ފަސް ކަމަކަށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން ވައުދު ވެއްޖެ އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މި ވައުދުތައް އިއްވަވައިފައިވަނީ "ހިޔުމަން ރައިޓްސް 75" ފާހަގަ ކުރުމަށް ބޭއްވި "ޕްލެޖިންގް ޓްރީ ސެޝަން" ގައެވެ.

ނައިބުރައީސް ހުސެއިންގެ ވާހަކަފުޅުގައި ރާއްޖޭގައި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ސަގާފަތް އާލާކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމަށް މިހާރުގެ ސަރުކާރުން ދޭ އަހަންމިއްޔަތު ވަނީ ފާހަގަ ކުރައްވާފައެވެ.

ނައިބުރައީސް ހުސެއިން ވަނީ އިންސާނީ ހައްގުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އޮނިގަނޑުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރާ ގޮތާމެދު މައުލޫމާތު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވަޢުދުވެވަޑައިގެންފައެވެ.

އަދި ހަމައެހެނެމެ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ އެކިއެކި ނިޒާމުތަކާއެކު އިތުރަށް ގުޅުން ބަދަހި ކުރުމަށް މިހާރުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ދިވެހިރާއްޖޭގެ ފަރާތުން ވައުދު ވެވަޑައިގެންފައެވެ.

ހަމަމިއާއެކު މުޖުތަމައުގައި ފަރުދީގޮތުން އަދާކުރާ ދައުރާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ދިވެހިރާއްޖެއިން ވައުދުވާކަން ނައިބުރައީސް ބަޔާން ކުރެއްވިއެވެ. އަދި އެއްވެސް ކުއްޖެއް ބާކީ ނުކޮށް ހަމަހަމަ ގޮތެއްގައި ތައުލީމު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ގައުމީ ފެންވަރުގައި އެކަށައަޅާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް ރާއްޖެއިން ވައުދުވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެފަހު ވައުދެއްގެ ގޮތުން ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދިވެހިންގެ އިންސާނީ ޙައްޤުތަކާ ގުޅިލާމެހިފައިވާކަން ފާހަގަ ކުރައްވައި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ މުސްތަގުބަލު ކަށަވަރު ކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަން ފާހަގަ ކުރައްވާފައެވެ.

ސްވިޒަރލެންޑްގެ ޖެނީވާގައި ބޭއްވި މި ހަރަކާތުގައި ރާއްޖެއިން ވަނީ މައިގަނޑު ފަސް ކަމަކަށް ވައުދުވެފައެވެ. މެންބަރު ގައުމުތަކުން މާނަ ހުރި ކަންތައްތަކެއް ކުރުމަށް ބާރު އެޅުމުގެ ގޮތުން އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި ކެމްޕެއިންގައި، ސަތޭކަ އަށްވުރެ ގިނަ މެންބަރު ގައުމުން ވަނީ އެގައުމުތަކުން ވައުދުވާ ކަންކަން ހުށަހަޅާފައެވެ.