އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕު ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައި ފާސްކޮށް، ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓައިކަމަށެވެ. އަދި އެތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށްވެސް ބުންޏެވެ.

މި އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ހަރަކާތްތެރިވެފައިވެއެވެ.

އައްޑޫ ސިޓީގައި މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން، ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެތިބޭ މީހުން ބަލައި ފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުންނެވެ.