އޯލެވެލް، އޭލެވެލް ނިންމާފައިވާ ދަރިންވަރުންނަށް އިމާމުގެ ހުކުރުކުރުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފައެވެ.

މިކަން ހާމަކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސް.ކޮމްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޝަހީމް ވިދާޅުވީ، ގްރޭޑް 10 އަދި 11، 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.

މިހާރުވެސް ބައެއް މިސްކިތްތަކުގައި ބައެއް ދަރިވަރުން، އިމާމުންގެ ބެލުމުގެ ދަށުން، އިމާމުވެ ނަމާދު ކުރެއެވެ. ނަމަވެސް ހުކުރުކޮށް ހުތުބާ ކިޔުމުގެ ފުރުސަތު ދެނީ ސަރުކާރުގެ ވަކިހުއްދައެއް އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންނަށް އިމާމުގެ ނަމާދުކުރުމާއި ހުތުބާ ކިޔުން މިދިޔަ ސަރުކާރުން އޮތީ މަނާކޮށްފައެވެ.