ހުކުރުކޮށް ހުތުބާ ކިޔަން ބޭނުންވާ ގްރޭޑް ދިހައެއް، އެގާރަ، ބާރަަ ނިންމާފައިވާ ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދައަށް ކުރިމަތުލުމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރީން މިއަދު ކުރި އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނީ ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދައަށް އެދި ގްރޭޑް ދިހައެއް، އެގާރަ، ބާރަ ނިންމާފައިވާ ދަރިވަރުން ހުށަހެޅޭނެ ކަމަށެވެ. އަދި އެ ފަދަ ދަރިވަރުން ފޯމު ހުށަހަޅާނީ އިލެކްޓްރޯނިކް ފޯމް މެދުވެރިކޮށް ކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން މިކަމަށް އެދި ހުށަހަޅާ ފޯމް ލިބެން ހުންނާނެއެވެ.

ފޯމާއެކު ހުށަހަޅަން ބޭނުންވާ ތަކެތި ކަމަށް މިނިސްޓްރީގެ އިއުލާނުގައި ހިމަނާފައި ވަނީ:

  • ދަރިވަރުގެ އައިޑީކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކީރިތިޤުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލްގައި އުޅޭނަމަ އެކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ

މީގެ އިތުރުން 18 އަހަރު ނުވާނަމަ ބެލެނެވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން އަންގާފައިވެއެވެ.

ދަރިވަރުން ހުކުރުކޮށް ޚުތުބާ ކިޔުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފުރުސަތު އެ މިނިސްޓްރީން ހުޅުވާލާފައި މިވަނީ އިމާމުންނާއި ޚަތީބުން ލިބުމުގެ ދަތިކަން ހައްލުކޮށް ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.