ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރި ފަނޑިޔާރު މަގާމުން ވަކިކޮށްފިއެވެ.

މިމައްސަލައިގައި މަގާމުން ވަކިކޮށްފައިވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމެވެ. އޭނާ މަގާމުން ވަކިކުރުމަށް ނިންމައިފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފަނޑިޔާރު އަލީ އާދަމް މަގާމުން ވަކިކުރަމަށް 46 މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ. އަލީ އާދަމް މެޖިސްޓްރޭޓް ކަމުން ވަކިކުރަން ނިންމީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވުުމުންނެވެ.

މިމައްސަލަގައި ހިމެނޭ ދެމީހުންގެ ތެރެއިން ވަރިވާން ދިޔަ އަންހެން މީހާއަށް ގުޅައި، މެސެޖުކޮށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ފައިވެއެވެ. އަދި ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫންވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވެފައިވެއެވެ.