އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކް އަތުން 1-0 އިން ރޭ ބަލިވުމުން ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފިއެވެ.
މޮޅެވެގެން ނޫން ގޮތަކަށް ދެވަނަ ބުރަށް ދެވެން ނެތް މިމެޗަށް ޔުނައިޓެޑުން ނިކުތީ ބްރެޒިލްގެ ވިންގަރ އެންޓޮނީ އާއި އާޖެންޓީނާގެ ވިންގަރ ގާނާޗޯ އަދި ޑެންމާކުގެ ފޯވާޑް ރަސްމޮސް ހޮޖްލަންޑް ކުރިއަށް ލައިގެންނެވެ. މެޗް ފަށައިގެން ފުރަތަމަ ފަނަރަ މިނެޓް ތެރޭގައި ޔުނައިޓެޑުން ރަނގަޅު ޕްރެޝަރެއް ބަޔާންއަށް ދިނެވެ. އެކަމަކު މުޅި މެޗަށް ބަލާއިރު ބަޔާންގެ ގޯލަށް އަމާޒުކޮށް ޔުނައިޓަޑަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
ބަޔާންއިން ލީޑް ނެގީ މެޗުގެ 70 ވަނަ މިނެޓުގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ފޯވާޑް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ފްރާންސްގެ ފޯވާޑް ކިންގްސްލޭ ކޯމަންއެވެ.
މެޗުގެ އުސްއަލިތައް:
މިމެޗުން ބަލިވުމުން ގްރޫޕް ސްޓޭޖުން ޔުނައިޓެޑް ކެޓީ 4 ޕޮއިންޓާއެކު ގްރޫޕް ފުލުގައި އޮވެގެންނެވެ. މިއީ ޔުނައިޓެޑުގެ ތާރިހުގައި ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުން ޔުނައިޓެޑް ކެޓި ދެވަނަ ފަހަރެވެ.
ބަޔާންއާއެކު މިގްރޫޕުން ދެވަނަ ބުރުން ޖާގަ ހޯދީ ރޭ ގަލަތަސަރާއީގެ މައްޗަށް 1-0 އިން ކުރި ހޯދި ކޯޕަންހޭގަންއެވެ. ފޯރިގަދަ ވެގެންދިޔަ މިމެޗުގެ 90 ވަނަ މިނެޓުގައި ކޯޕަންހޭގަންގެ ލޫކަސް ލެރޭގާއަށް ރަތް ކާޑްވެސް ދެއްކިއެވެ. ކޯޕަންހޭގަންއަށް 8 ޕޮއިންޓް ލިބިފައިވާއިރު ގަލަތަސަރާއީއަށް ހޯދުނީ 5 ޕޮއިންޓެވެ.