އަންނަ އަހަރު ރާއްޖެއިން 300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކަނީ

0
އަންނަ އަހަރު ބޮންޑުވިއްކުމަށް ސަރުކާރުންވަނީ ނިންމާފައި

އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ ޖަޕާނުގެ މާކެޓަށް ވިއްކަނީ ސަމުރާއީ ބޮންޑެއް ކަމަށެވެ. މީގެ ކުރިން ސަރުކާރުން ވިއްކާފައިވާ ޓީ ބޮންޑުތަކަށް ވުރެ މާ ރަނގަޅު އަގެއްގައި އެ ބޮންޑު ވިއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމުރާއީ ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮޑެވެ.

Advertisements

މިހާރު ކަނޑައަޅާފައިވާ ގޮތުން، މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 0.75 ޕަސެންޓެވެ. ގެރެންޓީ ފީ އާއި މެނޭޖްމެންޓް ފީއާ އެކު މިއަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާ ކަމަށް އަމީރު ވިދާޅުވި އެވެ.

“ތިންސަތޭކަ މިލިއަން ޑޮލަރު އަޅުގަނޑުމެން އެއްފަހަރާ ޕްލޭސްކުރާނީ. އެކަމަކު ތިން ޓްރާންޗެއްގެ ގޮތުގައި. އެއީ 8 އަހަރުން މެޗުއާވާ އެއްޗަކާއި 9 އަހަރުން މެޗުވާއާ އެއްޗެއްގެ އިތުރުން 10 އަހަރުން މެޗުއާވާ ގޮތަށް. އެހެންވީމަ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއް ހިމެނޭ،” އޭނާ ވިދާޅުވި އެވެ.

މާލީ މުއާމަލާތްތަކުގައި ޓްރާންޗަކީ ސެކިއުރިޓީސް ވިއްކާއިރު އެއް ޓްރާންސެކްޝަނެއްގެ ގޮތުގައި އެކަމަކު އެކު ފަހަރުމަތިން ވިއްކާ ނުވަތަ އޮފާ ކުރާ ކޮންމެ ޑީލެކެވެ.

ޑެފިސިޓް ހަމަޖައްސަން މީގެ އިތުރުން ބޭނުންވާ 563 މިލިއަން ރުފިޔާ ޓީ ބިލްގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވެ އެވެ. ޓީބިލް ވިއްކާނީ މިހާރު ވެސް އެމްއެމްއޭ އިން ކަނޑއަޅާފައިވާ އުސޫލުތަކުގެ ދަށުންނެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 37.3 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓް ޑެފިސިޓަކީ 5.6 ބިލިއަން ރުފިޔާ އެވެ.

Advertisements