"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީގުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިކަމާގުޅޭގޮތުން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މީގެއިތުރުނއ މި މުއާހަދާ ތަންފީޒުކުރުމުން އެ މުއާހަދާގެ ދަށުން އަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި މަރކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ފޭސް-އައުޓްކޮށް އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އާލާތްތައް ފާހަގަކޮށް، އެތަކެތި ނައްތާލުމުގައި ކަނޑައެޅިފައިވާ، ތިމާވެށްޓަށާއި އިންސާނުންގެ ސިއްހަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރުއެޅިގެންދާނެއެވެ. އަދި މިކަން ތަންފީޒުކުރުމަށް މުއާހަދާގެ ދަށުން މާލީ އެހީ ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން މި މުއާހަދާ ތަންފީޒުކުރުން ވެގެންދާނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް މަރކިއުރީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ.

މިނަމާޓާ ކޮންވެންޝަނަކީ ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ސިއްހަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަގްސަދުގައި އދ ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާއެކެވެ.

މިހާތަނަށް 147 ގައުމަކުން މި މުއާހަދާ ތަސްދީގްކޮށްފައިވާއިރު 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ވެސް އަންނަނީ މި މުއާހަދާ ތަސްދީގްކުރުމަށް މަސައްކަތްކުރަމުންނެވެ.