ޑރ. އަފްރާޝީމާއި ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓު އަންނަ ހަފްތާގައި އާންމުކުރަނީ

0
މަރުތައް ތަހުޤީގުކުރާ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓް އަންނަ ހަފްތާގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވަންވަނީ ނިންމާފައި

ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ، ކަމާގުޅޭ އިދާރާތަކަށް މިހަފްތާގައި ފޮނުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ވީނުވީއެއްނޭނގި ގެއްލިފާވާ މީހުންނާއި މަރާލާފާވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ، ޢާއިލާތަކަށް އިންޞާފު ހޯދައިދިނުމަކީ މިސަރުކާރުގެ އެންމެބޮޑު އެއްވައުދުކަމަށެވެ. މިމައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން، މަރުޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއާއި، ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް މިދިޔަ ހަފްތާގެ ބުރާސްފަތު ދުވަހު އެމަނިކުފާނަށް ފޮނުވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މަރުގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާ ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެ ދެ ރިޕޯޓްގާ ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގާ، ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ދެ ރިޕޯޓްގެ މަޢުލޫމާތުވެސް ޢާންމުކުރާނަން.” ރައީސް ވިދާޅުވިއެވެ.

Advertisements

ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަވެސް ބަލާދިނުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށް ރައީސް ވިދާޅުވިއެވެ. ވައްކަމާއި ކޮރެޕްޝަންގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަނުން މިކަންކަން ބެލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރައްވަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

“އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އެއަންނަނީ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލަތައް. މިހާރުވެސް 49 ރަށަކާ ފަޅެއްގެ މައްސަލަ އެކޮމިޝަނުން އަންނަނީ ބަލަމުން. އެމައްސަލަވެސް މުޅިން ބަލާނިމި، އަޅުގަނޑާ ހަމައަށް ރިޕޯޓް އައުމުން، އެހެން ރިޕޯޓްތަކާ މެދުގައިވެސް ޢަމަލުކުރާ އުޞޫލުން، ޢަމަލުކުރާނެ ކަމަށް ދަންނަވަން. އަޅުގަނޑު އުންމީދުކުރަނީ، މިއަހަރު ނިމުމުގެ ކުރިން އެ ދެ ކޮމިޝަންގެ މަސައްކަތްވެސް މުޅިން ނިމޭނެ ކަމަށް.” ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ، ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާއި ހަވާލުވެގެން ތިބޭ ބައެއްކަމަށް އެ އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާޞްތެރިކަމާ އެކު ޚިދުމަތް ކުރުމަކީ، ދައުލަތުގެ މަޤާމަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ކުރިއަށް ދާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ ވިންދާ އެއްގޮތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisements