މަސްވެރިންގެ ދުވަހާ ގުޅުވައިގެން "މިފްކޯ ކުޑަކުދިންގެ ހަވީރު" ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއީ މަސްވެރިކަމުގެ ސިނާއަތާގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނާއި ހިއްސާކޮށް މިސިނާއަތާ މެދު ސްކޫލުކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ހަވީރެކެވެ.

މާދަމާ 8 ޑިސެމްބަރ 2023 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ، ސެންޓްރަލް ޕާރކުގައި ބާއްވާ މި ހަވީރަކީ ކުޑަ ކުދިންނަށް ޝައުގުވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެހެން، އަދި ހުނަރުވެރިކަމާއި ހޭލުންތެރި ކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ.

މާދަމާ ބާއްވާ ހަވީރު ޝައުގުވެރި ފުރިހަމަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ގޮތުން މި ހަރަކާތަށް ވަންނަ މަގު ފަރުމާކޮށްފައި ވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ "ވޯކްވޭ" ރާސްތާއެއްގެ ގޮތަށެވެ. ހަމައެހެންމެ މަސްވެރިކަމާ ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މިހަވީރުގެ ތެރެއިން ފެނިގެން ދާނެއެވެ.

މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާތަކެތި ތައްޔާރުކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލެވޭނެއެވެ.

އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި ބާއްވާ މުބާރާތެވެ. މިމުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް ހާއްސަ އިނާމްތަކެއް ލިބިގެން ދާނެއެވެ.

މި ކުޑަކުދިންގެ ހަވީރު ވެގެން ދާނީ މަސްވެރިކަމުގެ ސިނާޢަތާއި ބެހޭ ތަފާތު މަޢުލޫމާތު ކުދިންނަށް ލިބިގެންދާ އަދި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުޞަތެއްކަމުގައި މިނިސްޓްރީން ދެކެއެވެ.

މި މިނިސްޓްރީއާއި މިފްކޯއިން ގުޅިގެން އިންތިޒާމްކުރާ މި ހަވީރުގެ ހޮސްޓިންގް ޕާޓްނަރަކީ އަރބަންކޯ އެވެ.