަނދިފަތުން ނެގޭ ތެޔޮ ބޭނުންކޮށްގެން ގައިގެ ހަންގަނޑު ހަލާކުވެފައި ހުންނަ ތަންތަނަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެއެވެ. ހިކަނދިފަތުގެ އެސެންޝިއަލް އޮއިލް ބޭނުންކޮށްގެ ހަދާ ކްރީމް އާއި ސަންސްކްރީންއަކީ ހަންގަނޑު ހިމާޔަތްކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ހަމުގެ ކުލަ ރީތިވުމަށާއި އޮފްދާރުކަން ގެނެސްދިނުމަށްވެސް ހިކަނދިފަތް ބޭނުންކޮށްގެން ނެގޭ ތެޔޮ ބޭނުންކުރެވިދާނެއެވެ.