މަތީ ދަރަޖަ ހާސިލްކުރި ފަރާތްތަކަށް ރައީސް މެޑަލް ދެއްވައިފި

0
ރައީސް ދެއްވާ މެޑަލް ލިބުނު 16 ހާފިޒުންނާއެކު ރައީސުލްޖުމްހޫރިއްޔާ

މަތީ ދަރަޖަ އާއި ޝަރަފުގެ ވަނަ ހޯދައި، އެކި ގޮތްގޮތުން ރާއްޖެ ފަހުރުވެރިކޮށްދީފައިވާ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިނާމު ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރާއްޖެ އަށް ރީތި ނަން ހޯދައިދީގެންނާއި މަސައްކަތްތެރިކަމާއި އިލްމީ ގޮތުން އެކި ކާމިޔާބުތައް ހޯދާފައިވާ ގިނަ ބަޔަކަށް އިނާމު ދީފައިވެ އެވެ. ތައުލީމީ ގޮތުން ބަލާއިރު އެންމެ ހާއްސަ އެވޯޑެއް ހާސިލްކޮށްފައި ވަނީ މެލޭޝިޔާގެ ޔުނިވަސިޓީއަކުން މިދިޔަ އަހަރު ޕީއެޗްޑީ ހާސިލް ކުރެއްވި ރ. ހުޅުއްދުފާރު، އޯކިޑްވިލާ ޑރ. ޔޫސުފް ނިޒާމެވެ. އިލެކްޓްރިކަލް އިންޖިއަރިންގެ ރޮނގުން ޕީއެޗްޑީ ހާސިލް ކުރެއްވި ނިޒާމް އިނާމު ހާސިލް ކުރެއްވީ ރިހެބިލިޓޭޝަންގެ އެކި އެޕްލިކޭޝަންތަކަށް ޑެޕްތު ސެންސާ ބޭނުންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން، އޭނާގެ ތީސީސް އަށް ހެއްދެވި ދިރާސާ ބައިނަލްއަގްވާމީ އެކި އާޓިކަލްތަކުގައި ޝާއިއުކޮށްފައިވާތީ އެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 އެއްގައި އިނާމު ހާސިލް ކުރެއްވީ އޭނާ އެކަންޏެވެ. އެކަމަކު ލެވެލް ނުވަ އަކާއި އަށަކާއި ހަތެއްގައި ހިމެނިގެން 32 ބޭފުޅަކު މިރޭ ވަނީ އެވޯޑް ހާސިލް ކުރައްވައިފަ އެވެ.

Advertisements

ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މައުރަޒަކުން އެއް ވަނަ ހޯދައިގެން، ހަތް ބޭފުޅަކު ވަނީ ރައީސްގެ އިނާމު ހާސިލް ކުރައްވައިފަ އެވެ. އަދި މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަށާއި މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން، ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް ވެސް ރައީސް މިރޭ އެވޯޑް ދެއްވި އެވެ.

ގުރުއާން ހިތުދަސްކުރި 14 ހާފިޒަކަށް ރައީސްގެ ހާއްސަ އިނާމު ދެއްވި އިރު، މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން އެއް ވަނަ ހޯދި ދަރިވަރުންނަށް ވެސް އެވޯޑު ދެއްވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި ހުނަރުވެރި އަދި ފަންނުވެރި މަސައްކަތްތެރި ޒުވާނުން، ގައުމުގެ ތަރައްގީ އަށް ކޮށްފައިވާ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ގައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެފަދަ ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރެވޭނެ ގޮތަކާ ދޭތެރޭގައި ވިސްނާވަޑައިގެން، އެ ޒުވާނުންނަށް ވެސް އިނާމަށް ކުރިމަތިލެވޭ ގޮތަށް އަންނަ އަހަރު ހުޅުވާލުމަށް ވެސް ދަންނަވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisements